އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައަށް ތަދައްހުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ބަލައިގަތުމަށް އައިސީޖޭގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ، ދިވެހި ސަރުކާރުން ހުށަހެޅި މި މައްސަލަ ބަލައިގަތުމަށް އައިސީޖޭ އިން ނިންމީ މި މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. ގަތުލް އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތައް މާނަ ކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ގައި ހުރި ކަންކަމަކީ އެ ކޯޓަށް ބެއްލެވޭނެ ކަންކަން ކަމަށް އެ ކޯޓުން ވަނީ ނިންމާފައި ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ. އެ ކޯޓުން މިގޮތަށް ނިންމާފައި ވަނީ، ދިވެހިރާއްޖޭގެ އިންޓަވެންޝަން ބަލައިގެންނެވުމާމެދު މިޔަންމާއިން އިއުތިރާޒެއް ހުށަހަޅާފައި ވަނިކޮށް ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ރޮހިންޔާގެ މުސްލިމުންނަށް އަދުލު އިންސާފު ހޯދައި ދިނުމަށާއި، ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާ ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެ އިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ.

ދިވެހިރާއްޖެއިން ތަދައްހުލުވުމުގެ ފުރުސަތު ލިބުނު މި މައްސަލައަކީ މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން، މިޔަންމާއާ ދެކޮޅަށް ނޮވެމްބަރު 11، 2019 ގައި އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެގޮތުން ރާއްޖެއިން ތަދައްހުލުވުމަށް ހުށަހަޅަން ޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަވެންޝަން" ހުށަހަޅާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ އިންޓަވެންޝަން މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތުގެ މައްޗަށެވެ.