މި ހިނގާ ޖެނުއަރީ 1 ވީ ދުވަހު (31 ޑިސެމްބަރު 2022) ގެ ރޭ ދަންވަރު 12 އިން ފެށިގެން ޖީއެސްޓީ ބޮޑުވުމާއެކު ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތައް ދޭ ދިރާގާއި އުރީދޫގެ ބިލްތަކުގެ ބޮޑު ތަފާތާ އެކު އާންމުން ވަނީ ސުވާލުތައް އުފައްދާފައެވެ.
ދިރާގަކަސް އުރީދޫ އަކަސް ބޭނުން ކުރަނީ ފޯނާއި، އިންޓަނެޓު ފަދަ ހިދުމަތްތައް ކަމަށާއި ދެކުންފުނީގެ ބިލްތަކުގައި ބޮޑުތަފާތެއް އައީ ކީއްވެތޯ އަހާ އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ޖީއެސްޓީއަށް އައި ބަދަލާ އެކު، ގާނޫނާ ހަވާލާދީ މީރާއިން ބުނެފައި ވަނީ، ޑިސެމްބަރު މަހުގެ ބިލަށް އިންވޮއިސް ކުރާ ތާރީހަކީ މި ހިނގާ ޖެނުއަރީގެ ތާރީހެއް ކަމަށް ވާ ނަމަ ޑިސެމްބަރުގެ ހިދުމަތަށް ވެސް ޖީއެސްޓީއަކީ 8 ޕަސެންޓް ކަމަށެވެ.
އުރީދޫން ހެދި ގޮތަކީ، ޑިސެމްބަރު މަހުގެ ހިދުމަތަށް ބިލް ކުރީ 31 ޑިސެމްބަރުގައި ޖީއެސްޓީ ބޮޑު ނުވަނީސް 6 ޕަސެންޓުގައެވެ.
ޑިސެމްބަރުގެ ހިދުމަތަށް ބިލް ކުރި އިރު ދިރާގަށް ވެސް އެހެން ހެދެން އޮތަސް ދިރާގުން ހެދި ގޮތަކީ، ޑިސެމްބަރު 1 އިން 25 އަށް ބިލް ކުރީ މިހިނގާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ބޮޑު ޖީއެސްޓީގައެވެ. ދިރާގު ބިލްތައް ބޮޑުވެގެން އުޅެނީ އެ ސަބަބާ ހުރެއެވެ.
ޓެކްސް ގާނޫނަށް ގެނައި އިސްލާހާ އެކު، ޖީއެސްޓީ މިހާރު ވަނީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުވެފައެވެ. ޓޫރިޒަމް ޓެކްސް ނުވަތަ ޓީޖީއެސްޓީ ވަނީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވެފައެވެ. މީގެ އިތުރުން ބާޒާރު ކުރާ ޕްލާސްޓިކް ކޮތަޅުގެ އަގުވެސް ވަނީ ކުރިން ހުރި އަގަށް ވުރެ 2 ރުފިޔާ އިތުރަށް ބޮޑުވެފައެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީއަށް އައި ބަދަލާއެކު ޓެކްހަށް ބޮޑުވާން ޖެހެނީ ކޮންމެ 100 ރުފިޔާއަކަށް 2 ރުފިޔާ ނަމަވެސް، ޓެކްސް ބޮޑުވުމާއެކު އާންމު ވިޔަފާރިތަކާއި މުދާ ވިއްކާ ފަރާތްތަކުން ބައެއް މުދަލުގެ އަގުވެސް ބޮޑު ކުރުމާއެކު "އަތުން ދާ އެއްޗެއް މިހާރު ބޮޑުވަނީ" އެވެ.
ބާޒާރުގައި އަގުތައް އުފުލި އާމްދަނީ އާ ބައްދަލު ނުވާ ހާލަތަށް ދާ އިރު، ކޮންމެ ބަދަލަކާއެކު މުދަލުގެ އަގުވެސް ވިޔަފާރިތަކުން ބޮޑު ކުރާ މައްސަލައިގައި ކަމާބެހޭ އިދާރާއަކުން ފިޔަވަޅެއް ނާޅައެވެ. ނުވަތަ އެޅި ފިޔަވަޅެއް ފެންނާކަށް ނެތެވެ. އިދާރާތަކުގައި އެކަމާ ސުވާލު ކުރުމުން ދެނީ އެންމެ ޖަވާބެކެވެ. "ބޮޑުވެގެން ނުވާނެ، 100 ރުފިޔާ އަކުން ބޮޑުވާނީ 2 ރުފިޔާ، އެއީ ޖީއެސްޓީ" މިހެންނެވެ.
