ގައިގެ ހަންގަނޑު ރީތި ކޮށް އޮމާންކޮށް ބެހެއްޓުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. ނަމަވެސް ގިނަ ފަހަރަށް ކަންތައް ވަނީ މިފަދައިންނެއް ނޫނެވެ. ގައިގެ ހަންގަނޑު ކުރަކިވުމާއި، މޫނުގައި ބިހި ނަގާއި ލަކުނު ލުމާއި ހަންގަނޑަށް ރޫ އެރުމަކީ ގިނަ ބަޔަކަށް ދިމާވާ ކަންކަމެވެ. މިފަދަ ކަންކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އިތުބާރު ގެއްލި، އިޖްތިމާއީ ގުޅުންތަކަށް އަސަރުކުރާ ހިސާބަށް ވެސް ދެއެވެ.
ހަންގަނޑު ރީތި ކޮށް އޮމާންކޮށް ބެހެއްޓުމަށްޓަކައި ކޮންމެހެން އަގުބޮޑެތި ތަކެތި ބޭނުން ކުރާކަށް ނުޖެހެއެވެ. އާންމު ދިރިއުޅުމުގައި ގެންގުޅޭ ބައެއް ނުރަނގަޅު އާދަތަކުން ދުރުވުމަކީވެސް ބައެއް ފަހަރު މިކަމުގެ ހައްލެވެ. މީގެއިތުރުން ގޭތެރޭގައި ބޭނުން ކުރެވޭ ބައެއް ތަކެތިންނާއި، ކާތަކެތިންވެސް ހަންގަނޑު ރީތި ކުރެވޭނެއެވެ. ހަންގަނޑާއި ދެމެދު ފަރުވާ ކުޑަކޮށްލެވުމަކީވެސް ބައެއް ފަހަރު ހަންގަނޑު ހަލާކުވުމަށް ދިމާވާ ސަބަބެކެވެ. އެހެންކަމުން މިކަންކަން ދެނެގަނެފައި އޮތުމަކީ މުހިންމު ކަމެކެވެ.
މޭކަޕް ކުރުމަށްފަހު އެ ތަކެތި ނުފިލުވާ ނިދުން
މިއީ ގިނަ ފަހަރަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ވަރުބަލި ވެފައި ހުންނަ ނަމަ މާ ބޮޑު ސަމާލުކަމެއް ނުދީ އެ ހުރި ގޮތަށް ހެދުން ބަދަލު ކޮށްލުމަށްފަހު ނިދާލެވެއެވެ. ނަމަވެސް މޭކަޕް ކުރުމަށްފަހު އެ ތަކެތި ނުފިލުވާ ނިދުމަކީ މޫނުގެ ހަންގަނޑަށް އޭގެ ސަބަބުން ނުހަނު ގެއްލުން ލިބޭ ކަމެކެވެ. އެގޮތުން މޭކަޕްތަކާއެކު ނިދުމަކީ މޫނުގައި ބިހި ނެގުމާއި އެ ބިހިތައް ލަކުނަށް ވުމަށް މަގުފަހިވާ ކަމެކެވެ. ހާއްސަކޮށް މޫނުމަތި ތެޔޮ ވާނަމަ މޫނު ދޮއުމަކީ ވަކިން މުހިންމު ކަމެކެވެ.
މޭކަޕް ރިމޫވާ އެއް ނުވަތަ މޭކަޕް ވައިޕްކޮޅެއްގެ އެހީވެސް ހޯދިދާނެއެވެ. މޭކަޕް ފިލުވާލުމަށްފަހު މޮއިސްޗަރައިޒިން ކްރީމެއް އުނގުޅާލުމަށްފަހު ނިދުމަކީ ހަންގަނޑަށް އާރޯކަން ގެނުވާ ހަންގަނޑު ފްރެޝް ކޮށްދޭ ކަމެކެވެ. މީގެއިތުރުން ސަމާލުކަމެއް ދޭން ޖެހޭ ކަމެއް އެބައޮތެވެ. އެއީ މޫނު ފުހެން ވަކި ހާއްސަ ތުވާއްޔެއް ނުވަތަ ޓިޝޫ ބޭނުން ކުރުމެވެ. އަބަދު ބޭނުން ކުރާ ތުވާލި މޫނުގައި އުނގުޅުމަކީވެސް ބައެއް ފަހަރު މޫނުގައި ބިހި ނެގުމަށް ދިމާވާ ކަމެކެވެ.
އަދި މޭކަޕް ކުރުމަށް ބޭނުން ކުރާ ފިހިތައް ގަވައިދުން ނުދޮއުމަކީވެސް މޫނުގައި ބިހި ނެގުމަށް ދިމާވާ ކަމެކެވެ. ގިނަ ފަހަރަށް މިއީ މާ ބޮޑަށް ސަމާލުކަން ދެވޭ ކަމެއް ނޫނެވެ. ނަމަވެސް އެތަކެތި ގަވައިދުން ދޮއުމަކީ މުހިންމު ކަމެކެވެ. މަދުވެގެން ހަފްތާއަކު އެއްފަހަރު މި ތަކެތި ދޮވުމަށް ޑާމެޓޮލޮޖިސްޓުން ނަސޭހަތްތެރި ވެއެވެ.
ނިދާ ތަންމަތި ގަވައިދުން ބަދަލު ނުކުރުން
އެނދުގެ ބެޑްޝީޓާއި ބާލީސްއުރައަކީ އޭގައި ގައިން ބޭރުވެފައި ހުންނަ ޑެޑް ސެލް އާއި ފަންގަސް ފަދަ ބައިވަރު ޖަރާސީމްތައް ހަރުލާފާއި ހުންނަ އެއްޗެކެވެ. ހާއްސަކޮށް ގައިން ނުކުންނަ ތެލާއި ދަލާއި މިލަ އާއި މޭކަޕް ވެސް އެންމެ ގިނައިން އުގުޅޭނީ ތަންމަތީގައެވެ. ތަޖުރިބާކާރުން އިރުޝާދު ދޭގޮތުގައި ހަފްތާއަކު އެއްފަހަރު ބެޑްޝީޓް ދޮވުމާއި އެނދު ތަންމަތި ބަދަލު ކުރަން ޖެހެއެވެ. އަދި ހަފުތާއަކު މަދުވެގެން ދެތިން ފަހަރު ބާލީސްއުރަ ބަދަލުކުރުމަށް ވެސް އިރުޝާދު ދެއެވެ.
ޖަރާސީމު ތަކާއެކު ކޮންމެ ދުވަހަކު ނިދާނަމަ މޫނު ދޮއެގެން ނިދަން އެރި ނަމަވެސް އަނެެއްކާވެސް މޫނުގައާއި ގައިގައި އެ ޖަރާސީމުތައް ހަރުލައެވެ. އެހެންކަމުން ހަމުގެ މައްސަލަތައް ދިމާވުމަށް މަގުފަހިވެގެން ދެއެވެ. ދިރިއުޅުމުގައި ގެންގުޅެވޭ މިފަދަ އާދަތަކުން ދުރުވުމަކީ ހަންގަނޑު ރީތި ކޮށް ބެހެއްޓުމަށް އެންމެ ފުރަތަމަ ސަމާލުކަން ދޭންވީ ކަންތަކެވެ.
ގަވައިދުން ނިދި ހަމަކުރުމާއި ސްޓްރެސް މެނޭޖު ކުރުން
ރަނގަޅަށް ނިދުމާއި ސްޓްރެސް ކުޑަކުރުމުން ހަށިގަނޑުގެ ހޯމޯން ބެލެންސްވެ، ބިހި އުފެދުން މަދުވެގެންދާނެއެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 8 ގަޑީރުގެ ނިދި ހޯދުމަކީ މުހިންމު ކަމެކެވެ. ނިދި ހަމަ ނުވުމަކީ ހަންގަނޑުގައި ރޫޖެހި އަދި ހާއްސަކޮށް ލޯ ކައިރި ކަޅުވުމަށް މަގުފަހިވާ ކަމެކެވެ.
