ބޮލުން ހަން ފޮޅުމަކީ މިއަދު އަންހެނުން އާއި ފިރެހެނުން ވެސް ތަހައްމަލް ކުރަމުންދާ ކަމެކެވެ. އާންމުކޮށް ބޮލުގެ ހަންގަނޑު ހިކި، ބޮލުން ހުދު ކުނޑި ކަހަލަ ހަން ކޮޅުކޮޅު އައުމަކީ ޑޭންޑްރަފް ހުންނަ ކަމުގެ އަލާމާތެކެވެ. އަދި އާންމުކޮށް ހަންގަނޑު ތެޔޮ މީހެއް ނަމަ، އިސްތަށިގަނޑާއި ބޯ ތެޔޮ ވެފައި ހުރުމަކީ ވެސް އަލާމާތެކެވެ.
މި ކަމުގެ ސަބަބުން އިސްތަށިގަނޑު ހަލާކުވެ ބޮލުން އިސްތަށި ފޭބުން ފަދަ ކަންތައް ތަކާއި ކުރިމަތި ލާން ޖެހެއެވެ. ކިތަންމެ ބަލައިގެން އުޅުނު ނަމަވެސް ކިތަންމެ އަގުބޮޑު މޮޅު ޕްރޮޑަކްޓެއް ބޭނުންކުރި ނަމަވެސް، އެކަމުން ސަލާމަތް ނުވެވިގެން އުޅޭ އެތަކެއް ބަޔަކު އުޅެއެވެ.
މި ކަމަކީ ގުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ގޭގައި ވެސް ފަރުވާ ހޯދިދާނެ ކަމަކަށް ވާއިރު މި ލިޔުމުގައި ބަލާލާނީ ބޮލުން ހަންފޮޅުން ހުއްޓުވުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
ހަންފޮޅުން ހުއްޓުވުމަށް ގޭގައި ކުރެވިދާނެ ކަންކަން:
އަލޯވެރާ
އަލޯވެރާ އަކީ ބޮލުގައި ހަންފޮޅުން ހުއްޓުވުގެ އިތުރުން ބޮލުގެ ރިހުމަށް ވެސް ބޭނުން ކުރެވިދާނެ މުހިއްމު އެއްޗެކެވެ. މީގެ އިތުރުން ގައިގެ ހަންގަނޑު ރީތި ކޮށް ބެހެއްޓުމަށް ވެސް އެލޯވެރާ މުހިއްމު ރޯލެއް ކުޅެއެވެ.
އެޕަލް ސިޑާ ވިނެގާ
އެޕަލް ސިޑާ ވިނެގާ އަކީ ބޮލުން ހަންފޮޅުން ހުއްޓުވުމަށް ބޭނުން ކުރާ އެއްޗެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އެޕަލް ސިޑާ ވިނެގާ ހުންނަ އެސިޑިޓީގެ ސަބަބުން މަރުވެފައި ހުންނަ ހަމުގެ ސެލްތައް ސާފު ކުރުމަށް އެހީތެރި ވެދެއެވެ. އަދި އޭގެ ސަބަބުން ހަންގަނޑުގެ ޕީއެޗް ރަނގަޅު މިންވަރެއްގައި ހިފަަހައްޓައިދީ، ބޮލުން ހަންފޮޅުން ހުއްޓުވައި ދެއެވެ.
މި ބޭނުން ކުރަން އެންމެ ރަނގަޅު ގޮތަކީ ޝޭމްޕޫއަށް 3-2 ތިކި އަޅައި، ނުވަތަ ތެލަށް 3-2 ތިކި އަޅާލުމަށްފަހު ބޭނުން ކުރުމެވެ.
ލުނބޯ
ލުނބޯ އަކީ ބޮލުން ހަންފޮޅުން ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރާ އެއްޗެކެވެ. ލުނބޯގެ ސަބަބުން ހަންގަނޑުގައިވާ ޖަރާސީމު ނެތިގެން ގޮސް މަރުވެފައިވާ ހަންގަނޑުގައި މަރުވެފައިވާ ސެލް ތަކުގެ އަދަދު މަދުކޮށްދެއެވެ. މިގޮތުން ކޮންމެ ދުވަހަކު ލުނބޯ ހުތް، ފެނަށް އަޅައިގެން ބޯ ރަނގަޅަށް ދޮންނާށެވެ.
ކާށި ތެޔޮ
ކާށި ތެލަކީވެސް ބޮލުން ހަން ފޮޅުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ ވަރަށް ފައިދާ ހުރި އެއްޗެކެވެ. ބޮލުން ހަން ފޮޅުން އިތުރު ކުރުވާ ކަމެއް ކަމަށްވާ ހަންގަނޑު ހިކުން ހުއްޓުވުމަށް ކާށި ތެލަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ދިރާސާއަކުން ދެއްކި ގޮތުގައި ކާށި ތެލަކީ މިނެރަލް އޮއިލް އާއި އެއްވަރަށް ހަންގަނޑު ހިކުން ހުއްޓުވުމުގައި ބޭނުންތެރި ބައެކެވެ. އަދި ކާށިތެލަކީ ޑޭންޑްރަފަށް ބައެއް ފަހަރު މެދުވެރި ކުރުވާ ހާލަތެއް ކަމަށްވާ އެކްޒީމާ ފަސޭހަ ކުރުމުގައިވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ.
އޮލިވް އޮއިލް
އޮލިވް އޮއިލް އަކީ ބޮލަށް އެންމެ ބޮޑަށް ފަރުވާ ކުރުވަނިވި ތެލެވެ. މިގޮތުން ބޯ ދޮންނަ އިރު ޝޭމްޕޫ އާ އެކު މި ތެޔޮ ބޭނުން ކުރުމަކީ ރަނގަޅު ގޮތެކެވެ. އެއީ އެ ތެލުގައި ހަންގަނޑަށް ފައިދާ ލިއްބައިދޭ މާއްދާތަށް ގިނަ އަދަދަކަށް އެކުވެލިވެންވާތީއެވެ. އެގޮތުން އިސްތަޑިގަނޑު ދިގު ކޮށްދީ އިސްތަށި ފައިބާ މިންވަރު މަދު ކޮށްދެއެވެ.
މި ފަރުވާތަކުން ވެސް ބޯ ހިރުވާ، ބޮލުން ހަންފޮޅޭ ގޮތް ވާނަމަ ހަމުގެ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.