އީރާނާއި އިރާގުގެ އިގުތިސާދީ ގުޅުންތަކަށް އެމެރިކާއިން ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދިނުމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 'ޕަޕެޓަކަށް ނުވުމަށް' އީރާނުން އިރާގަށް އިންޒާރުދީފިއެވެ. އީރާނުގެ އެންމެ އިސް ރޫހީ ލީޑަރު މުޖްތަބާ ހާމަނާއީގެ މުޝީރު މުހައްމަދު މުހްބަރު މި އިންޒާރު ދެއްވާފައިވަނީ، ތެޔޮ ވަގަށް ބޭރުކުރުން ހުއްޓުވުމަށް އިރާގު ސަރުކާރުން ކުރިއަށްގެންދާ ފުޅާ އޮޕަރޭޝަނެއްގެ ތެރެއިން ބޯޑަރު ސަރަހައްދުގެ ފިޔަވަޅުތައް ހަރުދަނާކުރަމުންދާ ދަނޑިވަޅެއްގައެވެ. މުހައްމަދު މުހްބަރު ވަނީ ބޯޑަރު ސަރަހައްދުގެ ކަންކަމުގައި އިރާގުގެ ކަމާބެހޭ އިދާރާތަކުން ފާރަވެރިވެ ތިބުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.

މުހައްމަދު މުހްބަރު މި ވާހަކަފުޅު ދައްކަވާފައި ވަނީ، އިރާގުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ގާސިމް އަލްއަބޫދީ އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެން، އެ ގައުމުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ މުހްސިން ރިޟާއީއާއެކު މަޝްވަރާތައް ބާއްވަވަމުން ގެންދަވަނިކޮށެވެ. އެ ބައްދަލުވުމުގައި މުހްސިން ރިޟާއީ ވިދާޅުވީ، އީރާނާއި އިރާގުގެ އިގުތިސާދީ އެއްބާރުލުމަށް ނޭދެވޭ އަސަރު ފޯރުވުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ދީގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ސަލާމަތީ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރަން ޖެހޭ ކަމަށްވެސް މުހްސިން ރިޟާއީ ވިދާޅުވިއެވެ. އެ ވާހަކަފުޅާ ގުޅިގެން ގާސިމް އަލްއަބޫދީ ވަނީ އެ އެއްބަސްވުމަށް ބަގުދާދުގެ ސަރުކާރުން ފުރިހަމައަށް އިހުތިރާމުކުރާކަން ތަކުރާރު ކުރައްވާފައެވެ. އަދި އީރާނަށާއި އަވަށްޓެރި އެހެން ގައުމަކަށް ހަމަލާދިނުމަށް އިރާގުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ގާސިމް އަލްއަބޫދީ ވިދާޅުވިއެވެ.

ދެ ގައުމުގެ ސަލާމަތީ އިސްވެރިންގެ މި ބައްދަލުވުން ބާއްވާފައިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހުރަސްތަކުގެ އަސަރު އިތުރަށް ފުޅާކުރުމަށްޓަކައި، އެއްގަމު މަގުން އީރާނުން ކުރާ ވިޔަފާރި ހިފެހެއްޓުމަށް އެމެރިކާ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިރާގުގެ ފޮރިން މިނިސްޓަރު ފުއާދު ހުސައިން މި މަހުގެ ކުރީކޮޅު އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، އީރާނާއި އިރާގު ގުޅޭ ބޯޑަރު ހުރަސްކުރާ ސަރަހައްދުތަކުގެ ތެރެއިން ދެ ސަރަހައްދެއް ފިޔަވައި އެހެން ހުރިހާ ތަނެއް ބަންދުކުރުމަށް އެމެރިކާގެ ޓްރެޒަރީން ވަނީ އިރާގު ސަރުކާރުގައި އެދިފައެވެ. ތެހެރާނުގައި ހުންނަވާ އެ ނެޓްވޯކުގެ ނޫސްވެރިޔާ އާމިރު ލާފީ ބުނި ގޮތުގައި، ކަނޑުގެ ހުރަސްތަކާ ގުޅިގެން ބަދަލު މަގެއްގެ ގޮތުގައި އެއްގަމު މަގުތައް ބޭނުންކުރަން އީރާނުން ފަށާފައިވާތީ، ބޯޑަރުގެ އިތުރު ސަރަހައްދުތައް ބަންދުކޮށްފާނެތީ އީރާނުގެ އޮފިޝަލުން ތިއްބެވީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އަދި އެމެރިކާގެ އެ އެދުމަށް އަމަލުކޮށްފި ނަމަ، ހުޅުވިފައި އޮންނާނީ އިރާގުގެ އުތުރުގައި އޮންނަ ކުރުދީ ސަރަހައްދުގެ މަގަކާއި މައި ސަރުކާރުގެ ސީދާ ބާރުގެ ދަށުގައި އޮންނަ އެންމެ މަގެއް ކަމަށްވެސް އޭނާ ބުންޏެވެ.

