ޖޯންސަން އެންޑް ޖޯންސަން (ޖޭއެންޑްޖޭ) ގެ ބޭބީ ޕައުޑަރާއި ޓެލްކަމް ހިމެނޭ އެހެނިހެން އުފެއްދުންތައް ބޭނުންކުރުމުގެ ސަބަބުން އޯވޭރިއަން ކެންސަރު ޖެހޭ ކަމަށް ބުނެ އެމެރިކާގައި ހުށަހަޅާފައިވާ އެތައް ހާސް މައްސަލައެއް ހައްލުކުރުމަށް، އެ ކުންފުނިން 5.5 ބިލިއަން ޑޮލަރު (4.14 ބިލިއަން ޕައުންޑް) ދޭން ހުށަހަޅައިފިއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބޮޑު ބަދަލު ދޭން ހުށަހެޅީ އެމެރިކާގެ ނިއު ޖާޒީގައި މައި އޮފީސް ހުންނަ ސިއްހީ ހިދުމަތާއި އުފެއްދުންތަކުގެ ކުންފުންޏާ ދެކޮޅަށް ކޯޓުތަކުގައި ހިނގަމުންދާ ދިގުލީ ގާނޫނީ މައްސަލަތަކަށް ނިމުމެއް ގެނައުމަށެވެ. ޖޭއެންޑްޖޭ އިން ބުނި ގޮތުގައި މި ހުށަހެޅުމުގެ ދަށުން ގާތްގަނޑަކަށް 76،000 މައްސަލައަކަށް ބަދަލު ދެވޭނެއެވެ. މިއީ ޓެލްކަމް ޕައުޑަރާ ގުޅިގެން މިހާރު ކޯޓުތަކުގައި ހުރި ގިނަ މައްސަލަތަކެވެ.
ކުންފުނިން ހާމަކުރި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި 3 ބިލިއަން ޑޮލަރާ ހަމައަށް ފައިސާ ދޫކުރާނެއެވެ. އަދި 2028 ވަނަ އަހަރާ ހަމައަށް އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި އެއްބަސްވުން ފާސްވާނީ، ސްޓޭޓް އަދި ފެޑެރަލް ކޯޓުތަކުގައި ހުރި އޯވޭރިއަން ކެންސަރުގެ މައްސަލަތަކުގައި ދައުވާކުރާ ފަރާތްތަކުގެ 95 ޕަސެންޓް ތަމްސީލުކުރާ ގާނޫނީ ފާމުތަކުން މި ހުށަހެޅުން ގަބޫލުކުރުމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޖޭއެންޑްޖޭގެ ވައިސް ޕްރެޒިޑެންޓް އޮފް ލިޓިގޭޝަން އެރިކް ހާސް ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކުންފުންޏާ ދެކޮޅަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި ފައިސާ ދީގެން މައްސަލަ ހައްލުކުރަން ބޭނުންވަނީ މިކަމަށް ނިމުމެއް ގެނައުމުގެ ބޭނުމުގައި ކަމަށް އޭނާ ބުނިއެވެ. ހާސް އިތުރަށް ބުނި ގޮތުގައި، މިހާތަނަށް ކޯޓުގައި ހިނގި ގިނަ މައްސަލަތަކެކޭ އެއްފަދައިން، ކުރިއަށް އޮތް ތަނުގައި ވެސް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔަ ނަމަވެސް ކުންފުންޏަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
މި ހުށަހެޅުމުގެ ސަބަބުން ކުންފުންޏަށް މި މައްސަލަ ފަހަތަށް ދޫކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ފުރާނަ ސަލާމަތްކުރާނެ ބޭހާއި އާލާތްތައް އުފެއްދުމުގެ މަގުސަދަށް ސަމާލުކަން ދިނުމަށް މަގުފަހިވާނެ ކަމަށް ވެސް ހާސް ފާހަގަކުރިއެވެ. ކަސްޓަމަރުންނާއި އެ މީހުންގެ އާއިލާތަކުން ކުންފުންޏާ ދެކޮޅަށް ދައުވާކުރަން ފެށީ 2009 ވަނަ އަހަރުއެވެ. ދައުވާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޖޭއެންޑްޖޭގެ ޓެލްކަމް ޕައުޑަރުގައި، ކެންސަރު ޖައްސާ މާއްދާއެއް ކަމަށްވާ އެސްބެސްޓޯސް އެކުލެވިގެންވެއެވެ.
