ޓެކްނޮލޮޖީގެ ދާއިރާ އިން އެއްބާރުލުން ދިނުމަށް ކަޒަކިސްތާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ސޮއިކުރައްވާފައިވާއިރު، ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކިސްތާނު ސަރުކާރުގެ ޑިޖިޓަލް ޑެވެލޮޕްމެންޓް، އިނޮވޭޝަން އެންޑް އެއިރޮސްޕޭސް އިންޑަސްޓްރީގެ މިނިސްޓަރު ޒްހާސްލަން މަޑިޔެވް އެވެ.

ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ރާއްޖެ ދައްކުވައި ދެނީ ދިމާވާ ގޮންޖެހުން ތަކުން އަރައިގަނެ، ފަރަގު ނައްތާލަން މަސައްކަތް ކުރާ ގައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޑިޖިޓަލް ސޮލިއުޝަންތަކުގެ ބޭނުން ހިފުމުން މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ސިއްހީ ހިދުމަތާއި ތައުލީމު ކުރިއެރުވުމާއި، އާންމު ހިދުމަތް ފޯރުކޮށްދިނުން ހަރުދަނާ ކުރުމާއި، އިގްތިސޯދުތައް ޑައިވާސިފައިކޮށް، ދިރިއުޅުމުގެ އިތުރު ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ރޮނގުން ހުރި ގޮންޖެހުންތައް ފުރުސަތަކަށް ބަދަލުކޮށް، އެންމެންނަށް ދެމެހެއްޓެނިވި އަދި ތަނަވަސް މުސްތަގުބަލަކަށް މަގު ފަހިކޮށްދެވިދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ޑިޖިޓަލް އިގްތިސޯދަކަށް ބަދަލުވުމުގެ މަސައްކަތް އަދިވެސް މިދަނީ ކުރަމުން ކަމަށާއި މިކަމަކީ އެކަނި ހާސިލް ވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލަށް ދިއުމަށް ބައިނަލްއަގްވާމީ އެއްބާރުލުމާއި، ގިނަ އަދަދެއްގެ އިންވެސްޓްމަންޓްތަކާއި ޕާޓްނާޝިޕްތައް ބޭނުންވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.