ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ބައިމިލިއަން ރުފިޔާ ގަނޑުކޮށް ދިނުމާއެކު، މަހަކު 70 ހާސް ރުފިޔާގެ އިތުރު އިނާޔަތެއް ދިނުމާ މެދު ފިނޭންސް މިނިސްޓްރީގެ ލަފަޔާ އެކު ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލުކުރަން ފެންނަ ކަމަށް މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
ފާހަގަކުރެވޭ ގޮތުގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވަނީ، ރިޓަޔާކުރެއްވުމަށް މިދިޔަ މަހު ޖޭއެސްސީއަށް ހުށަހަޅުއްވައިފައެވެ. އެއާއެކު ޖޭއެސްސީން ވަނީ މުއުތަސިމަށް އިތުރު އިނާޔަތެއް ލިބިވަޑައިގަންނަވާ ގޮތަށް ފަނޑިޔާރުންގެ ރިޓަޔަމަންޓް ގަވައިދު އިސްލާހުކުރުމަށް ހުށަހަޅައިފައެވެ. އޭރުން ގަވައިދު އިސްލާހުވެއްޖެ ނަމަ މުއުތަސިމަށް ގަނޑުކޮށް 493،000ރ ލިބުމުގެ އިތުރުން މަހަކު 70 ހާސް ރުފިޔާ ލިބޭނެއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ދައުލަތުން އިތުރު ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ ފިނޭންސް މިނިސްޓްރީގެ ލަފައެއް ޕޭ ކޮމިޝަނުން ހޯދައި އެ ލަފާގެ މަތިން ޕޭ ކޮމިޝަނުން ނިންމާ ގޮތަށް ގާނޫނު އިސްލާހުކުރަން އޭނާ ހުށަހެޅުއްވިއެވެ. ކޮމިޓީން ވަނީ މަމްދޫހުގެ ހުށަހެޅުއްވުން ބަލައިގަނެ އެގޮތަށް ނިންމައިފައެވެ.
މުއުތަސިމް ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ މެދުތެރޭގައެެވެ. ވަކީލު ކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެމަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ޖަލްސާތަކުން މިހާރު ހުންނެވި ހައިސިއްޔަތުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ.
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގައެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ.