ގިނަ ބައެއްގެ މެދުގައި މަގްބޫލު އައިފޯން އުފައްދާ އެންމެ ބޮޑު ފެކްޓަރީ، ފޮކްސްކޮން އަށް ކޮވިޑާ ހެދި ޗައިނާ ލޮކްޑައުން ކުރި މުއްދަތުގެ ތެރޭގައި ގިނަ ގޮންޖެހުންތަކެއް ދިމާވެފައި ވަނިކޮށް، އިންޑިއާގައި ފޯން އުފައްދަން މަޝްވަރާ ކުރަމުން އެބަދެއެވެ.

ފޮކްސްކޮން އާއި ޓާޓާ ގްރޫޕު ގުޅިގެން އުފައްދާ ޖޮއިންޓްވެންޗާ އަކުން އިންޑިއާގައި ފޯން އެސެމްބްލް ކުރުމުގެ އިތުރުން އުފައްދަން ފަށައިފި ނަމަ މިހާރަށް ވުރެ ފޯން އަގުހެޔޮ ކުރެވިދާނެ ކަމަށް ޓާޓާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ފޮކްސްކޮންއިން ވެސް އަދި ޓާޓާއިން ވެސް ރަސްމީ ވާހަކައެއް ހާމަކޮށްފައި ނުވާ އިރު އޮފިޝަލާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ، އެ މަޝްވަރާތައް ނިމި، ވާންޖެހޭ ތައްޔާރީތައް އަންނަ މާޗުގެ ލިޔަލަށް ނިމޭނެ ކަމަށެވެ. އެއާއެކު އިންޑިއާގެ ކަރްނާޓަކާގައި ހުންނަ ވިސްޓްރޯލް އައިފޯން ފެކްޓަރީ ޓާޓާއިން ގަންނާނެ ކަމަށާއި، ދެ ކުންފުނި ގުޅިގެން ހަދާ ޖޮއިންޓްވެންޗާގެ މައި ޝެއާ އޮންނާނީވެސް ޓާޓާގެ އަތުގައި ކަމަށެވެ.

ފޮކޮސްކޮން އަކީ އައިފޯން އުފައްދާ އަދި އެސެމްބަލް ކުރާ ދުނިޔޭގެ އެންމެ ބޮޑު ފެކްޓަރީ ހިންގާ ކުންފުންޏެވެ. މި ފެކްޓަރީގެ ބްރާންޗްތައް ޗައިނާގެ އިތުރުން އިންޑިއާގައި މިހާރުވެސް ހުރެއެވެ. ނަމަވެސް އިންޑިއާގައި ހުންނަ ފެކްޓަރީގައި ފޯނު އުފެއްދުމުގެ ބަދަލުގައި އެސެމްބަލް ކުރަނީއެވެ.

ދުނިޔޭގެ ބޮޑެތި ބިޔަ ބްރޭންޑްތަކުން އެމީހުންގެ އުފެއްދުންތަކުގެ އަގު ހެޔޮ ކުރުމުގެ ގޮތުން، މަނުފެކްޗަރިން އާއި އެސެމްބްލިން ފަދަ ކަންކަން ގިނައިން ކުރަނީ ޗައިނާގައެވެ. ޗައިނާގައި އެމަސައްކަތް ކުރަނީ ބައިގިނަ ވުމާއި މަސައްކަތުގެ އަގު ހެޔޮވުމުން އުފެއްދުން (ޕްރޮޑަކްޓް) ގެ އަގުވެސް ހެޔޮކުރެވޭތީއެވެ.

އެޕަލް ކުންފުނީގެ އައިފޯންވެސް ޓައިވާނަށް ނިސްބަތްވާ ފޮކްސްކޮން އަށް ދީގެން ކުރަނީ އެހެންވެގެންނެވެ. އިންޑިއާ އަކީވެސް ބައިގިނަ ގައުމަކަށް ވުމާއެކު އަގުގެ ގޮތުން ހެޔޮ ކުރެވޭނެއެވެ.

މިއާއެކު އައިފޯން އުފައްދަން ފެށުމުން، އެގައުމަށް ޓެކްނޮލޮޖީގެ ދާއިރާއިން އިތުރު ކުރިއެރުން ވެސް ލިބޭނެއެވެ.