ރާއްޖޭގެ އިގްތިސޯދު ބަރޯސާ ވެފައިވާ އެއް ސިނާއަތަކީ ފަތުރުކަމުގެ ސިނާއަތަށް ވާއިރު، ސަރުކާރުގެ ފަރާތުން ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނިމިދިޔަ އަހަރު 2.05 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.3 މިލިއަންނަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެގޮތުން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އައި އިރު ރާއްޖެއަށް މިވަނީ 901،210 ފަތުރުވެރިން އައިސްފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލް ވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ 134 ދުވަސް ތެރޭ ހާސިލްވި ވަރަށް ބޮޑު ކުރިއރުމެކެވެ. އެ މުއްދަތުގައި މި ވަނީ އަމާޒަށް ވާސިލް ވުމަށް 39 ޕަސެންޓް ހާސިލްވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ތެރޭ ރާއްޖެއަށް ވަނީ 9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިދިޔަ އަހަރު ތެރޭ މި މުއްދަތުގައި ރާއްޖެއަށް ވަނީ 833،448 ފަތުރުވެރިން އައިސްފައެވެ. 2023 ވަނަ އަހަރު ތެރޭ މި މުއްދަތުގައި ވަނީ 747،218 ފަތުރުވެރިން އައިސްފައެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުުރުވެރިން އިމިގްރޭޝަން ކައުންޓަރުން ހިދުމަތް ހޯދަނީ

ފަތުރުވެރިން ޒިޔާރަތްކުރި މިންވަރަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 217،392 ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރުތެރޭ ތިން މަސް ދުވަހުގެ ތެރޭގައި ވެސް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ. ތިން މަހުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖެނުއަރީ މަހުގައެވެ. އެއަށްފަހު ހުސްވި އޭޕރިލް މަހު ރާއްޖެއަސް އައިސްފައި ވަނީ 198،322 ފަތުރުވެރިންނެވެ. އަދި މި މަހުގެ ތެރޭގައި 70،466 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޒިޔާރަތްކުރި ފަތުރުވެރިން

  • ޖެނުއަރީ - 214،863 ފަތުރުވެރިން
  • ފެބްރުއަރީ - 214،091 ފަތުރުވެރިން
  • މާޗް - 203،464 ފަތުރުވެރިން
  • އޭޕްރީލް : 198،322 ފަތުރުވެރިން
  • މެއި މަހުގެ 15 އާ ހަމައަށް: 70،466

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ އެއްވަނައިގައި އޮތީ ޗައިނާ، ދެވަނައިގައި ރަޝީއާ އަދި ތިން ވަނައިގައި ޔޫކޭ އެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް:

  • ޗައިނާ - 103،073 ފަތުރުވެރިން
  • ރަޝިއާ - 97،123 ފަތުރުވެރިން
  • ޔޫކޭ - 93،043 ފަތުރުވެރިން
  • އިޓަލީ - 79557 ފަތުރުވެރިން
  • ޖަރުމަނު -69238 ފަތުރުވެރިން
  • އިންޑިއާ - 48471 ފަތުރުވެރިން
  • ފްރާންސް - 33169 ފަތުރުވެރިން
  • ޔޫއެސްއޭ - 28310 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 21226 ފަތުރުވެރިން
  • ޕޮލެންޑް - 16151 ފަތުރުވެރިން

މި އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 71 ޕަސެންޓް ފަތުރުވެރިން، 640،026 ފަތުރުވެރިން އައިސްފައިވަނީ ރިސޯޓްތަކަށެވެ. އަދި 23.5 ޕަސެންޓް ފަތުރުވެރިން، 211،584 ފަތުރުވެރިން އައިސްފައި ވަނީ ގެސްޓް ހައުސްތަކަށެވެ. ހޮތޭލްތަކަށް 3 ޕަސެންޓް ފަތުރުވެރިން އައިސްފައިވާ އިރު ފަތުރުވެރި އުޅަނދުތަކަށް ވަނީ 2.5 ޕަސެންޓް ފަތުރުވެރިން އައިސްފައެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުުރުވެރިންނަށް މަރުހަބާ ކިޔަނީ

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 63،094 އެނދު ހުރިއިރު އޭގެތެރޭގައި 175 ރިސޯޓުގައި ހުރި 43،313 އެނދު، 834 ގެސްޓްހައުސްގައި 14،284 އެނދު، ހޮޓާގައި 2310 އެނދު އަދި 158 ސަފާރީ އުޅަނދު ފަހަރުގައި ހުރި 3187 އެނދު ހިމެނެއެވެ.

މި އަހަރު ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ރިކޯޑު މުގުރާލާފައި ވަނީ 9،605 ފަތުރުވެރިން ރާއްޖެއަށް އައި މާޗް މަހުގެ 29 ވަނަ ދުވަހެވެ. ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހަކީ 9،199 ފަތުރުވެރިން އައި އެ މަހުގެ 25 އެވެ. ފެބްރުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 9،518 ފަތުރުވެރިން އައި އެ މަހުގެ 16 ވަނަ ދުވަހެވެ. މިދިޔަ އޭޕްރީލް މަހުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 8778 ފަތުރުވެރިން އައި މި މަހުގެ 13 ވަނަ ދުވަހެވެ. މި މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނި މި މަހުގެ އެއްވަން ދުވަހު 7349 ފަތުރުވެރިންނެވެ. އެއަށްފަހު ފަތުރުވެރިން ރާއްޖެއަށް އަންނަ އަދަދު މި ވަނީ ދަށަށް ދާން ފަށާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުގެ ރެކޯޑްތައް އުޅެނީ 5000 އިން ދަށުގައެވެ.

ފަތުރުވެރިކަމުގެ ހިދުމަތުގައި ރާއްޖެ ހޭދަ ކުރި 53 އަހަރުގެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް ވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރިއަރީ މަހެވެ. އެ މަހު 217،392 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އެއް ދުވަހެއްގެ މަތިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ 10 ވަނަ ދުވަހުއެވެ. އެ ދުވަހު 10،213 ފަތުރުވެރިން އައިސްފައި ވެއެވެ.