ސްކޭމް ކޯލްތައް ހުއްޓުވުމަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޑީއެންއާރުން ބުނީ މި އެއްބަސްވުމަކީ ދިވެހިރައްޔިތުންގެ މައުލޫމާތު، ދިރާގާ ހިއްސާ ކުރުމަށް، ދެ ފަރާތުން ގެންގުޅެން ޖެހޭނެ އުސޫލުތަކެއް ބަޔާންކޮށް ވެވިފައިވާ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން އޭޕީއައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް ޑީއެންއާރުން ބަލަހައްޓަމުން އަންނަ ދިވެހި ރައްޔިތުންގެ މައުލޫމާތު ދިރާގާ ހިއްސާ ކުރެވިގެންދާނެކަމަށް ޑީއެންއާރު އިން ވަނީ ބުނެފައެވެ.

މިއާއެކު ކޮންމެ މީހަކުވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ހިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މައުލޫމާތު ޑީއެންއާރު ގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެކަމަށާއި މިކަމުގެ ސަބަބުން ސްކޭމް ކޯލްތައް ހުއްޓުވުމަށް ބޮޑު އެހީތެރިކަމަށް ވެގެން ދާނެ ކަމަށް ޑީއެންއާރު އިން ވަނީ ބުނެފައެވެ.

މީގެއިތުރުން އޮޅުވާލައިގެން ސިމްކާޑު ނެގުންވެސް މީގެން ހުއްޓުވިގެން ދާނެކަމަށް ޑީއެންއާރު އިން ވަނީ ބުނެފައެވެ. މި އެއްބަސްވުމުގެ ދަށުން ދިރާގުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ސައްހަކަށް ޑީއެންއާރުގެ ޑޭޓާ މެދުވެރިކޮށް ކަށަވަރުކުރެވޭނެއެވެ.

މިކަމާ ގުޅިގެން ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފައިދާ ވާނެ ފަދައިން ހިދުމަތް ތައް ފޯރުކޮށްދިނުމަށް ކަމަށާއި ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.