މިޔަންމާގައި ދިރިއުޅުނު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ވަގުތީ ހިޔާ ކަމުގައި ވެފައިވާ ބަންގްލަދޭޝްގެ ކޮކޮސް ބާޒާރުގެ ކޭމްޕް 11 ގައި ރޯވެ އެއްކޮށް އަނދައިފިއެވެ.
އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައި ނުވި ނަމަވެސް، ކޮކޮސް ބާޒާރުގައި ހިމެނޭ 32 ކޭންޕްގެ ތެރެއިން ކޭމްޕް 11 އަކީ، 2017 ވަނަ އަހަރު މިޔަންމާ ސަރުކާރާއި އަސްކަރިއްޔާގެ ލާއިންސާނީ އަނިޔާއިން ސަލާމަތްވެ ބަންގްލަދޭޝް އަށް ހިޖުރަ ކުރި މީހުން ދިރިއުޅޭ ކޭމްޕެވެ. މުޅި ކޮކްސް ބާޒާރަކީ ގާތްގަނޑަކަށް 1.2 މިލިއަން މީހުން ދިރިއުޅޭ ރެފިއުޖީ ކޭޕްތަކެއް ހުންނަ ބާޒާރެކެވެ.
ގެދޮރު ހަދާފައި ހުންނަނީ އޮނާއި ފަނުންނެވެ. ބައެއް ހިޔާވަހިތައް ހުންނަނީ ޓެންޓް ގޮތަށް ސަތަރިންނެވެ. ވަށާފާރު ރާނާލައި މަތި ފަނުން ހިޔާކޮށްގެން އެއް ބަޔަކު އުޅޭ އިރު، ޓިނު ފުރާޅު ވަރަށް މަދެކެވެ. ގިނަ ޖިފުޓިތަކުގައި ދޮރެއްވެސް ނުހުރެއެވެ.
މި ބާޒާރުގެ 11 ވަނަ ކޭމްޕްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެތައްބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ކައިބޮއެ ނިދާ ހެދުމަށް ގެންގުޅުނު އެތޮކޮޅުވެސް ނެތި ދިޔައީއެވެ.
ރޮއިޓާސް އާ ވާހަކަ ދެއްކި އެކޭމްޕުގެ މީހަކު ބުނީ، އަލިފާން ރޯވިކަމަށް ބެލެވެނީ، އުނދުން ރޯކޮށްގެން ކައްކަން އުޅުމުގެ ތެރޭގައި ބިތުގައި ހުޅުހިފައިގެންނެވެ. އޮނާއި ފަނުން ގިނަ ތަންތަން ހަދާފައި ހުރުމުގެ ސަބަބުން، އިސާހިތަކު އަލިފާންގަނޑު ފެތުރޭނެ ކަމަށާއި އަލިފާންގަނޑު އެހާ ބޮޑުވެ ފުޅާވެގެން ދިޔައީ އެހެން ވެގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ކޭމްޕަކީ، މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަ ކުރި 700،000 އެއްހާ މީހުން ދިރިއުޅެން ފެށި ކޭމްޕެކެވެ. ނަމަވެސް އެ ކޭމްޕްތަކުގައި އުޅޭ ބައެއް ފަރާތްތަކުން ލިބޭ އިންސާނިއްޔަތާ ހިލާފު އަނިޔާތަކާއި ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ އާ ހެދި އޭގެ ތެރެއިން ބައެއް މީހުން، ކޭމްޕް ދޫކޮށް އެކި ގައުމުތަކަށް ވަނީ ހިޖުރަ ކޮށްފައެވެ. އަދި ހިޖުރަ ކުރަން އުޅުމުގެ ތެރޭގައި ދަތުރު ކުރަމުން ދިޔަ ބޯޓުގަނޑު ކަނޑަށް ފެތި އެތައް ބަޔަކު މަރުވެފައިވެސް ވެއެވެ. ދާދި ފަހުން އެ ކޭމްޕުން ނިކުތް ބަޔަކު ކަނޑުވެގެން އުޅެނިކޮށް އިންޑޮނީޝިއާގެ އަޗޭގެ މަސްވެރިއަކަށް ފެނިގެން ސަލާމަތް ކޮށްފައިވެސް ވެއެވެ.
ރޮހިންޔާގެ މުސްލިމުންނަކީ އިންސާނީ އެހީ އެންމެ ބޮޑަށް މިިވަގުތު ބޭނުންވާ އެހެނަސް އެންމެ އަޅާނުލެވި ތިބި މީހުންނެވެ. އެއްވެސް ގައުމަކުން މި މީހުންނަށް އެހީތެރިވެ ދީ މަދަދު ދޭން އިސްނަގާފައި ނުވާ އިރު، އދ އިން ބުނާ ގޮތުގައި ރެފިއުޖީންގެ ތެރޭގައި އެންނެ ހާލުގައި އުޅެނީ ރޮހިންޔާ މުސްލިމުންނެވެ.