މަޝްހޫރު ވާވޭ ފޯން އުފައްދާ ކުންފުންޏާއި ޒެޑްޓީއީ ފަދަ ކުންފުނިތަކުގެ އުފެއްދުންތައް އެމެރިކާގައި ވިއްކުން އެގައުމުން މަނާކޮށްފިއެވެ.

ޓެލެކޮމިއުނިކޭޝަން ދާއިރާގެ ޗައިނާގެ އުފެއްދުންތައް ވިއްކުން އެމެރިކާގައި މަނާ ކުރި އިރު އޭގެ ތެރޭގައި ސެކިއުރިތީ ކެމެރާ އުފައްދާ ކުންފުނިތަކާއި ރޭޑިއޯ ކޮމިއުނިކެޝަން ސިސްޓަމްސް އުފައްދާ ކުންފުނިތައްވެސް ހިމެނެއެވެ. އެގޮތުން ހިކްވިސަން، ދައުހުއާ، ހިޓޭރާ ފަދަ ކުންފުނިތަކުގެ އުފެއްދުންތައްވެސް ވަނީ މަނާ ކޮށްފައެވެ.

އެމެރިކާއަށް ޗައިނާއިން ޖާސޫސް ކުރާ ކަމަށާއި ސަލާމަތަށް ނުރައްކާ ވާ ކަމަށް ބުނެ ޑިޖިޓަލް ޓެކްނޮލޮޖީގެ ބައެއް ބާވަތްތައް އެމެރިކާއިން މަނާ ކުރުމުން ޗައިނާގެ ކުންފުނިތަކުން ބުނީ، އެ ކުންފުނިތަކުގެ އުފެއްދުންތަކުން އެމެރިކާއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި، އެއްވެސް މައުލޫމާތެއް ޗައިނާ ސަރުކާރާ ހިއްސާ ނުކުރާ ކަމަށެވެ. އަދި އެމެރިކާއިން އެ އެޅި ފިޔަވަޅުގެ ސަބަބުން، ގެއްލުން ވާނީ އެމެރިކާގެ އާންމު ރައްޔިތުންނަށް ކަމަށާއި، އެމީހުންގެ ގޭގެ އާއި ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުން ކުރާ ސެކިއުރިޓީ ސިސްޓަމް ތަކާއި ކެމެރާ ފަދަ ތަކެތި ހެޔޮ އަގުގައި ދެނ ނުލިބޭނެ ކަމަށެވެ.

އެމެރިކާއިން މި ފިޔަވަޅު އެޅީ، އެ ގައުމުގެ ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްގެންނެވެ.

މީގެ ކުރިންވެސް އެމެރިކާއިން ވަނީ، ޗައިނާގެ ބައެއް ޓެކްނޮލީ ކުންފުނިތަކަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ޗައިނާގެ ކުންފުނިތަކުން އުފައްދާ ކޮންޑަކްޓަރާއި ސެމީ ކޮންޑަކްޓަރު އެމެރިކާގައި ވިއްކުމާއި އެމެރިކާގެ މަސްލަހަތު އޮންނަ ކުންފުނިތަކުގައި ބޭނުން ކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެފަދަ ތަކެތި އުފައްދަން އެމެރިކާގެ ޒަމާނީ އާލާތްތައް އެފަދަ ކުންފުނިތަކުގައި ބޭނުން ކުރުންވެސް ވަނީ މަނާކޮށްފައެވެ.

އެމެރިކާއިން މި ފިޔަވަޅު އެޅި ނަމަވެސް، ވާވޭ ފަދަ ކުންފުނިތަކަށް ހުއްދަ ދީފައިވާ ބައެއް އާލާތްތައް އެމެރިކާގައި ވިއްކޭނެެއެވެ.