ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ ހިއްސާއިން ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓްރަކްޗާކޮށް (ރީސައިޒްކޮށް) ހަރުދަނާ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުރުމަށް ނިންމާފައިވާ އެންމެ މުހިންމު އެއް ކަމަކީ ދިރާގުގެ މެޖޯރިޓީ ހިއްސާ އަލުން އަނބުރާ ސަރުކާރަށް ހޯދުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިރާގަކީ ކުރިން ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއް ނަމަވެސް، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ކުންފުނީގެ ހިއްސާ ވަނީ ބޭރު ފަރާތްތަކަށް ވިއްކާލާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިރާގަކީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ހަރުމުދަލެކެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިރާގުގެ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް އިތުރު ކުރުމަކީ ރައްޔިތުންގެ ހެވާ ލާބައަށްޓަކައި، ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމައްޓަކައި އަދި ރާއްޖޭގެ އިގްތިސޯދު އިތުރަށް ކުރިއަށް ގެންދިއުމައްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް އަލުން ހޯދުމަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ނިންމުމާ އެކުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި ކުރަންޖެހޭ އިދާރީ، ޤާނޫނީ އަދި މާލީ އެންމެހައި ކަންކަން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
