އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި ޖޫރިމަނާ ކުރި ހުކުމް ބާތިލު ކުރި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ގުޅޭ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި ކަމަށް ޖޭއެސްސީން ބުނެފިއެވެ.

ޖޭއެސްސީން ސީދާ މައްސަލައިގެ ތަފްސީލު ނުދީ ބުނެފައި ވަނީ، ސްޕްރީމް ކޯޓުން ބެލި އިސްތިއުނާފް މައްސަލައެއްގައި އެ ކޯޓުން ކުރި ހުކުމް [ރަނގަޅުވެގެން] އެކަން ފާހަގަ ކުރަން، އެ މައްސަލައިގައި ހިމެނޭ މީހާއާ ގުޅުން އޮތް މީހެއްގެ ފަރާތުން ފޮނުވި ފަރީއްކޮޅަކަށް މަހާޒު ހަވާލުވެވަޑައިގެންފަައި ވާ ކަމަށް ބުނާ ކަމަށެވެ.

ސީދާ މަހާޒު ފަރީއްކޮޅާ ހަވާލުވެވަޑައިގަން ކަަމަށް ޖޭއެސްސީން ނުބުނެ ދެން ބުނެފައި އޮތީ، ހަވާލުވަޑައިގެންފައި ވާ ކަމަށް ބުނާތީ އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފެންނަ ކަމަށް ނިންމި ކަމަށެވެ. އަދި މައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއްވެސް އެކުލަވާލައިފި ކަމަށެވެ.

މި ފަރީއްކޮޅަކީ، ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލި ދުވަހު ފަނަޑިޔާރުންގެ ފަރީއްކޮޅަށް މީހަކު ފޮނުވި ކެއުމެއް ކަމަށް ބުނެއެވެ. ފަރީއްކޮޅުގައި ހިމެނުނު ތަކެތީގެ ތަފްސީލުތައް ލިބިފައި ނުވި ނަމަވެސް، މަނީ ލޯންޑްރިންގެ ތުހުމަތުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން އެ ދުވަހު މިނިވަންވީ ތަހުގީގުގައި ހުރި ގޯސްތަކާ ހެދި ކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ. އަދި ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ އަސްލު ނޭނގޭ ކަމަށާއި އެ މައްސަލައިގައި މަނީ ލޯންޑާ ކުރިކަން ޔާމީންގެ މައްޗަށް ސާބިތުނުވިޔަސް އެ ފައިސާއާ މެދު ޔާމީން އަމަލުކުރެއްވި ގޮތް ގޯސް ކަމަށް އެދުވަހުގެ ހުކުމްގައި ބުންޏެވެ.

މި ކަމަކާ ގުޅިގެން މަހާޒު ޓްވީޓެއް ކުރައްވާ ވިދާޅުވެފައި ވަނީ، ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެން ދާތީ، އެ މައްސަލަ އޮތް ކޮންމެ ދުވަހަކު، މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރަކު އަނެއް ދެ ފަނޑިޔާރުން ހިމެނޭ ގޮތަށް މެންދުރުގެ ފަރިއްކޮޅު ގެންނަ ކަމަށާއި އެ ކަމަށް ހަރަދުކުރީ އަމިއްލައަށް ކަމަށެވެ. އަދި ތަރުތީބުން ހުކުމް އިއްވި ދުވަހު ފަރީއްކޮޅާ ހަވާލުވާން ޖެހިވަޑައިގަތީ އޭނާއަށް ކަމަށާއި ތަނަކަށް އޯޑަރުކޮށްގެން، އަމިއްލަ ހަރަދުގައި ފަރިއްކޮޅު ގެންނެވި ކަމަށެވެ.

ޔާމީން މިނިވަން ކުރަން ތިން ފަނޑިޔާރުން އިއްތިފާގު ވެ ހުކުމް އިއްވި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓީ މަހާޒެވެ.

ޔާމީން މިނިވަން ކުރި ހުކުމާ ގުޅިގެން ޝަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާއަށް އިތުބާރު އޮތް ކަމަށް ގިނަ ބަޔަކު ބުނެފައި ވާ އިރު، ފަރީއްކޮޅުގެ މި މައްސަލައާ ގުޅިގެން އަދި އިތުރު ނުތަނަވަސްކަމެއް އޮތް ކަމަކަށް ނުފެނެއެވެ.

ޔާމީން އެ ހުކުމުން މިނިވަން ވިޔަސް، މިހާރުވެސް ކްރިމިނަލް ކޯޓުގައި 2 މައްސަލައެއް ހިނގަމުން އެބަދެއެވެ. މިހާރު އަޑުއެހުންތައް ނިމިފައިވާ ވ. އާރަށުގެ މައްސަލައިގައި ވެސް މަނީލޯންޑާ ކުރައްވާފައިވާ ކަމަށް ދައުލަތުން ބުނެއެވެ. އަދި އެ ޝަރީއަތުގެ ގިނަ އަޑުއެހުންތަކެއް ބޭއްވި އިރު، ބައެއް ލިޔެކިޔުންތަކާއި ހެކިތަކާ މެދު ދެފަރާތުގެ ވަކީލުން ސުވާލު އުފައްދާ ބިނާ ކުރަނިވި ވާހަކަތައް ދައްކާފައި ވެއެވެ.

މި މައްސަލައިގައި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވާނެއެވެ.