ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މި އަހަރަށް ނިންމާލައި އިއްޔެ މެންބަރުން ޗުއްޓީ އަށް ވަޑައިގެންފައިވާއިރު، އިއްޔެގެ ޖަލްސާގައި މެންބަރުން ވަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވައިފައެވެ. ޖަލްސާ އަށް ހާޒިރުވެވަޑައިގަތް މެންބަރުންގެ ތެރެއިން ބޮޑު އަޣުލަބިއްޔަތަކުން އިއްޔެ ވަނީ ބަޖެޓް ފާސްކޮށްފައެވެ.
ނަމަވެސް، ބަޖެޓް ފާސްކުރުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ވޯޓު ދެއްވިއިރު، ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އޮތް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން އިއްޔެ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ބަޖެޓު ފާސްކުރުމަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ތްރީލައިން ވިޕާ ހިލާފުވެވަޑައިގެންފައި ވަނީ އެންމެ ހަތް މެންބަރުންނެވެ. އެ މެންބަރުންނަކީ:
- މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
- ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
- މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
- އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު
- ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅަން ޖެހޭނެއެވެ. ނަމަވެސް ވިޕްލައިނާ ހިލާފުވި އެއްވެސް މެންބަރަކަށް މިހާތަނަށް އަދި ފިޔަވަޅު އަޅާފައެއް ނުވެއެވެ.
އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ފާހަގަކުރެއްވި ގޮތުގައި، ޕާލިމެންޓްރީ ގްރޫޕްގެ ގަވައިދުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ތްރީލައިން ވިޕާ މެންބަރުން ހިލާފުވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އެކަންޏެވެ. އެގޮތުން ތްރީލައިން ވިޕެއް ނެރެފައި އޮއްވާ ވިޕާ ހިލާފުވެއްޖެ ނަމަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އަޅާ ފިޔަވަޅުތަކަކީ:
- ވިޕާ ހިލާފުވި މެންބަރަށް ނަސޭހަތް ދިނުން
- ދެވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ ނަސޭހަތް ދިނުމަށް ފަހު މައާފަށް އެދުމަށް އެންގުން
- ތިންވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ ޕާޓީގެ ފަރާތުން ދޭ އިނާޔަތްތައް މެދުކަނޑާލުން
- ހަތަރުވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ، ޕާޓީގެ މަގާމެއްގައި ހުރި ނަމަ މަގާމުން ވަކިކޮށް، އެއް އަހަރު ދުވަހަށް އެތެރޭގެ އިންތިހާބުތަކުގައި ކުރިމަތިނުލެވޭ ގޮތް ހެދުން
- ފަސްވަނަ ފަހަރަށް ވިޕާ ހިލާފުވެއްޖެ ނަމަ ޕާޓީން ވަކިކުރުން
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ، އަސްލަމަކީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ވުމުން، އަމަލުކުރަން ޖެހޭނީ ޕާލިމެންޓްރީ ގްރޫޕްގެ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. ގަވައިދުގައިވާ ގޮތަށް ފިޔަވަޅު އެޅުން އެއީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ގަވައިދުގައި (ޕާލިމެންޓްރީ ގްރޫޕްގެ ގަވައިދުގައި) އޮންނަ ގޮތަކަށް އަޅުގަނޑު އަމަލުނުކޮށްފިއްޔާ އެއީ އަޅުގަނޑު އެ ގަވައިދާ ހިލާފުވުން. ދެން ފިޔަވަޅު އެޅުމާ ގުޅޭގޮތުން ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޖެހޭ ފިޔަވަޅުތައް އަޅަން. އެ ގަވައިދުގައި އޮންނަނީ ވެސް ފިޔަވަޅު އަޅަން ވާނެއޭ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ޕާލިމެންޓްރީ ގްރޫޕްގެ ގަވައިދުގެ 41 ވަނަ މާއްދާ އަށް އިސްލާހުތައް ގެނައުމަށް ގަސްދުކުރައްވާ ކަމަށާއި، ބައެއް ބޭފުޅުންނާ އެކު މަޝްވަރާކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މާއްދާ އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެވިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އެ ފިޔަވަޅުތައް އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ގަވައިދުގައި މިހާރު އޮންނަ ގޮތުން ފިޔަވަޅު އަޅަން ލާޒިމްކޮށްފައި ވަނީ ތްރީލައިން ވިޕާ ހިލާފުވެވަޑައިގަންނަވާ މެންބަރުންނަށް އެކަންޏެވެ. ނަމަވެސް އަސްލަމް ވިދާޅުވީ، ޓޫލައިން ވިޕަކާ ހިލާފުވީމަ އެޅޭ ފިޔަވަޅުތައް އެ މާއްދާގައި ބަޔާންކުރާ ގޮތަށާއި، ތްރީލައިން ވިޕަކާ ހިލާފުވެވަޑައިގަންނަވާ މެންބަރުންނަށް އަޅަން ހުރި ފިޔަވަޅުތަކަށް ބައެއް ބަދަލުތައް ގެނައުމާ މެދު މަޝްވަރާކުރެވެމުންދާ ކަމަށެވެ.
ނަމަވެސް، އެކަމާ މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް ވިދާޅުވެ، އޭގެ ތަފްސީލް މަޝްވަރާތަކަށް ފަހު މީޑިއާ އަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަސްލަމް ސިފަކުރެއްވި ގޮތުގައި، ވިޕްލައިނާ ހިލާފުވުމަކީ ރައްޔިތުންގެ މަޖިލީހުގައި "މެންބަރަކު ކުރާނެ އެންމެ ހަޑިހުތުރު އަމަލެ"ވެ.
ދެން އެކަން ކުރާ މެންބަރުންނާއި އެ މެންބަރުންގެ އިންޓެގްރިޓީ އާ ދޭތެރޭގަ ވެސް ސުވާލު އަޅުގަނޑު އުފައްދަން. އެކަން ހުއްޓިގެން ދިއުން އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ." އަސްލަމް ވިދާޅުވިއެވެ.
މެންބަރުން ހޮވީ ރައިއްޔަތުން ވީމާ މެންބަރުންނައް ފިއަވަޅުވެސް އެޅޭނީ ރައިއްޔަތުންނައް ސައިޒި އޮޅިގެން ނޫޅުއްވާ މިހާރު ކަންތައް މާމައްޗައްދާތީވެ އަހެރެމެން މުޅިއާއިލާވެސް މިތިބީ ތިއަ ޕާޓީންވަކިގެގެން މަވާދެން ސަލާމް