ދެވަނަ ދައުރަކަށް ފަހު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ތިންވަނަ ދައުރެއް ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސާ ވާދަކުރައްވާ ނަޝީދު ބ. ހިތާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވީ، 2018 ވަނަ އަހަރު އެ ޕާޓީން ހުށަހެޅި މެނިފެސްޓޯގައި، ރައީސް ވެރިކަމުގައި ހުންނަވާނީ ދޮޅު އަހަރު ދުވަހަށް ކަމަށް ލިޔެފައި އޮތް ކަމަށާއި، ސިޔާސީ ލީޑަރުންތައް އޭރު ބަންދުކޮށްފައި ތިބުމުން އެންމެން އެކުގައި ރައީސް ވެރިކަމަށް ގެންނަން ނިންމެވި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މި ދައުރު ނިންމެވުމަށް ފަހު އެހެން ދައުރެއްގެ ވާހަކަ ރައީސް ދައްކަވަމުން ދާއިރު، އެ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލުކުރާ ވާހަކަ ވެސް ދައްކަވާނެ ކަމަށެވެ. އަދި ތިންވަނަ ދައުރަކަށް އިންތިހާބުވާން ބޭނުންވުމަކީ އަބަދުމެ ފެންނަ މަންޒަރެއްގެ ގޮތުގައި ވިދާޅުވިއެވެ.
ރައީސް ވެރިކަމަށް ގެނައީ ތިމަން މަނިކުފާނު ކަމަށާއި، ރައީސް ވެރިކަމުން ބާލާނީ ވެސް ހަމަ ތިމަން މަނިކުފާނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ތުހުމަތުކުރައްވާ ގޮތުގައި އެމަނިކުފާނު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުންތައް ސްކޫލްތަކުގައި ބާއްވައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވިޔަ ނުދިނުމަށްޓަކައި ސްކޫލްތަކުގެ މުވައްޒަފުންނަށް ދަނީ ހުރަސް އަޅަމުންނެވެ.
"އެޑިއުކޭޝަން މިނިސްޓަރަށް ގޮވާލަން އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތަކަށް ކަމަނާގެ ޑިޕާޓްމަންޓުތަކުން ހުރަސް އަޅަމުން ގެންދާ ކަމަށް ވަނީ ނަމަ އެކަމުގެ އިހުތިޖާޖު ޖެހޭނީ ކުރަން،" ނަޝީދު ވިދާޅުވިއެވެ.
މި މަހު 28 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނައިރު، ނަޝީދާއި ރައީސް ގެންދަވަނީ މާލޭގެ އަވަށްތަކަށާއި ރަށްރަށަށް ދަތުރުކުރައްވައި ފޯރިއާ އެކު ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. ނަޝީދު އުތުރުގެ ބައެއް ރަށްރަށުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، އުތުރުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މިހާރު ހުންނެވީ މާލޭގައެވެ.
ބަލަގަ ގާނޫނު އަސާސީ ބަދަލުކުރަން އެންމެ ބޭނުބްވާ މީހާ އަނެކުންގެ ބޮލުގަ ދޮގު އިލްޒާން އަޅުވާ އަމިއްލައަށް ގުދޯ ގުދޯ ތި ގޮވަނީ. ހެޔޮ ނުވާނެ އަންނި ކަހަލަ މުނާފިގަކަށް ގައުމުގެ ވެރިކަން ހޯދަދިނުމަށް މަސައްކަތެއްވެސް ކުރާކަށް. ހާދަހާވާ ވެރިކަމަކަށް ބޫތު ކާގެނޭ ތި އުޅެނީ. ނުލިބޭނެ އަހަރުމެންގެ ވޯޓެއް އިބޫ ނޫން މީހަކަށް. ދެން ހުރޭ ލާދީނީ ފިކުރުގަ މޮޔަ ގޮވާލަ ގޮވާލަ.