މި އަހަރުގެ ދިރާގު 3X3 ޗެލެންޖް ބާސްކެޓް މުބާރާތައް ރަޖިސްޓާ ކުރުމުގެ ފުރުސަތު މާދަމާ ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ ބާސްކެޓް މުބާރާތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު 24 ފެބުރުވަރީ ގެ މެންދުރު 2:00 އަށް ހަމަވާނެކަމަށާއި މި ފޯރިގަދަ މުބާރާތް މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗު މަހުގެ 1 އިން 7 އަށް ސޯޝަލް ސެންޓަރުގެ އައުޓްޑޯ ކޯޓުގައި ކަމަށެވެ.

ދިރާގުން ބުނީ މި މުބާރާތް ކުރިއަށް ގެންދަނީ ޓައިޓަންސް ބާސްކެޓް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކަމަށާއި، މި މުބާރާތުގެ މަގުސަދަކީ ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ.

ދިރާގުން ބުނީ މި އަހަރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހައިލައިގެން ކަމަށެވެ. އެގޮތުން:

އެކެޑެމީ ކެޓަގަރީގެ ދަށުން:

  • 8 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 10 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 12 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން

އޯޕަން ކެޓަގަރީގެ ދަށުން:

  • 14 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 16 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 18 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • ފިރިހެން ޑިވިޝަން 1
  • ފިރިހެން ޑިވިޝަން 2
  • އަންހެން ޑިވިޝަން
  • ބެލެނިވެރިން – ފިރިހެން
  • ބެލެނިވެރިން – އަންހެން

ދިރާގުން ބުނީ މިދިޔަ އަހަރު މި މުބާރާތުގައި 103 ޓީމަކުން ޖުމްލަ 408 ކުޅުންތެރިން ފެނިގެން ގޮސްފައިވާކަމަށެވެ. މި މުބާރާތުގައި ބައިވެރުމަށް ޝައުގުވެރިވާ ޓީމުތަކުން މި ލިންކު މެދުވެރިކޮށް ރެޖިސްޓާކުރުމަށް ދިރާގުން ވަނީ އެދިފައެވެ.

ދިރާގުން ބުނީ އެ ކުންފުންޏަކީ ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ އަދި ދިވެހި މުޖުތަމައަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ.