މިޔަންމާގެ އަސްކަރީ ސަރުކާރާއި އެމީހުންނަށް ތާއީދު ކުރާ ބައެްއ މީހުން ރޮހިންޔާއަށް އަރާ ހިންގި ގަތުލު އާންމުން ސަލާމަތްވާން ވަޒަނުން ނުކުމެގެން ދިޔަ މުސްލިމް ރެފިއުޖީން، އަމާން މަންޒިލެއް ލިބޭތޯ އަނގަމަތީ މަސްބޯޓުފަހަރުގައި އެއްތަނެއް އަނެއް ތަނަށް ދަތުރު ކުރާތާ އެތައް މަސްތަކަކާއި އަހަރުތަކެއް ވެއްޖެއެވެ.

ގާތްގަނޑަކަށް މިލިއަނެއްހާ މުސްލިމުން ދިރިއުޅެމުން ދިޔަ ރޮހިންޔާ އަވަށަށް ހަތިޔާރާއި ކަނޑިއާއި ވަޅި ހިފައިގެން އަސްކަރިއްޔާއާއި މަދަދުއޭ އާންމުން އަރާ އެއެއް މިއެއް ނުބަލައި މުސްލިމުންތައް މަރާ ބަޮޑު ގަތުލުއާންމެއް ވަނީ ހިންގާފައެވެ. މުސްލިމުންގެ ގެދޮރުގައި ތިއްބާ އެމީހުންނާއެކު ހުޅުޖަހާ ރޯކޮށް، ސަލާމަތް ވާން ދުވި މީހުން ގަޔަށް ބަޑިޖަހާއި ކަތިލަމުން ދިޔައެވެ. އަނެއް ބަޔަކު އަތުޖެހުނު އަންހެންވެރިންގެ އިއްފަތް ފޭރުނެވެ.

2017 ވަނަ އަހަރު މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގި މި ލާއިންސާނީ އަދި ނުރައްކާ ގަތުލުއާންމުން ސަލާމަތްވެ ނުކުމެވުނު މީހުން ދިޔައީ ކައިރީގައި އޮންނަ ބަންގްލަދޭޝް އަށެވެ. ބަނގްލަދޭޝްގެ ސަރުކާރުން އޭރު ހަމަޖައްސައިދިން ވަގުތީ ބޯހިޔާތަކުގައި 7 ލައްކައެއްހާ ރެފިއުޖީން އުޅެމުން ދިޔަ އިރު، ކާބޯތަކެއްޗާއި އެކަށީގެންވާ ބޭސްފަރުވާ ނުލިބުމާއި އެމީހުން ދިރިއުޅެމުން ދިޔަ ޓެންޓްތަކުގައި ޖިންސީ ގޯނާ ލިބުންފަދަ އިންސާނިއްޔަތާ ހިލާފު އެތައް ކަމަކާ އެތާނގައިވެސް ދިޔައީ ކުރިމަތިވަމުންނެވެ.

ބަންގްލަދޭޝްގައި އޮންނަ ކޮކްސް ބާޒާރު - ރޮހިންޔާ މުސްލިމުން ތިބޭ ރެފިއުޖީ ކޭމްޕްގައި ކުޑަކުއްޖަކު މާޔޫސް ކަމުގައި / ފޮޓޯ: އޭޕީ

މުޅި ދުނިޔޭގައިވެސް އެންމެ ބައިބޯ އެއް ރެފިއުޖީ ކޭމްޕްގެ ގޮތުގައި ބާކީ ކޮށްލާފައި ތިބޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް މަޖުބޫރު ވަމުން ދިޔައީ ބަންގްލަދޭޝް ވެސް ދޫކޮށް ހެޔޮ އެހެން ގޮތެއް ފެނޭތޯ ނުކުތުމަށެވެ. ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ހިސާބުތައް ދައްކާ ގޮތުން ބަންގްލަދޭޝް ދޫކޮށް 3000 އެއްހާ ރެފިއުޖީން ވަނީ ކަނޑުވިއްޔާ ކަނޑުވާން، މަރުވިއްޔާ މަރުވާން، އެހެނަސް ދިރިހުރެއްޖެ ނަމަ އަމާން މަންޒިލަކަށް ލައްވާލާނެ ކަމުގެ އުއްމީދުގައި ﷲ އާ ވަކީލު ކޮށް ނުކުމެފައެވެ. އެ ދަތުރުތަކުގައި 200 އެއްހާ ރެފިއުޖީން ގެއްލި ވީނުވީއެއް މިހާތަނަށް ވަނީ ނޭނގިއެވެ.

ކަނޑުވިއްޔާ ކަނޑުވާން، މަރުވިއްޔާ މަރުވާން، އެހެނަސް ދިރިހުރެއްޖެ ނަމަ އަމާން މަންޒިލަކަށް ލައްވާލާނެ ކަމުގެ އުއްމީދުގައި ﷲ އާ ވަކީލު ކޮށް ނުކުން އެއް ބަޔަކީ ކަނޑުމަތީގައި ދޯނީގެ އިންޖީނު ހުއްޓި ބެހި އޮޔާ ދަނިކޮށް އިންޑޮނިޝިއާއިން ސަލާމަތް ކޮށް އެގައުމުގެ އަޗޭއަށް އިއްޔެ ގެންދިޔަ މީހުންނެވެ. އެއީ ނޮވެމްބަރު މަހުގެ ފަހުކޮޅު ބަންގްލަދޭޝް އިން ފުރި 200 މީހުންނެވެ.

ހަބަރުތައް ބުނާގޮތުން އެމީހުން ސަލާމަތްކޮށްގެން އަޗޭއާ ހަމައަށް ގެންދިޔަ އިރު، ގިނަ ބަޔަކު ތިބީ މަރުގެ ތުންފަތްމަތީގައެވެ. ހާލު ދެރަވެ ކޮޅަށް ނުތިބެވި ވެއްޓެމުން ދިޔައެވެ. އުނުގައި އޮތް އަންނައުނުގަނޑު ވީދި، ތެމި ކިސަޑުން ތަތްތެޅިފައި ވެއެވެ. ބޭސްފަރުވާއެއް ނުލިބި ބަލިހާލު ބޮޑުވެ، ކާއެތިކޮޅެއް، ބޯފެނެއް ނުލިބި ހާންތިވެފައި ވެއެވެ.

މީގެ ކުރިން ހުސްވި ހަފްތާގައި އަޗޭގެ މަސްވެރިއަކު ވަނީ އެ ގްރޫޕުގެ 80 މީހަކު ސަލާމަތް ކޮށްފައެވެ. އިއްޔެ ސަލާމަތް ކުރެވުނީ އެ ގްރޫޕުން ހާލު ދެރަވެ ދުނިޔެ ދޫކުރި 20 މީހުން ނުލައި ބާކީ ތިބި މީހުންނެވެ. މި މީހުން ކަނޑުވެ ބެހިގެން އޮޔާދާތާ މަސްދުވަސް ވީ އިރު، އެމީހުންގެ ބޯޓު އިންޑިއާ، ސްރީލަންކާ އަދި އިންޑޮނީޝިއާ ކައިރިން ފެނުނު ނަމަވެސް އެގައުމުތަކުން އަޅާނުލި ކަމަށް ބުނެއެވެ.

ހާލުގައި ޖެހުނު ރޮހިންޔާގެ މުސްލިން ރެފިއުޖީން އަޗޭއަށް ގެންގޮސްފައި / ފޮޓޯ: އޭއެފްޕީ

އދ ގެ އިންސާނީ އެހީއާ ބެހޭ ޖަމްއިއްޔާ ޔޫއެންއެޗްސީއާރުން ބުނީ، އެ މީހުން ބެހިގެން، އެހީވާން އެދި ކައިރި ގައުމުތަކުގައި އެދުމުން ވެސް ދެކުނާއި ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުން ކުރިން އަޅާނުލި ކަމަށެވެ.

