ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރި ކަމަށް ބުނާ މައްސަލާގައި ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ ރިޕޯޓް ދިނުން ލަސްވުމުން އެ ހުކުމް އިސްތިއުނާފުކުރުމަށް ލިބޭ މުއްދަތު އިތުރު ކޮށްދީފިއެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ދައުވާލިބޭ ފަރާތްތަކުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު "މަސްޖަރީ 2" ނަމަކަށްކިޔާ ދޯންޏެއްގައި, 72 ކިލޯ ހުރި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކް ކުރަން އުޅުނު ކަމަށެވެ.

މި މައްސަލާގައި ދައުލަތުން 10 މީހެއްގެ މައްޗަށް ފުރަތަމަ ދައުވާ އުފުލާފައިވާއިރު އެއިން ހަތް މީހެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސް ކްރިމިނަލް ކޯޓުން ފަހުން ޝަރީއަތް ހިންގީ ތިން މީހެއްގެ މައްޗަށެވެ. އެގޮތުން މި މައްސަލައިގައި ދައުވާކޮށްފައި ވަނީ

- އިރުފާން ތަގިއްޔު، ދޭލިޔާގެ، އައްޑޫ ސިޓީ ހުޅުދޫ

- އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ

- މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީ

އެ ތިން މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް މިއަހަރުގެ ޖެނުއަރީ މަހު ހުކުމްކޮށްފައިވާއިރު، އޭގެ ތިން މަސްފަހުން، އެޕްރީލް މަހު ޕީޖީން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރާނެކަަމަށް ބުނެފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ނުވާއިރު މައްސަލަ އިސްތިއުނާފުކުރުން ލަސްވަނީ ހުކުމުގެ ރިޕޯޓް ދަށު ކޯޓުން ލިބުން ލަސްވުމުންނާއި ކުރަން ޖެހޭ ދިރާސާތައް ގިނަވުމުންކަމަށް ޕީޖީން ވަނީ ބުނެފައެވެ.

މި މައްސަލާގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ދަށު ކޯޓުން ދޫކުރި ތާރީހުން ފެށިގެން އިސްތިއުނާފުގެ މުއްދަތު ގުނާ ގޮތަށް މުއްދަތު އިތުރުކޮށްދޭން ޕީޖީން ވަނީ އެދިފައެވެ. ޕީޖީން އެދުނު ގޮތަށް މި މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު މިހާރު މި މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވަނީ އަންނަ ޖުލައި 31 ވަނަ ދުވަހަށް ކަމަށެވެ.