އެޕަލް އިން އެންމެ ފަހުން މާކެޓަށް ނެރުނު އައިފޯން 16 ޕްރޯ، އުރީދޫ މޯލްޑިވްސް އިން ޕްރީ އޯޑަރަށް ހުޅުވާލަން ނިންމައިފިއެވެ.

އުރީދޫއިން ބުނީ މި ސެޕްޓެމްބަރު މަހުގެ 20 ގައި ޕްރީ އޯޑަރަށް ހުޅުވާލާނެ ކަމަށެވެ.

މި ފަހަރު އެޕްލް އިން ނެރުނު އައިފޯން 16 ސީރީޒްގައި ހިމެނެނީ ކުރީގެ މޮޑެލްތަކަށްވުރެ ބޮޑު ސްކްރީނެއްކަމަށާއި، އާ A18 ޕްރޯ ޗިޕެއްގެ އިތުރުން ރެކޯޑިން ފީޗާއާއި ރަނގަޅު ބެޓަރީ ލައިފެއް ހިމެނޭ ކަމަށް އެޕަލް އިން އައިފޯން 16 ތާރަފް ކުރުމަށް ބޭއްވި ގްލޯވްޓައިމް އިވެންޓުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޕަލްއިން ވަނީ މި ފޯނުތަކުގައި އެޕަލްގެ އެއްވެސް ޕްރޮޑަކްޓެއްގައި ހުރި އެންމެ ތުނި ބޯޑަރުތައް ހަރުކޮށްފައިވާކަމަށް ބުނެފައެވެ. ފޯނުގެ ބޮޑީ އަނެއްކާވެސް ހަދާފައި ވަނީ ޓައިޓޭނިއަމްއިންނެވެ.

އެޕަލް އިން އައިފޯން 16 އަދި އައިފޯން 16 ޕްރޯ ތައާރަފުކުރީ އެ ފޯނުތަކުގައި ފެންނާނެ އެންމެބޮޑު ބަދަލަކީ މި އަހަރު އަލަށް ތައާރަފްކުރެވޭ އެޕަލް އިންޓެލިޖެންސް ކަމުގައި ބުނަމުންނެވެ. މި ސީރީޒްގައި ހިމެނޭ A18 ޕްރޯ ޗިޕްގައި 16 ކޯ ނިއުރަލް އެންޖިނެއް ހިމެނޭކަމަށާއި، މި ޗިޕްގެ ސަބަބުން އައިފޯން 15 ޕްރޯއަށްވުރެ 15 އިންސައްތަ އަވަސް ޕަފޯމަންސްއެއް ދޭނެ ކަމަށްވެސް އެޕަލް އިން ބުނެއެވެ.