ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ، މި ލައިސަންސް ދޫކުރުމުން، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އިން މިހާރު ދެމުން ދިޔަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުވެފައިވާ ކަމަށެވެ.

ނެޝަނަލް ޕޭމަންޓް ސިސްޓަމްގެ ގާނޫނު (8/2021) ވުޖޫދަށް އައުމާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ދިރާގުގެ މޮބައިލް މަނީ ސާވިސް (ދިރާގު ޕޭ) ކުރިއަށް ގެންދިއުމަށް ހާއްސަ ކުންފުންޏެއް އުފެއްދުމަށް ލައިސަންސް ޝަރުތެއް ދިރާގުގެ މައްޗަށް ލާޒިމްކޮށްފައެވެ. އެއާއެކު ދިރާގުން ވަނީ މިދިޔަ ޑިސެމބަރު މަހުގެ 31 ވަނަ ދުވަހުގައި، ކުންފުނިތަކުގެ ގާނޫނުގެ 10/96 ގެ ދަށުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައެވެ.

ދިރާގުން ބުނެފައި ވަނީ، މި ބަދަލާއެކު އެ ކުންފުނީގެ މޮބައިލް މަނީގެ ހިދުމަތާއި، ރޭވިފައި ހުރި އެހެނިހެން މާލީ ހިދްމަތްތަކުގެ ސަބަބުން، ވިޔަފާރިއަށް ތަނަވަސްކަން ލިބި، ކަސްޓަމަރުންނަށް އިތުރު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.