ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ސާބިތުވުމުން ޖަލަށްލި ފުލުސް އޮފިސަރު އަބްދުއްރަހްމާން ރަފީއަށް ދިން އަދަބު އިސްތިއުނާފު ކޮށްފިއެވެ.

އޭނާ އަށް ދިން އަދަބު ބޮޑުކަމަށާއި، ދައުލަތުން އެދުނީ ހަތް ދުވަހުގެ ހުކުމެއް އިއްވައިދިނުމަށް ކަމަށް ބުނެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކުރީ އިއްޔެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރަފީއަށް ދިން އަދަބު އިސްތިއުނާފުކޮށްފައި ވަނީ، އޭނާ އަށް ދިން އަދަބު އިސްތިއުނާފުކުރާނެ ކަމަށް ބުނިތާ ދެ މަސްދުވަސް ވީ ފަހުންނެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވި ރަފީއުގެ މައްޗަށް އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް ވަނީ އިއްވައިފައިވީ ނަމަވެސް، ބަންދުކުރި މުއްދަތަށް ބެލުމަށް ފަހު، އޭނާ ޖަލަށް ލާފައިވަނީ އެއް އަހަރާއި 28 ދުވަހަށެވެ.

ކްރިމިނަލް ކޯޓުން ރަފީއުގެ އަދަބު ބޮޑުކުރީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައިވާ އުސޫލުގެ ދަށުން ފަނޑިޔާރަށް އަދަބު ބޮޑުކުރުމަށް ލިބޭ އިހްތިޔާރުންނެވެ.

އެ މައްސަލައިގައި އަލަމްގީރަށް ވެސް އިއްވީ ހަތް މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އޭނާ އާ އެކު ގުޅުން ހިންގި ގާނޫނީ ވަކީލު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ތިން މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ވަނީ ހުކުމްކޮށްފައެވެ.