އަފްގާނިސްތާނުގައި އަންހެނުން ޔުނިވާސިޓީތަކަށް ކިޔަވަން ދިޔުން މަނާކޮށް ތޯލިބާން ސަރުކާގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެޅި ފިޔަވަޅާ ދެކޮޅަށް މިއަދު މުޒާހަރާ ކުރި މީހުންގެ ތެރެއިން 5 އަންހެނަކު ހައްޔަރު ކޮށްފިއެވެ. އަދި 3 ނޫސްވެރިންނާއި އިތުރު ބައެއް މީހުންވެސް ހައްޔަރު ކުރި ކަމަށް ހަބަރުތައް ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުން ތަންފީޒު ކުރަން ފަށާފައި ވާ އިރު އިއްޔެ ޔޫނިވާސިޓީތަކަށް ދިޔަ އެއްވެސް އަންހެނަކު އެތަންތަނަށް ވަނަކަ ނުދިނެވެ. އެކަމާ ގުޅިގެން މިއަދުގެ މުޒާހަރާ ކުރުމުން އެކަމަށްވެސް ވަނީ ހުރަސް އަޅާފައެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށީގެން އަމަލު ކުރަން ފެށި އެ އުސޫލުގެ ދަށުން އަންހެން ވެރިންނަށް ޔުނިވާސިޓީތަކަށް ނުދެވޭ އިރު މެދުމަދަރުސީ ތައުލީމު އުގެނެން ސްކޫލުތަކަށް ދިޔުން އަންހެން ކުދިންނަށްވެސް ވަނީ ތޯލިބާނުން ވަނީ މަނާކޮށްފައެވެ.

މިއަދުގެ މުޒާހަރާގައި ބައިވެރިވި މީހުން ވަނީ ޝިއާރުތައް ފާޅުކޮށް ކާބުލްގެ މަގުތަކުގައި ހިނގަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން އެމީހުން ހުއްޓުވާ ބެނާތައް ވަނީ އަތުލާފައެވެ. މުޒާހަރާގެ ބައިވެރިން ފުރަތަމަ ރާވާފައި އޮތީ އަފްގާނިސްތާނުގައި ހުންނަ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ޔުނިވާސިޓީ ކަމުގައިވާ "ކާބުލް ޔުނިވާސިޓީ" ގެ ދޮރުމައްޗަށް އެއްވާށެވެ. ނަމަވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށް ސެކިއުރިޓީ ބަލަހައްޓަން ގިނަ އަދަދެއްގެ ސިފައިން ނެރެފައި ވުމުން، އެތަނަށް އެއްވެވޭ ގޮތް ނުވިކަމަށް ހަބަރުތައް ބުނެއެވެ.

މިއަދުގެ މުޒާހަރާއަށް ތާއީދު ކުރުމުގެ ގޮތުން ބައެއް ފިރިހެނުން ވަނީ ބަސް ނޭހުމުގެ އަމަލެއް ވެސް ހިންގާފައެވެ. އެގޮތުން އެކިއެކި ޔުނިވާސިޓީތަކުގައި މަސައްކަތް ކުރާ 50 އަކަށް މީހުން އިސްތިއުފާ ދީފައި ވާއިރު، ބައެއް ފިރިހެން ދަރިވަރުން ވަނީ އިމްތިހާނުގައި އިށީންނަން ދެކޮޅުހަދާފައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ތޯލިބާނުންގެ ކުރީގެ ވެރިކަމުގެ އުސޫލުތައް އިއާދަކޮށް ތައުލީމު އުނގެނުމުން އަންހެން ދަރިވަރުންނާއި އަންހެނުން މަހުރޫމް ކުރާތީ އދ އާއި އެތައް ގައުމަކުން ތޯލިބާނުންގެ އެ އަމަލުތައް ދަނީ ކުށްވެރި ކުރަމުންނެވެ.

އަފްގާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ އދ ގެ ސްޕެޝަލް ރެޕަޓުއާ ވިދާޅުވީ، ހަމަ ހަމަ ކަމާއެކު ތައުލީމު ލިބުމުގެ ފުރުސަތުން އަފްގާން އަންހެނުން ބާކީ ކުރުމަކީ އަފްގާނިސްތާނުގައި އަންހެނުންނަށް އޮންނަ ދައުރު ނެތިކޮލުމުގެ އިތުރުން ދަށު ދަރަޖައަކަށް ތޯލިބާނުން ވެއްޓިގެން ދިޔުން ކަމަށެވެ.

މިކަމާ ގުޅިގެން އެމެރިކާއިން ބުނީ، ތޯލިބާނުންގެ އެ ފިޔަވަޅުތަކުގެ ސަބަބުން ނަޖީތާ ރަނގަޅު ނުވާނެ ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވީ، އަފްގާން ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ނުދީ ނުވަތަ ހޯދައި ނުދީ ބައިނަލްއަގުވާމީ މެންބަރެއްގެ ޖާގަ އަފްގާނިސްތާނަށް ލިބިދާނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ ކަމަށެވެ.

ހުޅަނގުން ބުނެފައި ވަނީ، އަފްގާނިސްތާނަކީ އެމީހުން ބަލައިގަންނަ ގައުމަކަށް ހަދަން ބޭނުން ނަމަ، އަންހެނުންނަށް ހަމަހަމަ ތައުލީމީ ފުރުސަތު ދިނުމަށެވެ.