ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ އިހްތިޖާޖުގެ ތެރެއިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭގެ ވަގުތެއްގައި ހައްޔަރުކޮށް، މިއަދު ދޫކޮށްލައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ މިދިޔަ މަހު 25 ގައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނާ ގޮތުގައި، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެކެވެ. ޔާމީނަށް ހުކުމްކުރި ދުވަހުން ފެށިގެން ކޮންމެ ރެއަކު އިދިކޮޅުން އަންނަނީ ސިލްސިލާ ގޮތެއްގައި އިހްތިޖާޖުތަކާއި ހިނގާލުންތައް ބާއްވަމުންނެވެ.

މީޑިއާތަކަށް އިދިކޮޅު ކޯލިޝަންގެ ޕީޕީއެމުން ފޮނުވި މެސެޖެއްގައި ބުނީ، އެ ޕާޓީގެ އެއް ނައިބު ރައީސްކަން ވެސް ކުރައްވާ މުއިއްޒު ހައްޔަރުކޮށްފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ވެސް އެކަން ކަށަވަރުކޮށްދީފައިވާއިރު، މުއިއްޒު ހައްޔަރުކޮށްގެން ގެންދާ ފޮޓޯތަކެއް ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ.

މުއިއްޒު ހިމެނޭހެން ހަތަރު މީހަކު ރޭގެ އިހްތިޖާޖުން ހައްޔަރުކުރި އިރު، އެ އެންމެން ވެސް ވަނީ ފަހުން ދޫކޮށްލައިފައެވެ.

މުއިއްޒު ހައްޔަރުކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައި ކައުންސިލުން ބުނީ، މިއީ ޑިމޮކްރަޓިކް ވެއްޓެއްގައި ކަންކަން ކުރިއަށް ދާން ޖެހޭނެ ގޮތެއް ނޫން ކަމަށެވެ. މޭޔަރު ހައްޔަރުކުރުން ކައުންސިލުން ސިފަކޮށްފައި ވަނީ އެއީ މޭޔަރުގެ ބާރު ކަނޑުވާލައި އަޑު ކަނޑުވާލުމަށްޓަކައި ކުރި ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައެވެ.

އިދިކޮޅުން ބުނީ ޔާމީން މިނިވަންވުމާ ހަމައަށް އިހްތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޔާމީންގެ މައްޗަށް ހުކުމް އިއްވީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރުމުގެ ފުރުސަތު ބަންދުކުރުމުގެ ގޮތުންނެވެ.