މިޔަންމާގެ ބައިމަދު މުސްލިމް ދަރިކޮޅެއް ކަމަށް ވާ ރޮހިންޔާ ނައްތާލުމަށް މިޔަންމާ ސަރުކާާރުން ހިންގި ގަތުރުއާންމަށް އެތައް އަހަރެއް ވެފައި ވާ އިރުވެސް އެ ދަރިކޮޅުގެ މީހުންނަށް ހަމަނޭވާލައިގެން އުޅެވޭގޮތެއް ނުވެއެވެ. އަމާން ކަމެއް ނެތި އުޅެންޖެހިފައިވުމުން އެމީހުން ގައުމު ދޫކޮށް އެކި ތަންތަނަށް ހިޖުރަކުރަމުން ދާ އިރު، ގައުމު ދޫކޮށް ދާން އުޅުނު 112 މީހަކު އަތުލައި ޖަލަށް ލައިފިއެވެ.
ކުޑަކުދިންވެސް ހިމެނޭހެން އެމީހުން ޖަލަށް ލީ، އަތުގައި ސައްހަ ލިޔެކިޔުމެއް ނެތް ކަމަށް ބުނެ 2-5 އަހަރާ ދެމެދުގެ މުއްދަތަކަށެވެ.
ހަބަރުތައް ބުނާ ގޮތުން ޖަލަށް ލި މީހުންގެ ތެރޭގައި އުމުރުން 13 އަހަރު ނުފުރޭ 12 ކުޑަކުދިންވެސް ހިމެނެއެވެ.
ބުޑިސްޓް މެޖޯރިޓީ އޮންނަ މިޔަންމާ ސަރުކާރުން ގަބޫލު ކުރަނީ ރޮހިންޔާ މުސްލިމުންނަކީ ވަޒަންވެރިކަމެއް ނެތް ހިޖުރަވެރިން ކަމަށެވެ. އެމީހުން އާންމުންނާ އެކަހެރިކޮށް ދިރިއުޅެމުން ދަނިކޮށް، މިޔަންމާގެ އަސްކަރީ ސަރުކާރުގެ ސިފައިންނާއި އެމީހުންނަށް މަދަދުވެރިވި އާންމުން އެ އަވަށަށް އަރާ ވަނީ ވަރުގަދަ ގަތުލުއާންމެއް ހިންގާފައެވެ. މީހުންގެ ގަޔަށް ބަޑިޖަހާ މަރާ އަދި މީހުން ކަތިލައި އަންހެން ވެރިންގެ އިއްފަތް ފޭރިފައި ވެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުންނާއި އދ އިން އެކަމުގައި ކަންބޮޑުވުން ފާޅު ކުރި ނަމަވެސް މިއަދާ ހަމައަށް ރޮހިންޔާ ދަރިކޮޅަށް އަމާންކަމެއް ހޯދައިދީފައެއް ނުވެއެވެ. އެމީހުން ދުނިޔޭގެ އެކި ހިސާބުތަކަށް ހިޖުރަކުރަމުން ދާ އިރު، އެ ދަތުރަށް އޮއިބާރު ކަނޑުތަކުގައި އަނގަމަތީ ދޯނިފަހަރުގައި ނުކުމެއެވެ. ފާއިތުވި ދެތިން އަހަރު ރޮހިންޔާ މުސްލިމުންގެ އެތައްބަޔަކު ބެހި ކަނޑަށް ޣަރަގުވެގެން ގޮސްފައި ވާ އިރު، ދާދި ފަހުން ވެސް ވަނީ 180 މީހުންގެ ގާފިލާއެއް ބެހި އޮޔާ ދަނިކޮށް އިންޑޮނީޝިއާގެ މަސްވެރިންނަށް ފެނިގެން ސަލާމަތް ކޮށް އަޗޭއަށް ގެންގޮސްފައެވެ.