އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި، ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރުސީސީ) ގެ ވޭނަކުން ބަނގުރާ ފުޅިތަކެއް ފެނުނު މައްސަލައިގައި ހައްޔަރުކުރި ޑްރައިވަރު ޑީޕޯޓު ކޮށްލައިފިއެވެ.

މީގެ ހަފްތާއެއް ކުރިން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ފުލުހުން ބަނގުރާ ފުޅިތަކެއް ނަގާފައި ވަނީ އާރުސީސީގެ ވޭނަކުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ބިދޭސީ ފިރިހެނެކެވެ. ހައްޔަރުކުރި މީހާ އަކީ އެވަގުތު އެ ވޭން ދުއްވަން އިން ޑްރައިވަރެވެ.

އެ ދުވަހު ކުރެއްވި ޓްވީޓެއްގައި ނާޒިމް ވިދާޅުވީ، އާރުސީސީގެ ވޭނެއްގައި ބަނގުރާ ފުޅިތަކެއް އުފުލުން ބަލައިނުގަނެވޭ ކަމަށާއި، އެ މައްސަލައަކީ އެ ކުންފުނިން ނުގަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް އެ ކުންފުންޏަކުން އެއްވެސް ވަރަކަށް ހިތްވަރު ނުދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އާރުސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ފުލުހުން އެ މައްސަލަ ތަހްގީގުކުރުމަށް ފަހު، އެކަމުގައި އިހުމާލުވާ ޑްރައިވަރު ރާއްޖެ ނާދެވޭ ގޮތަށް ވަނީ ޑީޕޯޓުކޮށްލާފައި ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް އެ ކުންފުނިން ނުކުރާނެ ކަމަށާއި އެފަދަ އަމަލެއް ކުރުމަށް ހިތްވަރު ވެސް ނުދޭނެ ކަމަށެވެ.