އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ނ. ވެލިދޫ ޖަލްސާ ބޭއްވީ މުޅި ރާއްޖެއިން މީހުން ގެނެސްގެން ކަމަށް ވިދާލުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެ ޕާޓީގެ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތުގައި ދެ ކެންޑިޑޭޓުންވެސް ގެންދަވަނީ އަތޮޅުތެރެއަށް ވަޑައިގެން ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.
އެގޮތުން އިއްޔެ ބ އަތޮޅަށް ރައީސް ސޯލިހު ވަޑައިގެންނެވި އިރު ރައީސް ނަޝީދު ވަނީ ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އިއްޔެ ނ. ޅޮއްސަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 2018 ގައި ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ބައެއް ވައުދުފުޅުތައް ރައީސް ސޯލިހް ނުފުއްދަވާ ކަމަށާއި ހާއްސަކޮށް މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދާފައި ނުވާ ކަމަށެވެ. އެހެންކަމުން މަސްވެރިންގެ ވޯޓު ވެސް ރައީސް ސޯލިހަށް ލިބިވަޑައި ނުގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި އޮޅުވާލަން އުޅޭތަން ފެނިވަޑައިގަންނަވާ ކަމަށާއި މުޅި މެދު ރާއްޖެތެރެއިން މީހުން ގެނެސްގެން ވެލިދޫގައި ޖަލްސާ ބާއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެފަދައިން ވިދާޅުވެފައި ވަނީ ދާދިފަހުން ނ. ވެލިދޫގައި ރައީސް ސޯލިހު ކެމްޕެއިން ހަރަކާތުގެ ތެރެއިން ބޮޑު ޖަލްސާއެއް ބާއްވާފައި ވަނިކޮށެވެ. ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު ރ. އަތޮޅުގެ ބައެއް ރަށްތަކުންވެސް އެ ޖަލްސާއަށް މީހުން ދިޔަ ކަން ވަނީ ކަށަވަރު ވެފައެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައަށް ވެސް ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން "ތިޔައީ ޒައީމްއޭ ފަދަ ޒާތުގެ ތައުރީފުގެ ބަސްތައް އެމްޑީޕީގެ ޕޯޑިއަމްތަކުގައި" ރައީސް ސޯލިހަށް ވިދާލުވަމުން ގެންދަވާ ކަމަށާއި "އެކަމާ ކުޑަކޮށް ހިނުތުންވެލާފައި ވެރިޔާ ވެސް އިންނަވާތީ" ލަދުގަންނަ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.