ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެ އަށް ގެންނަން މަސައްކަތް ކުރި ދެ ދިވެއްސަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހުއްޓުވައިފިއެވެ.

އިންޑިއާގެ ކަސްޓަމްސް އާ ހަވާލާދީ، އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވަނީ، އެ ބޭސްތައް ފެނުނީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އަށް ދާން ފުރަން ގޮސް ތިބި މުބާހް ސައީދު އާއި އަބްދުއްﷲ ނަސީމް ނަމަކަށް ކިޔާ ދެ ދިވެހިންގެ އަތުން ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓުން މިދިޔަ އާދިއްތަ ދުވަހު، މި ދެމީހުން ހިފަހައްޓާ، ލަގެޖްތައް ފާސްކުރިއިރު 5 ފޮއްޓެއްގައި ބަންދުކޮށްފައިވާ ބޭސްތައް ފެނިފައިވާކަމަށާއި މި ބޭހުގެ އަގު ތިން ލައްކަ އާއި ފަސް ލައްކަ ރުޕީސް އަށް އަރާނެކަމަށް ބެލެވޭ އެވެ. އަދި އެހާ ގިނަ އަދަދެއްގެ ބޭސް އެކްސްޕޯޓު ކުރަން ހުއްދަ ބޭނުންވާއިރު، އެކަމުގެ އެއްވެސް ލިޔުމެއް އަދި ހުއްދައެއް ވެސް އެ މީހުންގެ އަތުގައި ނެތް ކަމަށް ވަނީ ބުނެފައެވެ.

އިންޑިއާގެ ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މީހުން އެ ބޭސްތައް ރާއްޖެ އަށް ގެންނަން އުޅުނު ސީދާ ސަބަބެއް ސާފުނުވާ ކަމަށެވެ. އަދި އެ ބޭސްތައް ތަހުލީލުކޮށް، އޭގައި މަސްތުވާ ޒާތުގެ ބޭހެއް ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި މިއީ މިގޮތަށް ވަގަށް ބޭސް ބޭރުކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ތެރެއިން ހިނގި ކަމެއްތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.