ޑިޖިޓަލް މޯލްޑިވްސް ފަދަ ޕްރޮގްރާމްތަކުގައި ޑިޖިޓަލް އިގްތިސާދެއްގައި ކާމިޔާބީ ހޯދުމަށް ކުރާ މަސައްކަތުގައި ތަފާތު ކުރުމެއް ނެތި އަންހެންނަށް ވެސް އެ ފުރުސަތުތައް ހޯދާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް-ޑްރައިވެން ފިއުޗާ ފޯ މޯލްޑިވްސް" ގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ރާއްޖޭގައި ޑިޖިޓަލައިޒޭޝަންގެ ދައުރަކީ ހަމައެކަނި އިގްތިސާދީ ފައިދާ ހޯދުން ނޫންކަމަށާއި އޭގެތެރޭގައި ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެގެން ދިޔުންވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޑިޖިޓަލް މޯލްޑިވްސް ފަދަ ޕްރޮގްރާމްތަކުގެ ޒަރީޢާއިން، ޒުވާނުންނަށް ބޭނުންވާ އެކި ހުނަރު ދަސްކޮށްދީ، ޑިޖިޓަލް އިގްތިސާދެއްގައި ކާމިޔާބީ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށާއި ފަރަގުކުރުމެއްނެތި، ހަމަ މި ފުރުސަތުތައް ކަނބަލުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން" ރައީސް ވިދާޅުވިއެވެ.
ޑިޖިޓަލައިޒޭޝަންގެ އެހީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައި ވެއެވެ.
އެގޮތުން، ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި "އަރލީ ވޯނިންގް ސިސްޓަމާއި" "ސްމާޓް" ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަަލައަކީ އެފަދަ މަޝްރޫއުތަކަށް ފައިސާ ހޯދުމުގެ ދަތިކަންކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ މި ބޭނުންފުޅުގައިކަމަށެވެ. އަދި މި ބެންކް ވެގެންދާނީ ޑިޖިޓަލް އިނޮވޭޝަން، ދެމެހެއްޓެނިވި ތަރައްގީ، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސްކުރާ ބެންކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް، ރައްޔިތުންގެ އެއްބާރުލުމާއި ހިންމަތާ، ބައިނަލްއަގްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު، ރާއްޖޭގެ ތަރައްގީގެ އަމާޒު ހުރީ އެއަށްވުރެ ތަނަވަސްކޮށްކަން ފާހަގަކުރައްވާފައެވެ.
އަދި، ގައުމެއްގެ ތަރައްގީ މިންކުރެވިގެންދާނީ ހަމައެކަނި އީޖާދީ ވަސީލަތްތަކުން ނޫންކަމަށާއި، އެފަދަ ވަސީލަތްތަކުގެ ޒަރީއާއިން ރައްޔިތުންގެ ދިރިއުޅުން ފަހިކޮށްދެވޭ މިންވަރަށް ކަަަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވިއެވެ.