ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިސްތިއުފާ އަށް ގޮވާލައި އެ ގޭ ކައިރީގައި އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކޮށްފިއެވެ.

އެކަމާ ގުޅިގެން އެ ޕާޓީއިން ބުނީ އެ އިހުތިޖާޖަކީ މި ސަރުކާރުން ކުރަމުން ދާ ވައްކަމާއި ބޮޑެތި ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރު ފެއިލްވެ ރައްޔިތުން "ފެލާލައިގެން" ވެރިކަން ކުރަމުން ދާތީ "ސަރުކާރުގައި ތިބި ބޮޑެތި ވަގުންގެ" އިސްތިއުފާ ދިނުމަށް ގޮވާ ކުރިއަށް ދާ އިހުތިޖާޖެއް ކަމަށެވެ.

އިދިކޮޅުގެ މި އިހުތިޖާޖު ސޯސަންމަގުގައި ހުންނަ ޝާހިދުގެ ގެ ކުރިމައްޗަށް އެއްވެ ކޮށްފައި ވާއިރު އިދިކޮޅުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ގިނަ ވަޒީރުންގެ އިސްތިއުފާ އަށް ވެސް ގޮވާލަމުންނެވެ.

މީގެ ކުރިންވެސް އެކި އެކި ނަން ނަމުގައި ސަރުކާރަށް ފާޑު ކިޔާ، އިދިކޮޅުން ގިނަ އިހުތިޖާޖު ތަކެއް ކުރި ނަމަވެސް ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާ އިހުތިޖާޖުތައް ހުއްޓުވާފައެވެ.