މުހައްމަދު މުހްބަރުގެ ވާހަކަފުޅަށް ރައްދުދެއްވަމުން އިރާގު ސަރުކާރުގެ ތަރުޖަމާނު ހައިދަރު އަލްއަބޫދީ ވިދާޅުވީ، އަވަށްޓެރި ގައުމުތަކުގެ ސިޔާދަތަށް އިރާގުން އިހުތިރާމުކުރާ ކަމަށާއި، ނަމަވެސް އެ ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުން ބަލައިނުގަންނާނެ ކަމަށެވެ. އިރާގުގެ ސަރަހައްދުގެ ތެރޭގައި އަޅަމުންދާ ފިޔަވަޅުތަކަކީ އަވަށްޓެރި އެއްވެސް ގައުމަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއް ނޫން ކަމަށާއި، އީރާނާއެކު އޮންނަ ވިޔަފާރި މަގުތަކާއި ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ދެމެހެއްޓުމަށް ބޮޑުވަޒީރު އަލީ އަލްޒައިދީގެ ސަރުކާރުން އެމެރިކާއާއެކު މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ކަމަށްވެސް ހައިދަރު އަލްއަބޫދީ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ބޯޑަރު ހުރަސްކުރާ ސަރަހައްދުތަކަކީ އިރާގުގެ ސިޔާދަތީ ކަމެއް ކަމަށްވާއިރު، އެ ތަންތަން ހިންގުމުގައި އެންމެ ފަހު ބަސް ބުނާނީ ބަގުދާދުގެ ސަރުކާރުންނެވެ. އަދި ތެހެރާނަށް ވަޑައިގެންނެވި އިރާގުގެ ވަފުދުގެ މަޝްވަރާތަކުގައި ސަލާމަތީ ކަންކަމާއި ދެ ގައުމުގެ ބޯޑަރު ބެލެހެއްޓުމާ ގުޅޭ ކަންކަން ހިމެނޭ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އިރާގުގެ ބޮޑުވަޒީރު އަލީ އަލްޒައިދީގެ އަމުރުފުޅަކަށް، އުތުރުގެ ކުރުދީ ސަރަހައްދު ހިމެނޭ ގޮތަށް އަވަށްޓެރި ގައުމުތަކާ ގުޅޭ ނުރަސްމީ ބޯޑަރު މަގުތައް ބަންދުކުރުމުގެ މަސައްކަތް އިރާގުގެ ކަމާބެހޭ އިދާރާތަކުން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ ތެޔޮ ވަގަށް ބޭރުކުރުން ހުއްޓުވުމަށާއި، ކުރިން ކުރުދީ އިދާރާތަކުން ބަލަހައްޓަމުން އައި ތެޔޮ ވަޅުތަކާއި ބޯޑަރު ސަރަހައްދުތައް މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ހިންގާ ހަރަކާތެކެވެ. އިރާގުގެ ޖާސޫސީ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށްޓަކައި އިރާގުގެ އުތުރުން އީރާނަށް ވަގަށް ތެޔޮ އެތެރެކޮށް، އީރާނުގެ ތެލާ އެއްކުރަމުން ދިޔައެވެ. އަދި ނުރަސްމީ މަގުތަކުން ތެޔޮ ބޭރުކުރުން ހުއްޓުވުމަށްޓަކައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ކިރުކޫކް ޕްރޮވިންސްގެ އެކި ސަރަހައްދުތަކުގައި އަސްކަރިއްޔާގެ ބާރު ވަރުގަދަކޮށްފައިވާ ކަމަށް އިރާގުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުގެ ބޯޑަރު ކައިރީގައި އޮންނަ ހަވީޒާ ޗަކަބިމުގެ ސަރަހައްދުގައި 50 ކިލޯމީޓަރުގެ ދިގު ފަސް ފާރަކާއި ކޮންކްރީޓް ޕޯސްޓުތައް ހިމެނޭ ސަލާމަތީ ފާރުތަކެއް އިމާރާތްކުރަމުންދާ ކަމަށް އިރާގުގެ އިންޓީރިއާ މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އިރާގު ސަރުކާރުގެ މި ފިޔަވަޅުތަކަށް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރައްވާފައިވާއިރު، މައި ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް އަމަލުކުރާ ކަމަށް ކުރުދިސްތާން ސަރަހައްދީ ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އިރާގުގެ މައި ސަރުކާރާއި ކުރުދީ ލީޑަރުން އަންނަ އަންގާރަ ދުވަހު ބަގުދާދުގައި ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އަލްޖަޒީރާއިން ބުންޏެވެ.