އިންޑޮނީޑިއާގެ އިދާރާތަކުން ބުނާ ގޮތުން، ސަލާމަތް ކުރެވުނު މީހުންނަށް މިހާރު އަޗޭގެ 3 ކްލިނިކަކުން ދަނީ ބޭސްފަރުވާގެ ކަންކަން ކޮށްދެމުންނެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން ކާބޯތަކެއްޗާއި އަންނައުނު ފޯރުކޮށްދެމުން އެބަދެއެވެ.

އެ ގްރޫޕުގައި ތިބި ބައެއް މީހުންގެ އާއިލާތަކާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި، އެމީހުންގެ އުއްމީދަކީ އިންޑޮނީޝިއާއިން އެމީހުންނަށް އަޅާލައި އެތާނގައި ދިރިއުޅެވޭނެ މަގު ފަހިވެ ތައުލީމާއި އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ހާލުގައި ޖެހުނު ރޮހިންޔާގެ މުސްލިން ރެފިއުޖީން އަޗޭއަށް ގެންގޮސްފައި / ފޮޓޯ: އޭއެފްޕީ

މިހިނގާ ޑިސެމްބަރު 8 ވަނަ ދުވަހުވެސް ރޮހިންޔާ މުސްލިމުންގެ 154 މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް ތައިލޭންޑްގެ ކަނޑަށް ބެހިގެން، ވެއިޓްނާމްގެ ތެޔޮ ޓޭންކަރަކުން އެމީހުން ވަނީ ސަލާމަތް ކޮށްފައެވެ.

އަދި ހުސްވި ހަފްތާގެ އާދީއްތަ ދުވަހު 104 ރެފިއުޖީން ގޮވައިގެން ދަތުރު ކުރި ބޯޓެއްގައި ތިބި މީހުން ސްރީލަންކާގެ ނޭވީން ވަނީ ސަލާމަތް ކޮށްފައެވެ. 39 އަންހެނުންނާއި 23 ކުޑަކުދިން ތިބި އެ ބޯޓު ދަތުރު ކުރީ މިޔަންމާއިން އިންޑޮނީޝިއާއަށް ދާން ކަމަށާއި ދޭތެރެ މެދުން އިންޖީން ހުއްޓުނީ ކަމަށް ލަންކާގެ ނޭވީން ވަނީ ބުނެފައެވެ.

ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 1920 އަށް ވުރެ ގިނަ ރެފިއުޖީން މިޔަންމާއާއި ބަންގްލަދޭޝްގެ ކޭމްޕްތަކުން ވަނީ ފުރާފައެވެ. އޭގެ ތެރެއިން މިހާތަނަށް ކަނޑުމަތީގެ ހާދިސާތަކުގައި މިއަހަރު 119 މީހަކު މަރުވެފައި ވާ ކަމަށް އދ ގެ އިދާރާއިން ބުނެއެވެ.

މިޔަންމާގައި ދިރިއުޅުނު ރޮހިންޔާ މުސްލިމުން މަރާ ހިންގި ގަތުލުއާންމުގައި ފިލައިގެންނާއި، ރަށުން ބޭރު ކޮށްލުމުން 700،000 އެއްހާ ރެފިއުޖީން ބަންގްލަދޭޝް އަށް ހިޖުރަ ކޮށް ދިރިއުޅެނީ ސަތަރިއާއި ފަންޖިފްޓި ޓެންޓް ތަކުގައެވެ.

މިޔަންމާގެ މުސްލިމް ރޮހިންޔާ ދަރިކޮޅަށް ދުނިޔޭގެ ސަމާލުކަމެއް ނެތް އިރު، އެމީހުން ރޮއި އާދޭސް ކުރަނީ އެމީހުން މަރުން ސަލާމަތް ކޮށްދީ އެހީވެދިނުމަށެވެ.