އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނިވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ގޯސް ކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިފަދައިން އަމުރު ނެރެފައިވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމާއެކު ސުުޕްރީމް ކޯޓުން އިއްވި ހުކުމުގައެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން ޝަމްއާން ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ވަނީ 15 ދުވަހަށް ބަންދު ކޮށްފައެވެ. އަދި ތަހުގީގީ އިދާރާތަކުން ހުށަހެޅި ހުށަހެޅުންތަކާއި ގުޅިގެންނާއި، ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބެލެވޭތީ، ފަހުން ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ އަމުރު ބާތިލުކުރުމަށް އެދި ޝަމްއާންގެ ފަރާތުން މި މައްސަލަ ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ޝަމްއާންގެ ފަރާތުން އެދިފައި ވަނީ ޝަމްއާންގެ މައްޗަށް ހިންގާ ތަހުގީގުގައި އޭސީސީގެ ދައުރެއް ނެތުމާއި އެ މައްސަލަ ފުލުހުންގެ މުއައްސަސާއިން އެކަނި ތަހުގީގު ކުރުމަކީ ޖިނާއީ އިޖުރާތާ ހިލާފު ކަމެއްކަމަށެވެ. ހައިކޯޓުން ބަންދު އަމުރު ދަމަހައްޓަން ނިންމާފައިވީ ނަމަވެސް އޭސީސީއާއި ނުލާ ފުލުހުން އެކަނި ތަހުގީގު ކުރުމަކީ ޖިނާއީ އިޖުރާތާ ހިލާފު ކަމެއް ނޫން ކަމަށް ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި އެކޯޓުން ވެސް މިއަދު ނިންމީ އޭނާގެ ބަންދު އަމުރު ދެމެހެއްޓުމަށެވެ. ނަމަވެސް މަނީލޯންޑަރިންނާ ގުޅިފައިވާ ކޮރަޕްޝަންގެ އަމަލުތައް ފުލުހުންނަށް އެކަނި ބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި ކަނޑައެޅުން ވަނީ ބާތިލުކޮށްފައެވެ.
ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލާގައި ރިޔާސަތު ބެލެހެއްޓެވީ ސުޕްރީމް ކޯޓަށް މިފަހުން އައްޔަނުކުރި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. ޝަހީދުގެ އިތުރުން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އަދި މީގެ ހަފްތާއެއްހާ ދުވަސްކުރި އެ ކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރި އަބްދުالله ހަމީދު އެވެ.
ތިން ފަނޑިޔާރުން ވެސް ވަނީ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން ހައި ކޯޓުން ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި ފުލުހުންނަށް އެކަނި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.