ދިރިއުޅުމުގައި ކޮންމެ މީހަކީވެސް ސްޓްރެސްވެ ހާސްވާ ކަންކަމާއި ކުރިމަތިވާނެ މީހެކެވެ. ނަމަވެސް އެފަދަ ކަންކަމާއި އަބަދު ވިސްނުމުގެ ބަދަލުގައި "މައިންޑް ޑައިވާޓް" ކޮށްލުމަށް ކޮންމެވެސް ކަމެއް ކުރެވިދާނެއެވެ. މިސާލަކަށް ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމާއި ނުވަތަ ހިންހަމަ ޖެހޭ ކޮންމެވެސް ކަމެއް ކުރެވިދާނެއެވެ. ގަވައިދުން ދުވަން ދިއުމަކީވެސް ސްޓްރެސް މެނޭޖު ކުރުމަށް ކުރެވިދާނެ ކަމެކެވެ.
މި ހުރިހާ ކަމަކަށްވުރެ މިފަދަ މަތިވެރި މައްސަރެއްގައި ހާއްސަކޮށް ދުއާ ކުރުމާއި އަޅުކަންތައް އިތުރު ކުރުމަކީވެސް މީހާގެ ހާސްވެ ނުތަނަވަސް ވާނަމަ އެކަމުން ދުރުކޮށްދޭނެ ކަމެކެވެ.
ފައިދާހުރި ކާނާ ކެއުން
ހަންގަނޑު އޮމާންކުރަން ބޭނުންވާ ނަމަ ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. އެގޮތުން ތަރުކާރީއާއި މޭވާގެ ބާވަތްތައް ގިނައިން ކެއުމުން ހަމުގެ ދުޅަހެޔޮކަން އިތުރުވެއެވެ. ހާއްސަކޮށް ފައިބާ އިން މުއްސަނދިވެފައިވާ ފެހި ކުލަގަދަ ތަރުކާރީގެ ސަބަބުން ހަންގަނޑު އުޖާލާ ކޮށްދިނުމަށް އެހީވެދެއެވެ. އެގޮތުން ކެއުން ރަނގަޅު ބައެއް ތަކެތީގެ ތެރޭގައި ކިއުކަންބާ، އޮރެންޖު، ފެހި ތަރުކާރީ، އެވަކާޑޯ ފަދަ ތަކެތި ހިމެނެއެވެ.
އޮރެންޖަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. ވިޓަމިން ސީގެ ސަބަބުން ހަންގަނޑު ސާފުކޮށްދީ ހަމުގައި އުފެދޭ ބޭކާރު ތެޔޮ ސާފުކޮށްދެެއެވެ. އަދި ކިއުކަންބާ އަކީ ހަމުގައި ހުންނަ ވިހަ މާއްދާތައް ސާފުކޮށްދޭން އެހީވެދޭ މޭވާއެކެވެ.
މީގެއިތުރުން ކެއުމުގައި ހަކުރާއި ތެލުގެ ބާވަތްތައް މަދުކުރުމަކީވެސް މުހިންމު ކަމެކެވެ. އެއީ މިފަދަ ތަކެއްޗަކީ ބިހި އުފެދުމަށް މަގުފަހި ކޮށްދޭ ތަކެއްޗަށް ވާތީއެވެ.
އެހެންކަމުން ދިރިއުޅުމުގައި ގެންގުޅެވޭ މިފަދަ ނޭދެވޭ އާދަތަކުން ދުރުވުމަކީ ހަންގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް މުހިންމު ކަމެކެވެ. ނަމަވެސް މިފަދައިން އަމަލު ކުރުމާއެކުވެސް ހަންގަނޑަށް ކުރިއެރުން ނުލިބޭނަމަ ކަމާ ބެހޭ ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.