އާންމުކޮށް މޫނުގައި ބިހި ނަގާނަމަ، އެކަމަށް ފަރުވާއަކަށް ރަނގަޅު 'ސްކިންކެއާ ރޫޓިން' އެއް ގެންގުޅުން މުހިންމެވެ. ކޮންމެ ދުވަހަކު މިފަދައިން އެކަހަލަ ރޫޓިން އެއް ބޭނުންކުރާނަމަ، މޫނުގައި ނަގާ ބިހިތައް ކޮންޓްރޯލް ކުރުމަށް އެހީވެދެއެވެ.

ހަންގަނޑަށް ދިމާވާ އެކި ކަހަލަ ބަލިތަކަށް ހާއްސަކޮށް ވަރަށް ގިނަ ބާވަތްތަކުގެ ޕްރޮޑަކްޓުތައް ލިބެން ހުރެއެވެ. ޕްރޮޓަކްޓުތައް ގިނަ ކަމުންނާއި، އެކި ގޮތް ގޮތުން ލިބެން ހުންނަ މައުލޫމާތުތައް ގިނަ ކަމުން، ތިމަންނަ އަށް އެންމެ ރަނގަޅުވާނީ ކޮން ޕްރޮޑަކްޓެއް ބޭނުންކުރީމަތޯ އާމެދު ބައެއް މީހުންނަށް ޝައްކު އުފެދެއެވެ.

ހަނދާން ބަހައްޓަންވީ ކަމަކީ ކޮންމެ މީހެއްގެ ހަންގަނޑުވެސް އެހެން މީހުންނާ ހާސްބައި ތަފާތުވާނެކަމެވެ. އެކި މީހުންނަށް ފައިދާކުރާނީވެސް އެކި ކަހަލަ ޕްރޮޑަކްޓުންނެވެ. ތިމާއަށް އެންމެ އެކަށޭނަ ޕްރޮޑަކްޓަކީ، ނުވަތަ ނަތީޖާ ނެރެން އެންމެ ރަނގަޅު ޕްރޮޑަކްޓަކީ ސީދާ އެންމެ އަގު ބޮޑު ޕްރޮޑަކްޓަށް ވާކަށް ނުޖެހެއެވެ.

ދުވާހަކު ދެ އިރު، ހެނދުނު އަދި ރޭގަނޑުގެ މަދު މިނެޓުކޮޅެއް މިކަމަށް ހޭދަކޮށްލާށެވެ. މިއީ މޫނުގެ ހަންގަނޑު ބެލެހެއްޓުމަށް ސްކިންކެއާ ރޫޓިންއެއްގައި ކުރަންވީ އަދި ނުކުރަން ސަމާލުކަން ދޭންވީ ކަންތައްތަކެވެ.

މަޑުމައިތިރި ކަމާއެކު މޫނު ދޮވުން

މޫނު ދޮވުމުގެ ކުރިން އަތް ރަނގަޅަށް ދޮވެ ސާފުކޮށްލާށެވެ. ހަމަ އެކަނި އަތުގެ އިނގިލިތައް ބޭނުންކޮށްގެން މޫނު މަޑު މަޑުން އުނގުޅާލައިގެން ދޮވެލާށެވެ. މޫނު ދޮންނަ އިރު، ދަތްދޮޅިއާއި، ކަރު އަދި ކަންފަތްވެސް ރަނގަޅަށް ދޮންނަން ސަމާލުކަންދޭށެވެ. ތަންކޮޅެއް ހަރުކަށި ސްކްރަބް އެއް ބޭނުންކޮށްގެން މޫނު ދޮންނަ ނަމަ، ހަންގަނޑު އިތުރަށް ސަކަރާތްވުން ގާތެވެ.

މޫނު ދޮންނަން ބޭނުންކުރަނީ ތިމާގެ ހަންގަނޑާ ގުޅޭ ޕްރޮޑަކްޓެއްތޯ ޔަގީންކުރުންވެސް މުހިންމެވެ.

  • މޫނުގައި އާންމުކޮށް މަދުން ބިހި ނަގާނަމަ، ބާރުގަދަ މޫނު ދޮންނަ ޕްރޮޑަކްޓެއް ބޭނުންކުރުން އެހާ ރަނގަޅެއް ނޫނެވެ. އެކަހަލަ ހަންގަނޑު ހުންނަ މީހުންނަށް ހަމުގެ ޑޮކްޓަރުން ލަފާދެނީ ސެލިސިލިކް އެސިޑް ނުވަތަ ބެންޒޮއިލް ޕެރޮކްސައިޑް ހުންނަ ޕްރޮޑަކްޓެއް ބޭނުންކުރުމަށެވެ.
  • ގިނައިން މޫނުގައި ބިހި ނަގާނަމަ، އެކަމަށް ބޭސްކާ މީހުންވެސް އުޅެއެވެ. ހާއްސަކޮށް ޕޮލިސިސްޓިކް އޯވަރީ ސިންޑްރަމް (ޕީސީއޯއެސް) ހުންނަ މީހުން ހޯމޯންތައް ކޮންޓްރޯލް ކުރުމަށް ބޭސްކައެވެ. މިފަދަ ހާލަތުގައި އެންމެ ރަނގަޅުވާނީ މޫނު ދޮންނަން، ނަން-މެޑިކޭޓަޑް ޕްރޮޑަކްޓެއް ބޭނުންކުރަން ކަމަށް ހަމުގެ ޑޮކްޓަރުން ބުނެއެވެ. އެގޮތުން، ޑަވް، ސެޓަފިލް ނުވަތަ ނިއުޓްރޮޖީނާގެ ޕްރޮޑަކްޓުތައް ރަނގަޅުކަމަށް ޑޮކްޓަރުން ބުނެއެވެ.

