ގަތަރުގައި މިހާރު ހިނގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގެ އެންމެ މޮޅު ދެ ޓީމުގެ ގޮތުގައި ޖަޕާން އަދި ސްޕެއިން ދެވަނަ ބުރަށް ހިނގައްޖެއެވެ.
މިރޭ މި ދެޓީމު ކުޅުނު މެޗުގައި 2-1 އިން ޖަޕާނު ކުރި ހޯދި އިރު އެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ޖަޕާނު ދެވަނަ ބުރަށް ދިޔައީ ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މެޗު ފެށި އިރު އެއްވަނައިގައި އޮތް ސްޕެއިން މިމެޗުން ބަލިވެ ދެވަނަ އަށް ވެއްޓުނު އިރު ތިން ވަނައިގައި އޮތް ޖާމަނީއާ އެޓީމާ ޕޮއިންޓްގެ ގޮތުން ހަމަހަމައެވެ. އެހެން ނަމަވެސް ސްޕެއިންއަށް ދެވަނަ ބުރަށް ދިއުމުގެ މަގު ފަހިވީ އެޓީމުން ޖަހާފައިވާ ލަނޑުގެ އަދަދު އިތުރުވުމުންނެވެ. ސްޕެއިންއިން ގްރޫޕް ސްޓޭޖްގައި ޖުމްލަ 9 ލަނޑު ޖަހާފައިވެއެވެ.
މިރޭ މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ސްޕެއިންނުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފޯވަޑް އަލްވާރޯ މޮރާޓާއެވެ. މިއީ އޭނާ މިމުބާރާތުގައި ޖެހި ތިން ވަނަ ލަނޑެވެ.
ފުރަތަމަ ހާފް ސްޕެއިން ކުރީގައި އޮވެގެން ނިންމި ނަމަވެސް ދެވަނަ ހާފް ފެށިތަނާ ހެން ޖަޕާނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް ޑޯއާންއެވެ. އޭނގެ ކުޑަ އިރު ކޮޅެއް ފަހުން ޖަޕާނުން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިއެވެ. އެހެން ނަމަވެސް ޓަނާކާ ޖެހި މިލަނޑުގެ ކުރިން ބޯޅަ ބޭރުވެއްޖެ ކަމަށް ރެފްރީން ނިންމިއެވެ. މިހާ ހިސާބުން އައި ގިނަ ބައެއް މިހާރު ވެސް އެކި ގޮތްތޮތަށް ޖަދަލު ކުރަމުން އަންނަ ނިންމުމެކެވެ.
މިގޮތުން މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މި ބޯޅަ ބޭރު ނުވާ ކަމަށް ބުނެ ޖަޕާނު ލަނޑު ރަނގަޅު ކަމަށް ނިންމާފައެވެ. މެޗަށް ފަހު އާއްމުވެފައި ހުރި ފޮޓޯތަކުން ވެސް ފެންނަނީ ބޯޅައިގެން ވަރަށް ކުޑަތަންކޮޅެއް ލައިނުގެ މަތީގައި އޮތް ތަނެވެ.
2-1 އިން ސްޕެއިން ދަށްވަމުން ދިޔަ އިރު ގްރޫޕްގައި ކުޅެމުން ދިޔަ އަނެއް މެޗުގައި ޖާމަނީގެ މައްޗަށް ކޮސްޓާރީކާއިން 2-1 ގެ ލީޑެއް ނެގި ކަން ސްޕެއިން ސަޕޯޓަރުންނާއި ކުޅުންތެރިންނަށް އެނގިގެން ދިޔައެވެ. ކޮސްޓާރީކާ މޮޅުވެއްޖެ ނަމަވެސް ސްޕެއިން ކަޓާނެ އިރު ސްޕެއިންއަށް މިމެޗުން މޮޅު ނުވެ ކުރިއަށް ދެވުނީ ޖާމަނީން ކޮސްޓާރީކާ ބަލިކުރުމުންނެވެ.
މި ގްރޫޕްގެ އެއްވަނަ ޓީމު ޖަޕާނު ގަދަ 16 ގައި ކުޅެން ޖެހޭނީ ގްރޫޕް އެފްގެ ދެވަނަ ޓީމު ކްރޮއޭޝިޔާއާއެވެ. އަދި ސްޕެއިން ކުޅެން ޖެހޭނީ ގްރޫޕް އެފްގެ އެއް ވަނަ ޓީމު މޮރޮކޯއާއެވެ.