ފީފާ ވޯލްޑްކަޕްގައި މިރޭ ކެމެރޫން އިން ބްރެޒިލްގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފިއެވެ. މިގޮތުން ގްރޫޕް ޖީގައި ދެ ޓީމުން ކުޅުނު މެޗު 1-0 އިން ކެމެރޫނުން ވަނީ ކާމިޔާބުކޮށްފައެވެ.
މިއީ ވޯލްޑްކަޕްގައި އެފްރިކާގެ ޓީމަކުން ބްރެޒިލް ބަލި ކުރި ފުރަތަމަ ފަހަރެވެ.
މިމެޗުގައި ބްރެޒިލްއިން އެޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންނަށް ރެސްޓް ދިން އިރު މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލްއިންނެވެ.
އެހެން ނަމަވެސް މި ފުރުސަތުތައް ލަނޑަކަށް ބަދަލު ނުވެ ދިޔަ އިރު ކެމަރޫން އިން ވަނީ ލަނޑެއް ޖަހާ ބްރެޒިލް ސިއްސުވާލާފައެވެ. މެޗުގެ 92 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަބޫބަކާރްއެވެ. މިލަނޑަށް ފަހު އުފާ ފާޅުކުރުމުގެ ތެރޭގައި އޭނާ ޖާޒީ ބޭލި އިރު މެޗުގައި ކުރިން ރީނދޫ ކާޑެއް ދައްކާފައިވާ އަބޫބަކާރްއަށް މެޗުގެ ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑެއް ދައްކާ އޭނާއަށް ރަތް ކާޑެއް ދައްކާފައެވެ.
މިއީ މުބާރާތުގައި ކުޅުންތެރިއަކަށް ދެއްކި ދެވަނަ ރަތް ކާޑެކެވެ. މިމުބާރާތުގައި ސައުތް ކޮރެއާގެ ކޯޗަށް ވެސް ރަތް ކާޑު ދެއްކިއެވެ.
މިމެޗުން ބަލިވި ނަމަވެސް ބްރެޒިލް ގްރޫޕް ސްޓޭޖް ނިންމާލީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެހެން ނަމަވެސް މި ނަތީޖާއެކު މިވޯލްޑްކަޕްގައި އެއްވެސް ޓީމަކަށް ގްރޫޕް ސްޓޭޖްގެ ތިން މެޗުން މޮޅުވެގެން މުބާރާތުގެ ދެވަނަ ބުރަށް ގޮސްފައެއް ނުވެއެވެ.