މޫނުމަތީގައި ބިހި ނަގާ އަދި ލަކުނު ލުމަކީ އަންހެނުންނާއި ބައެއް ފިރިހެނުން ވަރަށް ދެރަވާ ކަމެކެވެ. ފުރާވަރަށް އަރަމުން އަންނަ އިރު ބައެއް އަންހެން ކުދިންގެ މޫނު މަތިން ބިހި ނަގައެވެ. ނަމަވެސް އުމުރުން ދުވަސް ވިޔަސް ބައެއް އަންހެނުންގެ މޫނުން ބިހި ނެގުން ނުހުއްޓެއެވެ. ހޯމޯން ބެލެންސް ނުވުމުގެ ސަބަބުންނާއި އެކި ކަހަލަ އިންފެކްޝަންސް އަދި ހަންގަނޑުގައި އުފެދޭ ޖަރާސީމުތަކުގެ ސަބަބުންވެސް އަންހެނުންގެ މޫނުން ބިހި ނެގުމަށް މެދުވެރިވެއެވެ.

މޫނުގައި އުނގުޅާ އެކި ބާވަތުގެ ކްރީމްތަކާއި، ބޭސްތަކާއި، ހަންގަނޑަށް ދޭ ތަފާތު ފަރުވާ ދީގެން ވެސް ރަނގަޅު ނުވާ ބައެއް މީހުން އުޅެއެވެ. މޫނުގައި މާ ގިނައިން ބިހި އަދި ލަކުނު ހުރުމަކީ މީހުންގެ ތެރެއަށް ނިކުންނަން ވެސް ލަދުވެތި ކަމެއް ކަމަށް ބައެއް އަންހެނުން ބުނެއެވެ.

އިގިރޭސިވިލާތުގެ މެންޗެސްޓާ އަށް އުފަން ފިޓްނަސް އިންސްޓްރަކްޓަރެއް ކަމުގައިވާ ސާރާ އަކީ ވެސް ފުރާވަރުން ފެށިގެން މޫނުގައި ބިހި އަދި ލަކުނުތައް ލުމުގެ ސަބަބުން އެކަމުން އަރައިގަތުމަށް އެތައް ދުވަހެއް ހޭދަކޮށްފައިވާ އަންހެނެކެވެ. ސާރާ ގެ އުމުރުން މިހާރު 28 އަހަރު ވީއިރު، މޫނުގައި ހުރި ބިހިތަކާއި ލަކުނުތައް ފިލުވަން ކުރި މަސައްކަތުން މިހާރު މިވަނީ އެދެވޭ ނަތީޖާއެއް ފެނިފައެވެ.

ސާރާ ބުނި ގޮތުން ކެއުމަށް ގެނައި މިބަދަލުން އޭނާގެ ދިރިއުޅުން މިވަނީ މުޅިން ބަދަލުވެފައެވެ. އާދައިގެ ހުދު ފުށް ބޭނުން ކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަކެތި ކެއުން އެއްކޮށް ހުއްޓާލުމުން ސާރާގެ މޫނު މަތިން ތަފާތު ފެންނަން ފެއްޓިއެވެ. އެގޮތުން ކުރިން ހުރި ބޮޑެތި ބިހިތައް ފިލައި ލަކުނު ތައްވެސް ފިލަން ފެށިއެވެ.

ރީފައިންޑް ކާބޯހައިޑްރޭޓްސް އެކުލެވިގެންވާ ތަކެތީގެ ތެރޭގައި ހިމެނޭ ގޮދަން ފުށުގައި ތައްޔާރު ކޮށްފައި ހުންނަ ކާބޯތަކެތި ހުއްޓާލިތާ 6 ހަފްތާ ތެރޭގައި ސާރާ އަށް ތަފާތު ފެންނަން ފެށިއެވެ. ކިތަންމެ ކާހިތްވިޔަސް ދެން ސާރާ އަށް އެންމެ މީރު ހޭމް ސޭންޑްވިޗް ވެސް ނުކާނެ ކަމަށް މިވަނީ ބުނެފައެވެ.

އެހެން ކަމުން މޫނުގައި ބިހި އަދި ލަކުނު ހުރި އަންހެން ކަނބަލުން އަދި ފިރިހެން ބޭފުޅުން ވެސް މިކަމުގެ އަޖުމަ ބަލާލުން ރަނގަޅެވެ.