އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" ދަ ގެމްބިއާ، މިޔަންމާ މައްސަލައަށް ދިވެހިރާއްޖެއިން ތަދައްހުލުވުމަށް ހުށަހަޅަން ޖެހޭ ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ހުށަހެޅައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ، މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން އައިސީޖޭއަށް މި މަހުގެ 11 ވަނަ ދުވަހު ހުށަހެލީ މައްސަލައަށް ރާއްޖެއިން ތަދައްހުލުވުމަށް ހުށަހަޅަން ޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަވެންޝަން" ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު އައިސީޖޭއަށް ހުށަހަޅުއްވާފައިވާ ކަަމަށެވެ.

މި މައްސަލައަށް ތަދައްހުލު ވާނެ ކަމަށް އިތުރު 6 ގައުމަކުން އިއުލާން ކޮށްފައި ވާތީ، އެ ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ނިޔަތުގައި، ދިވެހިރާއްޖޭގެ ޑެކްލަރޭޝަން މިއަދު ހުށަހަޅާފައި ވަނީ އެ ގައުމުތަކުން ވެސް ޑެކްލަރޭޝަން ހުށަހަޅާ ދުވަހު ހުށަހެޅުމަށް ކަމަށް އޭޖީން ބުނެއެވެ.

ދިވެހިރާއްޖޭގެ އިންޓަވެންޝަން މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތުގެ މައްޗަށް ކަމަށް އޭޖީއިން ބުނެއެވެ. މި މައްސަލައިގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް އައްޔަންކޮށްފައިވާ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ހިމެނެނީ، އިނގިރޭސިވިލާތުގެ ޑައުޓީ ސްޓްރީޓް ޗޭމްބާސްގެ ވަކީލު އަމާލް ކްލޫނީ އާއި، އިނގިރޭސިވިލާތުގެ ޓްވެންޓީ އެސެކްސްގެ ވަކީލު ޕްރޮފެސާ ފިލީޕާ ވެބްއެވެ.

ދަ ގެމްބިއާއިން ހުށަހެޅި މައްސަލައިގައި ވަނީ، މިޔަންމާގެ ރާކީން ސްޓޭޓްގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް 2016 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ސިފައިންނާއި އެހެން ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއް ކަމަށް ބުނެފައެވެ.

މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ދިވެހިރާއްޖެއިން ވަނީ 2017 ވަނަ އަހަރު މިޔަންމާއާ އެކު ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލާފައެވެ. އަދި މި މައްސަލައާ ގުޅޭ ގިނަ ރެޒޮލިއުޝަންތަކެއް ކޯ- ސްޕޮންސާކޮށް، އދ ގެ ޖެނެރަލް އެސެމްބްލީ އާއި، ހިއުމަން ރައިޓްސް ކައުންސިލަށް ވަނީ ހުށަހަޅާފައެވެ.

މިޔަންމާއާ ދެކޮޅަށް ދަ ގެމްބިއާ އިން ހުށަހަޅާފައިވާ މައްސަލައަށް ދިވެހިރާއްޖެއިން ތަދައްހުލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލައަށް ދިވެހިރާއްޖެއިން ތަދައްހުލުވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވަނީ ފެބްރުއަރީ 18، 2020 ގައި ކަމަށް އޭޖީ އިން ބުނެއެވެ. އަދި ފެބްރުއަރީ 25، 2020 ގައި ބޭއްވި އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ސެޝަންގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ ދިވެހިރާއް އިން މައްސަލައަށް ތަދައްހުލުވުމަށް ނިންމާފައިވާ ކަން އިއުލާން ކޮށްފައެވެ.

އައިސީޖޭ އިން މި މައްސަލައާ ގުޅިގެން ނެރެފައިވާ ޓައިމްލައިނާ އެއްގޮތަށް، ދަ ގެމްބިއާއިން މައްސަލައިގެ ދައުވާ ހުށަހަޅާފައި ވަނީ އޮކްޓޯބަރު 23، 20202 ގައެވެ. އަދި މިޔަންމާގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާ ޖަވާބު ވަނީ މިދިޔަ އޮގަސްޓް 24، 2023ގެ ކުރިން ހުށަހަޅާފައެވެ.