އުމުރުން 16 އަހަރު ނުފުރެނީސް ސޯޝަލްމީޑިއާގެ އެއްވެސް ވަސީލަތެއް އަދި އެޕެއް ވެސް ބޭނުން ނުކުރެވޭނެ ގޮތަށް އޮސްޓްރޭލިއާގައި ގާނޫނެއް ހަދައިފިއެވެ.

ދައުރުގެ އެންމެ ފަހު ދުވަހު (އިއްޔެ) ފާސްކުރި މި ގާނޫނަށް އަމަލުކުރާ ތާރީހު އަދި ނުނިންމައެވެ.

މި އާ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު, އިންޓަނެޓްގެ ހިދުމަތް ދޭ އަދި ސޯޝަލްމީޑިއާގެ ހިދުމަތް ދޭ ކުންފުނިތަކުން މި ގާނޫނަށް އަމަލުކުރަން ލާޒިމުވާނެއެވެ. އެއާއެކު ސެކިއުރިޓީ ފީޗާތައް ވަރުގަދަ ކޮށް 16 އަހަރުން ދަށުގެ ކުދިންނަށް އެ އެޕްތައް އަދި ހިދުމަތްތައް ބޭނުން ނުކުރެވޭގޮތް ހަދަން ޖެހޭނެއެވެ.

މި ގާނޫނާ ހިލާފު ވެއްޖެ ނަމަ އެފަރާތެއް 32 މިލިއަމް އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

މިއީ މިފަދަ ފިޔަވަޅުތަކަކާއެކު މިފަދަ ގާނޫނެއް ދުނިޔޭގައި ވުޖޫދު ކުރި ފުރަތަމަ ފަހަރެވެ. ސޯޝަލްމީޑިއާ އާއި އެނޫންވެސް އޮންލައިންގެ ހިދުމަތްތައް ގާނޫނާ ހިލާފަށް އަދި އިޖުތިމާއީ މިންގަޑުތަކާ ހިލާފަށް އެކިފަރާތްތަކުން ބޭނުން ކުރާ މައްސަލަ އަކީ އެކި ގައުމުތަކުން ފިޔަވަޅު އެޅުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލަމުން އަންނަ ކަމެކެވެ. އެގޮތުން ބައެއް ކުންފުނިތަކުން އުސޫލުތަކާ ހިލާފުވި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅެއެވެ.

މި އާ ގާނޫނާއެކު އޮސްޓްރޭލިއާގެ ބޮޑުވަޒީރު ވިދާޅުވީ, މި ބިލުން ބެލެނިވެރިންނަށް ޔަގީންކަމެއް ލިބިގެން ދާ ކަމަށާއި އެމީހުންގެ ފަހަތުގައި ސަރުކާރު އޮތްކަން ހާމަވެގެން ދާ ކަމަށެވެ. އަދި ދަރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭނެ ކަން މިހާރު ސޯޝަލްމީޑިއާ ކުންފުނިތަކަށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ, ސޯޝަލް މީޑިއާ އަކީ "ބުލީ ކުރުމާއި ރައްޓެހިންގެ ޕްރެޝަރާއި އަދި ނަފްސާނީ އެތައް މައްސަލަތަކަކަށް ހުށަހަޅައިދޭ އެއްޗެއްގެ އިތުރުން ސްކޭމަރުންނާއި އޮންލައިންކޮށް އެކިއެކި ކުށްތައް ހިންގުން އާންމު ތަނެއް" ކަމަށެވެ. އެހެން ކަމުން ވަގުތު ބޭކާރު ކުރެވެން ނެތް ކަމަށާއި "ޢަހަރެމެންގެ ޅަ ދަރިން ސަލާމަތް" ކުރަން ޖެހޭ ކަމަށެވެ.

ވަރުގަދަ ބަހުސްތަކަކަށް ފަހު ފާސް ކުރި މި ބިލާއެކު މެޓާ, އިންސްޓަގްރާމް, ޓިކްޓޮކް ފަދަ ކުންފުނިތަކުން ބުނީ, ބިލާ އެއްގޮތަށް ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށާއި ނަމަވެސް ބިލް ފާސްކުރީ މާ އަވަސް އަރުވާލައިގެން ކަމަށެވެ.

ކުޑަކުދިން އަދި ޒުވާނުންގެ މެދުގައި މަގުބޫލު ސްނެޕް އިން ބުނީ, ބިލްގައި ބުނާ ގިނަ ކަންކަން ތަންފީޒު ކުރުމާ މެދު އަދިވެސް ގިނަ ސުވާލުތައް އެބަހުރި ކަމަށާއި އެގޮތުން އެއް ކަމަކީ, އުމުރު ކަނޑައެޅުން ޑީވައިސް ލެވެލްގައި އޮތުމަށް ހިމަނާފައި ވާ ހިމެނުން ކަމަށެވެ. އެކްސްގެ ވެރިޔާ ބިލިއަނަރު އިލޮން މަސްކް ބުނީ, އެކްސް އަކީ ކުޑަކުދިން އެހާގިނައިން ބޭނުން ކުރާ ޕްލެޓްފޯމެއް ނޫން ކަމަށާއި ނަމަވެސް އެ ގާނޫނުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަމަށް ދެކޭކަމަށެވެ.

މި ބިލް ވުޖޫދުވާން އުޅުނު އިރު އޮސްޓްރޭލިއާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުން ދެއްކީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑިއާ މަނާކުރަން 77 ޕަސެންޓް މީހުން ތާއީދު ކުރާ ކަމަށެވެ.

މި އާ ގާނޫނާއެކު މިހާރު ހުރި އުމުރުން 16 އަހަރު ނުވާ ކުދިންގެ އެކައުންޓްތައް ވެސް ޑީއެކްޓިވޭޓް ކޮށް ޑިލީޓް ކުރަން ޖެހޭނެއެވެ.