މޭކަޕް ކުރާނަމަ، ނުވަތަ މޫނު މާބޮޑަށް ދާހިއްލާނަމަ، ރޭގަނޑު މޫނު ދޮންނަ އިރު، ދެ ފަހަރަށް މޫނު ދޮވެލާށެވެ. މީގެ ސަބަބުން މޭކަޕާއި، ދަލާއި، މޫނުގައި ހިފާފައި ހުންނަ ހިރަފުސްތައް ސާފުކުރެވޭނެއެވެ. ހަރުކަށި ސައިބޯނި ނުވަތަ އެންޓިބެކްޓީރިއަލް ހޭންޑް ވޮޝް މޫނުގައި ބޭނުން ނުކުރާށެވެ. އޭގެ ސަބަބުން ހަންގަނޑު ސާފު ނުވި ނަމަވެސް ހަންގަނޑު ހަލާކުވާނެއެވެ.

ޓޯނަ ނުވަތަ އެސްޓްރިންޖަންޓް ބޭނުންކުރުން

މި ފިޔަވަޅަކީ އިހްތިޔާރީ ފިޔަވަޅެކެވެ. އެތަކެތީގައި ހިމެނޭ މާއްދާތަކަށް ބެލުމަށްފަހު، އެސްޓްރިންޖަންޓް ނުވަތަ ޓޯނަސް އިން މި ގޮތްގޮތުން އެހީތެރިވެއެވެ.

  • އިތުރު ތެޔޮ ނައްތާލާދޭ
  • ހަންގަނޑު ހައިޑްރޭޓް ކޮށްދޭ
  • ބްލެކްހެޑްސް އާއި ބްލެމިޝްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ

ޓޯނަ ބޭނުންކުރާނީ މޫނު ދޮވެގެންނެވެ. ކޮޓަން ބޯލެއް ނުވަތަ ކޮޓަން ޕެޑްއަކަށް ޓޯނަ އެޅުމަށްފަހު މަޑުމަޑުން މޫނާއި ކަނދުރާގައި ހާކާލާށެވެ. މިގޮތަށް ކަންތައް ކުރުމުން ބާކީހުރި މޭކަޕާއި ކްލެންސަ ރެސިޑިއުސް އަދި ތެޔޮ ނައްތާލެވޭނެއެވެ.

އެސްޓްރިންޖަންޓްސް އަކީ މޫނު އިތުރަށް ހިކިދާނެ މާއްދާއެއް ކަމުން ތިރީގައި މިވާ ކަންކަން ހަނދާނުގައި ބަހައްޓާށެވެ.

  • ތެޔޮ ހަންގަނޑުގެ ބާވަތްތަކަށް އެންމެ ރަނގަޅީ: އެސްޓްރިންޖަންޓްސް އިން ހަންގަނޑުން އިތުރު ތެޔޮ ނައްތާލާއިރު، މިއީ މޫނު ތެޔޮވާ މީހުންނަށް ވަރަށް ރަނގަޅު އެއްޗެކެވެ. ގުދުރަތީ ގޮތުން ނުވަތަ ބިހިތަކަށް ބޭސް ބޭނުންކުރާތީ ހަންގަނޑު އިތުރަށް ހިކިފައި ހުންނަނަމަ، ހައިޑްރޭޓިން ޓޯނަރަކީ ތިބާއަށް އެންމެ ރަނގަޅު އެއްޗެވެ.
  • އަލްކޮހޯލް ނުހިމެނޭ ޕްރޮޑަކްޓްތައް ހޯދުން: ޕްރޮޑަކްޓުތަކުގައި ހިމެނޭ އަލްކޮހޯލް ކޮންޓެންޓަށް ސަމާލުކަން ދޭށެވެ. ހާއްސަކޮށް ހަމުގެ ނާޒުކު ބާވަތްތަކަށް އަލްކޮހޯލް ހިމެނޭ ޕްރޮޑަކްޓުތައް ރަނގަޅެއް ނޫނެވެ. އަލްކޮހޯލް ފްރީ ޕްރޮޑަކްޓުތަކަކީ ހަންގަނޑު ހިކޭނަމަ އެންމެ ރަނގަޅު ޗޮއިސްއެވެ.

