ޑްރަގްގެ އެކި އޮޕަރޭޝަންތަކުގައި އިންޑިއާ ސިފައިން އަތުލައި ގުދަން ކޮށްފައި ހުރި 500 ކިލޯގެ ކެނަބީސް މީދާ ކާލި ކަމުގެ ތުހުމަތު ކޮށްފިއެވެ.

އެކި އޮޕަރޭޝަން ތަކުގައި އަތުލި 500 ކިލޯގެ ކެނަބީސްގެ ތެރެއިން 200 ކިލޯ އަށް ވީނުވީއެއް ބުނެދޭން ފުލުހުންނަށް ނޭނގުނު ކަމަށް ބުނެ އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ މަތުރާ ކޯޓުން ބުނީ، މީދަލަކީ ކުޑަކުޑަ ޖަނަވާރެއް ކަމަށާއި އޭތި ފުލުހުން ދެކެ ބިރު ނުގަންނަ ކަމަށެވެ.

ކޯޓުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކެނަބީސްގެ ތެރެއިން ހެކީގެ ގޮތުގައި ބޭނުން ކުރުމަށް 385 ކިލޯގެ ކެނަބީސް ދައްކަން ބުނި ކަމަށާއި ނަމަވެސް ވަކީލުން ބުނެފައި ވަނީ އެތަކެތި ނެތް ކަމަށެވެ. އަދި މަތުރާގެ އެކި ގުދަން ތަކުގައި ހުރި 700 ކިލޯއަށް ވުރެ ގިނަ މަރިޖުއާނާ ވެސް މީދާ ކާލާފައި ވެދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި މިއީ މިފަދަ ފުރަތަމަ ހާދިސާ ނޫން ކަމަށާއި މީދަލުގެ އުނދަގުލާހެދި ގުދަން ކޮށްފައި ހުރި މަސްތުވާތަކެތި ހަލާލުވެފައި ވާ ކަމަށް މީގެ ކުރިންވެސް ފުލުހުން ބުނެފައި ވާ ކަމަށް ކޯޓުން ބުނެއެވެ.

މިއާއެކު ކޯޓުން ވަނީ ފުލުހުންނަށް ގައިޑްލައިންއެއް ދީފައެވެ. އެ ގައިޑްލައިންގައި ބުނީ، މަތުރާގެ ފުލުހުންގެ ސްޓޭޗަން ތަކަކީ މީދާ ހާލި ހަދާފައި ހުންނަ ތަންތަން ކަމަށާއި ކެނަބީސް އާއި އެނޫންވެސް މަސްރުވާތަކެތި ތައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތައް ހެދުމަށެވެ. އަދި އެކަން އެގޮތަށް ކުރުމާއެކު، ނީލަން ކިޔުން، ނުވަތަ އެތަކެތި ނައްތާލުމަށް ވެސް ކޯޓުން ވަނީ އިރުޝާދު ދީފައެވެ.

މި އަޑުއެހުމަށް ފަހު މަތުރާ ސިޓީގެ ސްޕްރިންޓެންޑޭންޓް އޮފް ޕޮލިސް މަރްތާންދް ޕްރަކާޝް ސިންގް ވިދާޅުވެފައި ވަނީ، ކެނަބީސް ގެއްލުނީ، މީދާ ކައިގެން ނޫން ކަމަށާއި އެތަކެތި ހަލާކުވީ، ވާރޭ ވެހި ފެންބޮޑުވެގެން ކަމަށެވެ.

"ކޯޓަށް ހުށަހެޅި އެއްވެސް ލިޔުމެއްގައި މީދާ ކޭ ވާހަކައެއް ނޯންނާނެ، އެ ލިޔުންތަކުގައި އޮންނާނީ ވާރޭ ވެހި ފެންބޮޑުވެގެން ހަލާކުވި ކަމަށް"

މީދަލާއި މަސްތުވާތަކެއްޗާ ގުޅޭ ވާހަކަ ދައްކާ އިރު، ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާ އިން 2016 ވަނަ ހަދާފައި އޮތް ދިރާސާއެއް ބުނާ ގޮތުން، މީދާ މެރިޖުއާނާ ކައިފި ނަމަ، އޭގައި ހުންނަ މާއްދާއެއްގެ ސަބަބުން މީދާ ކަންނެތް ކޮށްލައެވެ. އެ ދިރާސާ ކުރުމަށް 29 މީދަލެއް ބޭނުން ކޮށްގެން ތަހުލީލު ކުރި ކަމަށާއި މެރިޖުއާނާ ކާން ދިނުމުން މީދާތައް ކަންނެތް ވެ އެ އެއްޗެއްސަށް އިތުރު ކަމެއް ކުރުމުގެ ހިތްވަރެއް ނުލިބެއެވެ. ނުވަތަ ކައިކައި އޮންނާނެހާ ހިތްވަރެއް ނުލިބެއެވެ.