އެމްޑީޕީ އިން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ހެވެއް ނޭދެނެ ކަމަށާއި އެމްޑީޕީގެ އަމާޒަކީ އެމަނިކުފާނަށް އަނިޔާކޮށް އަލުން ވެރިކަމަށް ނާދެވޭ ގޮތް ހެދުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ރައީސް ޔާމީންއަކީ ފިކުރީ އަދި ތައުލީމީ ބޭފުޅެއްކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ނަޝީދު ވަނީ އެ ދެބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުމެއް އޮތީ ހަމައެކަނި 'އިންޑިއާ އައުޓް' މައްސަލަ އާ ގުޅިގެންކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ރޭ ޕީޕީއެމް ކޯލިޝަނުން ކުރިއަށް ގެންދިޔަ އެއްވުމުގައި އަބްދުއްރަހީމް ވަނީ ނަޝީދުގެ ތައުރީފުގެ ބަސްފުޅުތަކަކީ އަމިއްލަ އެދުމެއް އޮތުމުން ދެއްކެވި ވާހަކަފުޅު ތަކެއްކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީނަކީ މޮޅު ރަނގަޅު އަދި ތަންދޮރު ދަންނަ ބޭފުޅެއްކަން ރައްޔިތުން ގަބޫލުކުރާކަމާއި އެކަން ގަބޫލު ނުކުރަނީ އެމްޑީޕީ އިން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންމެ ސަރުކާރަކުން ވެސް މިހާތަނަށް ރައީސް ޔާމީނަށް ދީފައި ވަނީ އަނިޔާކަން ފާހަގަ ކުރައްވަމުން އަބްދުއް ރަހީމް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ދެ ފަހަރެއްގެ މަތިން ރައީސް ޔާމީން ދޫނިދޫ ޖަލަށް ގެންދިޔަ ކަމަށެވެ. އަދި އެއް ފަހަރު ރައީސް ޔާމީން އާރަށުގައި އެކަހެރިކޮށްފައި ބެހެއްޓި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޕްރައިމަރީ އާ މެދު އިދިކޮޅު ކޯލިޝަނުގެ އެއްވެސް ޝައުގެއް ނެތްކަން ފާހަގަ ކުރައްވަމުން އަބްދުއް ރަހީމް ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރާ މީހަކު ބަލަންވެސް ބޭނުން ނުވާކަމަށާއި ކޮންމެ މީހަކު ހޮވުނަސް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ. މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި ރައްޔިތުންގެ ރަނގަޅު ވެރިކަމެއް ކޮށްދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.
ރަނގަޅު ވާހަކައެއް. ގެއެއް އަޅާ މީހަކުވެސް ޓިނުކޮޅެއް ގެންދާނީ އެތަން ހިޔާކުރާށެވެ.
ޢެހެން ބުނަން އެންމެ ރަނގަޅު މީހާ.