ޓޯނަސް އަކީ މޫނުގައި އިތުރަށް އުފެދޭ ތެލާއި މޭކަޕް ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންނަމަވެސް ޓޯނަ ނުވަތަ އެސްޓްރިންޖަންޓްސް ބޭނުންކޮށްގެން ހަންގަނޑު މާ ބޮޑަށް ހިކޭނަމަ ނުވަތަ އުނދަގޫވާނަމަ އެތަކެތި ބޭނުން ނުކުރާށެވެ.

ބިހިތަކަށް ބޭސް ބޭނުންކުރުން

މޫނުގައި ހާކާ ޓޯނަ މުޅިން ހިކުމުން ނުވަތަ މޫނު ދޮވެ ރަނގަޅަށް ހިކުމަށްފަހު، ބިހިތަކަށް ބޭނުންކުރާ ބޭސް ހާކާށެވެ. ޑޮކްޓަރު ދީފައިވާ ބޭސް، ނުވަތަ ގަނެގެެން ބޭނުންކުރާ ޖެލް ނުވަތަ ކްރީމް ހޭކުމަށްފަހު، މޮއިސްޗުރައިޒާއެއް ބޭނުންކުރުމުގެ ކުރިން އިރުކޮޅެއް ވަންދެން މަޑުކޮށްލާށެވެ. ބިހިތަކަށް ބޭހެއް އިހްްތިޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާނަމަ، ހަމުގެ ޑޮކްޓަރު ނުވަތަ ސިއްހީ ހިދުމަތް ދޭ ފަރާތެއްގެ ލަފާ ހޯދާށެވެ.

މޮއިސްޗުރައިޒަ ބޭނުންކުރުން

ބައެއް މީހުނަށް ގަބޫލުކުރެވިފައި އޮންނަނީ ހަންގަނޑު ތެޔޮވާ މީހުން މޮއިސްޗުރައިޒަ ބޭނުން ކުރަން ނުޖެހޭކަމަށެވެ. ނަމަވެސް، މިއީ ސްކިންކެއާ ރޫޓިންއެއްގައި ދޫކޮށްލައިގެން ނުވާނެ ކަމެކެވެ. ބިހިތަކަށް ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ހަންގަނޑު ހިކެން މެދުވެރިވާއިރު، މޮއިސްޗުރައިޒައެއް ބޭނުންކުރަން އެބަޖެހެއެވެ. އެގޮތުން ހެނދުނު އަދި ރޭގަނޑުވެސް މޮއިސްޗުރައިޒަ ބޭނުންކުރަން ހަމުގެ މާހިރުން ލަފާދެއެވެ.

ހަންގަނޑު ތެޔޮވާ މީހުންނަށްވެސް ހާއްސަ މޮއިސްޗުރައިޒަ ހުންނައިރު، ތިމާ ބޭނުންކުރަނީ އަމިއްލަ ހަންގަނޑަށް އެންމެ އެކަށޭނަ ޕްރޮޑަކްޓެއްތޯ ޔަގީންކުރާށެވެ. މޮއިސްޗަރައިޒިން ޖެލްތަކާއި ލޯޝަންތަކަކީ އާންމުގޮތެއްގައި ކްރީމްތަކަށް ވުރެ ލުއި އެއްޗެކެވެ. ކޮންމެ ގޮތެއް ވިޔަސް ތެޔޮ ނެތް އަދި ނޮންކޮމެޑޯޖެނިކް ލޭބަލް ޖަހާފައިވާ އެއްޗެހި އިހްތިޔާރު ކުރާށެވެ.

ސަން ޕްރޮޓެކްޝަން ބޭނުންކުރޭ

މޫނުގައި ނަގާ ބިހިތަކަށް ބޭނުންކުރާ ބޭހާއި އެކްސްފޯލިއޭޓް ކުރާ މާއްދާތަކުގެ ސަބަބުން އިރުގެ އައްޔަށް ހަންގަނޑު އިތުރަށް ނާޒުކުވެގެންދެއެވެ. އެހެންކަމުން، އިރުގެ އަލިން މޫނު ރައްކާތެރިކޮށްދޭކަން ކަށަވަރުކުރުމަކީ، ހަންގަނޑު ބެލެހެއްޓުމުގެ ރޫޓިންގެ މުހިންމު ބައެކެވެ.

ގިނަ މޮއިސްޗަރައިޒަތަކުގައި މިހާރުވެސް ސަން ޕްރޮޓެކްޝަން ފެކްޓަ (އެސްޕީއެފް) އެކުލެވިގެންވާއިރު، އެފަދަ މޮއިސްޗަރައިޒަ ބޭނުންކުރުމުން އިރުގެ ރައްކާތެރިކަން ލިބިގެންދެއެވެ. މޮއިސްޗަރައިޒާގައި އެސްޕީއެފް ނުހިމެނޭނަމަ ވަކިން ސަންސްކްރީން އެއް ބޭނުންކުރާށެވެ. މިގޮތުން ސަންސްކްރީންއެއް ހޯދާއިރު، މޫނަށް ހާއްސަ ޕްރޮޑަކްޓެއް ބޭނުންކުރަން މުހިންމެވެ.