ދިވެހިރާއްޖެއަކީ ދުޅަހެޔޮ، ރައްކާތެރި ގައުމަކަށް ހެދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރަމުންދާ އިރު، މި މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރެވޭނީ ގައުމުތައް ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ރާއްޖެއިން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ގާނޫނު ތަންފީޒުކުރުމާއި ރައްކާތެރިކުރުމާއި މަސްތުގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމާއި އަދި މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް ކުރަމުންދާ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ.
އެ މަސައްކަތްތައް ކުރިއަށް ގެންދަނީ ގައުމީ އޮނިގަނޑެއްގެ ތެރެއިން އެއް އަމާޒަކަށް ވާސިލްވުމަށް ކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް ވަނީ ދިވެހިރާއްޖެއަކީ ދުޅަހެޔޮ އަދި ރައްކާތެރި ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މަސްތުވާތެކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ބައިނަލްއަގްވާމީ ގޮތުން ކުރަމުންދާ މަސައްކަތުގައި ވެސް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 26 ވަނަ ދުވަހެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި އދ.އިން މި ދުވަސް ކަނޑައަޅާފައި ވަނީ ޑިސެމްބަރު 7، 1987 ގައެވެ.