ޓެލްކަމް އަކީ މެގްނީޒިއަމް، ސިލިކަން، އޮކްސިޖަން އަދި ހައިޑްރޮޖަން އެކުލެވިގެންވާ، ބިމުން ނަގާ ގުދުރަތީ މައުދަނެކެވެ. މިއީ އަތްލުމުން ސައިބޯނި ގޮތަކަށް އޮންނަ އެއްޗަކަށް ވާއިރު، މިއީ ބޭބީ ޕައުޑަރު އުފެއްދުމުގައި އާންމުކޮށް ބޭނުންކުރާ މާއްދާއެކެވެ. ނަމަވެސް މިއީ އެސްބެސްޓޯސް ހުންނަ ސަރަހައްދުތަކާ ކައިރިން ނަގާ އެއްޗަކަށް ވާތީ، ޕައުޑަރުގައި އެސްބެސްޓޯސް ހުންނަ ކަމަށް ދައުވާކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ޖޭއެންޑްޖޭ އިން ވަނީ މި ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ. ކުންފުނިން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިރާސާތަކުން ދައްކާ ގޮތުގައި ޓެލްކަމް އަކީ ރައްކާތެރި އެއްޗެއް ކަމަށާއި، އޭގައި އެސްބެސްޓޯސް ނުހުންނާނެ ކަމަށާއި ކެންސަރު ނުޖައްސާނެ ކަމަށެވެ. އެހެންނަމަވެސް، 2022 ވަނަ އަހަރު ކުންފުނިން ވަނީ މުޅި ދުނިޔޭގައި ވެސް ޓެލްކަމް ބޭނުންކޮށްގެން ބޭބީ ޕައުޑަރު އުފެއްދުމާއި ވިއްކުން ހުއްޓާލާފައެވެ. މިއީ އެމެރިކާގައި އެ އުފެއްދުން ވިއްކުން ހުއްޓާލިތާ ދެ އަހަރު ފަހުން ނިންމި ނިންމުމެކެވެ.
އެ ދުވަސްވަރު ޖޭއެންޑްޖޭ އިން ބުނެފައިވަނީ، މުޅި ދުނިޔޭގެ ޕޯޓްފޯލިއޯ އެސެސްމަންޓެއްގެ ދަށުން، ކޯންސްޓާޗް ބޭނުންކޮށްގެން އުފައްދާ ބޭބީ ޕައުޑަރަށް ބަދަލުވުމަށް ވިޔަފާރީގެ ގޮތުން ނިންމާފައިވާ ކަމަށެވެ. ޖޭއެންޑްޖޭގެ ކޮންސިއުމަރ ހެލްތު ވިޔަފާރި ކަމަށްވާ ކެންވިއު އަކީ 2022 ވަނަ އަހަރު ވަކި ކުންފުންޏެއްގެ ގޮތުގައި އުފައްދާފައިވާ ކުންފުންޏެކެވެ. ބޭންޑް-އެއިޑް، ލިސްޓެރިން އަދި ކެލްޕޯލް ފަދަ މަޝްހޫރު ބްރޭންޑްތައް ހިންގާ ކެންވިއު އިން، އުތުރު އެމެރިކާ ފިޔަވައި އެހެން ސަރަހައްދުތަކުގައި ބޭބީ ޕައުޑަރުގެ ޒިންމާ އުފުލައެވެ.
މި މައްސަލަތައް ހައްލުކުރަން ކުންފުނިން ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، މިދިޔަ ޖުލައި މަހުގެ ކުރީކޮޅު އެމެރިކާގެ ފެޑެރަލް ކޯޓަކުން ވަނީ ޖޭއެންޑްޖޭ އަށް ކާމިޔާބީއެއް ހޯދައިދީފައެވެ. އެ ކޯޓުން ވަނީ ޓެލްކަމްގެ ސަބަބުން ސީދާ އޯވޭރިއަން ކެންސަރު ޖެހުނުކަން ސާބިތުކޮށްދިނުމަށް ވަކިވަކި ދައުވާކުރާ ފަރާތްތަކަށް އޮތް ގާބިލުކަމާ މެދު ސުވާލު އުފައްދާފައެވެ.
