ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) 'ފްރޭމް' ކުރި މައްސަލަ ރިވިއުކުރުމަށް ސުޕްރީމްކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވާއިރު، މި މައްސަލަ ނުބެލި އޮތުމަކީ އިންސާފް ގާއިމު ނުކުރުން ކަމަށް ނާޒިިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކޮށް 3 އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރަން ޖެހުނު ދުވަހުގެ ހަނދާންތައް އާކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

ނާޒިމްގެ ބަޔާނުގައި ވަނީ ހަނދާނަށް އަންނަނީ މީގެ 8 އަހަރު ކުރިއެވެ. 2015 ވަނަ އަހަރު ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ މެންދަމު 3:15 ހާއިރު ނާޒިމްގެ އާއިލާ ނިދިން ހޭލައްވަލީ ރަޔަޓް ގިޔަރުގައި ފުލުހުން ގެއަށް ވަނުމުން ކަމަށެވެ.

"އަޅުގަނޑުގެ އަންހެނުންނާއި ދަރިން ކޮޓަރި ތެރެއިން ބޭރަށް ނެރެ، ބޭރުގައި ބައިތިއްބާފައި ފުލުހުން ވަދެ އަޅުގަނޑުގެ ނިދާކޮޓަރި ސާޗްކޮށް ހޯދީ ފިސްތޯލައެއް. އަދި ޕެންޑަރައިވެއް. ދެން ފާއިތުވެ ދިޔަ މަދު ދުވަސްތަކުގައި ކަންކަން ނިމިގެން ދިޔައީ ވަރަށް ވެސް ހަލުވިކޮށް. މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މަގާމުން އަޅުގަނޑު ވަކިކުރުމާ. ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާވެސް ކުރެވުނު."
ނާޒިމް

އިތުރަށް ނާޒިމް ވިދާޅުވީ ފުލުހުން ނޫން އެހެން ބައެއްގެ ހެކިބަސް ނެތި ފުލުހުން ނޫން އެހެން ބަޔަކަށް ނުހުޅުވޭ ޕެންޑްރައިވެއްގައި ހުރިކަމަށް ބުނާ މައުލޫމާތުގެ މައްޗަށް އޭނާއަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރެއްވި ކަމަށެވެ. ކޮޓަރިން އެ ފިސްތޯލަ ހޯދިއިރު ފުލުހުން ނޫން އެހެން ބައެއް ހެކިވާންވެސް ނެތްކަމަށާއި ފިސްތޯލަ ހޯދި ގޮތުގެ ވީޑިއޯއެއްވެސް ނެތްކަމަށެވެ. އިތުރަށް ނާޒިމް ވިދާޅުވީ އޭނާގެ މައްޗަށް ހުކުމް ކުރީ މިނިވަން ޝަރީއަތަކުން ކުށް ސާބިތުވާނެ އެއްވެސް ހެއްކެތް ނެތިކަމަށެވެ.

އެ ހާދިސާގެ ހަނދާންތައް އާކުރައްވަމުން ނާޒިމް ވިދާޅުވީ އެއީ އޭނާގެ ސިޔާސީ އަދި ޕްރޮފެޝަނަލް ހަޔާތުގައި ލިބިވަޑައިގެންނެވި ފުރަތަމަ ދެރަ ނޫންކަމަށާއި އެއީ އޭނާ އަށް ލިބިވަޑައިގެންނެވި ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އަދި އެއީ ކުށެށް ނުކުރައްވަނީސް ލިބިވަޑައިގެންނެވި އަދަބެއް ކަމަށާއި ގައުމުގެ ހައްގުގައި ކުރެއްވި މަސައްކަތުގައި ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ދުވަސްތަކެއް ކަމަށެވެ. ނުހައްގުން ކުރެވުނު ޖަލު ހުކުމާއި ޖަލުގައި ހޭދަވި 3 އަހަރާއި 6 މަހަކީ ލިބިވަޑައިގެންނެވި ދުނިޔެވީ ތަޖުރިބާއެއް ކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ދިގު މުއްދަތަކަށް އަނބިދަރިންނާއި އާއިލާ ދޫކޮށް ހުންނަން ޖެހުމަކީ ދެރަ ތަޖުރިބާއެއް ކަމަށެވެ. އަދި އެ ފަދަ ދެރައެއް އެހެން މީހަކަށް ލިބެން އެދިވަޑައި ނުގަންނަވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެ ދުވަސް މާޒީވެއްޖެ ކަމަށާއި މިއަދު އަނެއްކާވެސް ނިކުމެވަޑައިގެން ހުންނެވީ ގައުމީ ހިދުމަތުގައި ކަމަށެވެ. ގައުމުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި އަޒުމު ކަނޑައަޅައިގެން ހުނެނެވިކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ބޮޑުވެފައި ގިނަކަމަށެވެ. އަދި ކުރަންޖެހޭ މަސައްކަތްތައްވެސް ގިނަ ކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ދައުލަތް ހިންގުމުގެ ފުރުސަތު ﷲގެ ރަހްމަތުން ލިބިވަޑައިގެންފި ނަމަ މީހެއްގެ ފިކުރަކަށް އަދި ކުލައަކަށް ނުބައްލަވައި އަދުލު އިންސާފު ގާއިމު ކުރައްވާނެ ކަމަށެވެ. އަދި އެހެނިހެން ކަންކަމުގައި ވެސް ހަމަހަމަ އުސޫލުތައް ހިފަހައްޓަވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.