ނަމަވެސް އާންމުކޮށް ގޭތެރެއަށް ބޭނުންވާ ކާނާ އާއި ހިފާގެންގުޅޭ ތަކެއްޗާއި ކާބޯތަކެއްޗަށް އެވްރެޖްކޮށް މީގެ ކުރިން ކުރާ ހޭދަ 500 ރުފިޔާ އާއި 1000 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ވަނީ އިތުރުވެފައެވެ.
"ޖީއެސްޓީ 2 ރުފިޔާ ބޮޑުވެގެން 500-600 ރުފިޔަ ބޮޑެއް ނުވާނެ ދޯ، ބޮލެއް ހުރި މީހަކަށް ވިއްޔާ އެވަރު އެނގޭނެ ދޯ" ޝުއޫރު ފާޅު ކުރި މީހާ އިތުރަށް ބުންޏެވެ.
މިކަމާ ވިޔަފާރިވެރިން ވެސް ތަފާތު ވާހަކައެއް ދައްކައެވެ. އެމީހުން ބުނަނީ، ޓެކްސް ބޮޑު ކުރީމާއި އެމީހުން މުދާ ގަންނަން ކުރަން ޖެހޭ ހަރަދާއި ޑޮލަރު ގަންނަން ކުރާ ހަރަދުވެސް ބޮޑުވެއެވެ. އެހެންވީމައި މުދަލުގެ އަގަށް ބަދަލު ނުގެނެސް ވާން ނޯންނަ ކަމަށެވެ.
ނަމަވެސް، ޖީއެސްޓީ ބޮޑުވީ ރާއްޖޭގައި ކަމަށް ވާ އިރު ރާއްޖެއިން ބޭރުން ގެންނަ މުދަލުގެ އަގު ބަދަލުވާން ވީ ކޮން ސަބަބަކާ ހުރެހެއްޔެވެ. އެ މުދަލަށް ކުރިންވެސް އަދި މިހާރުވެސް ދައްކަން ޖެހޭނީ އެއްވަރަކަށް ނޫންހެއްޔެވެ. ބޭރުން މުދާ ގެންނަން ބޭންކްތަކުން ޓީޓީއަށް ޑޮލަރު ދެނީ ކުރިންވެސް ދިން ރޭޓުގައެވެ. ދެން ކަޅުބާޒާރުގައި ޑޮލަރަކީ ފްލަކްޗުއޭޓް ވާ އެއްޗަކަށް ވާ އިރު، އެކި ދުވަހު ހުންނާނީ އެކި ރޭޓެވެ. ނަމަވެސް ބޭރުން މުދާ ގެނައުމާއި އެބާވަތުގެ ކަންކަމަށް އާންމުކޮށް ޑޮލަރު ގަންނަނީ ބޮޑެތި އަދަދުތަކުން ކަމަށް ވާ އިރު ކުދިކުދިކޮށް ޑޮލަރު ގަންނަ ރޭޓަށް ވުރެ ލާރިކޮޅެއް ހެޔޮކޮށް އެ ފަދަ ފަރާތްތަކަށް ލިބެއެވެ. އެހެން ނޫނަސް ޑޮލަރަކީ ޖީއެސްޓީ ލައިގެން ވިއްކާ އެއްޗެއްވެސް ނޫނެވެ.
ދެން ޓެކްސް ބޮޑުވީމާއި މުދަލުގެ އަގު ބޮޑުކުރަން ވީ ސަބަބެއް ނުވިސްނެއެވެ. ނަމަވެސް ދިރާގު ހެދިހެން ކުޑަބިލެއް ހެދެން އޮއްވާވެސް ނަހަދާ ބޮޑުބިލް ހެދި ގޮތަށް، ވިޔަފާރިވެރިންވެސް މުދަލުގެ އަގު ބޮޑު ކުރީމައި އަގު ވާނީ ބޮޑެވެ.
ބޯހަލާކު މި ދިރާގް އަކާހުރެ. މަ ސަލާމް
ދިރާގް ބިލްތައް ބޮޑުވި ކަމަކަށް ފާހަގަ ނުކުރެވޭ.