ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވުމަށާއި ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކޮށް ދެއްވުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފިއެވެ.

ޔާމީނަށް އިއްވި ހުކުމް ބާތިލްކޮށް އެމަނިކުފާނަށް ސަރުކާރުން ދެމުންދާ އަނިޔާތައް ހުއްޓާލައި މިނިވަން ކުރުމަށް ގޮވާލައި ހުށަހެޅި ގަރާރުގައި ބުނާ ގޮތުގައި، އެ މަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ފާސިދު ހެކި އުފައްދައި ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އިސްލާމީ ޝަރީއަތުގެ ހަމަތަކާ ދެކޮޅަށް އިއްވާފައިވާ ހުކުމެއް ކަމަށާއި އެ ހުކުމް ޕީޕީއެމުން ބަލައިނުގަންނަ ކަމަށެވެ.

މި ސަރުކާރުން ވަނީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ސަބަބުން އަދުލްއިންސާފުގެ ދާއިރާ އާއި ތަހުގީގީ އިދާރާތަކަށް ރައްޔިތުން ކުރަންޖެހެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ. ހަމައެއާއެކު ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން އިތުރުވެ ފަސާދަ އާންމުވުމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައި ސަރުކާރަށް އޮތް އިތުބާރު ވެސް ގެއްލިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ޕީޕީއެމާއި ޕީއެންސީގެ 89 ސެނެޓަރުންގެ ވޯޓުން އިސްލާހުތަކާ އެކު ފާސްކުރި ގަރާރުގައި ބުނެފައި ވަނީ، ގާނޫނޫ އަސާސީގެ 27 ވަނަ މާއްދާއިން ލިބޭ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި 29 ވަނަ މާއްދާގެ ދަށޫން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަން ހިސޯރު ކުރަމުންދާ ކަމަށާއި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ލިބެންޖެހޭ ހަޅުތާލު ކުރުމުގެ ހައްގާއި 32 ވަނަ މާއްދާގެ ދަށުން ލިބެންޖެހޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ބާނުން ހިފިޔަ ނުދިނުމައްޓަކައި ސަލާމަތީ ހިދުމަތްތަކުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށެވެ. އެގޮތުން ޖިސްމާނީ އަނިޔާކޮށް މީހުން ބަންދުކޮށް މުޒާހަރާތައް ރޫޅާލުމާއި އަދި ސިފައިން މަގުތަކަށް ފޯރިމަރަން ނެރެ ގައުމުގައި ބިރުވެރިކަން އުފައްދަަމުން އަންނަ ކަމަށް އެ ގަރާރުގައި ބުނެއެވެ.

ހަމައެއާއެކު މިނިވަން މުއައްސަސާތަކުން ގާނޫނީ ބާރު ކަނޑުވާލައި، އެތަންތަން ޕެރަލައިޒްކޮށް ރާއްޖޭގައި އާއިލީ ވެރިކަމެއް ގާއިމްކުރަމުންދާތީ މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން އިސްތިއުފާ ދެއްވުމަށާއި ޔާމީން މިނިވަންކުރަން ބަޔާންތައް ނެރުމަށާއި މުޅި ރާއްޖޭގައި އިހްތިޖާޖްކުރަން ވެސް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ. އަދި ޔާމީން ޖަލަށް ލީ ރައްޔިތުންގެ އެދުމާއި އުއްމީދުތަކާ އެއްގޮތަށް މަސައްކަތް ކުރަން ފުރުސަތު ނުދީ، އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލުވާލުމަށް ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.

އެހެންކަމުން ޔާމީން މިނިވަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ސެނެޓަރުން ގަރާރު ފާސްކޮށް އެއްބަސްވިއެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ. މި ހުކުމް އިއްވި އިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީފައި ވަނީ ޔާމީނަށެވެ. ޔާމީން ޖަލަށް ލުމުން 2023 ގައި ވެރިކަމަށް ކުރިމަތިލެއްވުމަށް އޮތް ފުރުސަތު އެމަނިކުފާނަށް ގެއްލުނަސް އިދިކޮޅު ލީޑާޝިޕްގެ އެހެން އެއްވެސް ބޭފުޅަކު ވެރިކަމާ ނޫޅޭ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.