މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިންގި އަލިފާނުގެ ހާދިސާގައި މ. ނިރުފެހިގެ ހިމެނޭހެން 6 ގޭބީސީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް, ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، މި ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގޭބީސީތަކުގެ ތެރޭގައި މ. ވާދީގެ ހަތަރު ގޭބީސީއަކާއި މ. ސޭންޑްރޯސްގެ އެއް ގޭބީސީ ހިމެނޭ ކަމަށެވެ.

މީގެތެރެއިން 5 ގޭބީސީއެއްގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް (ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން) އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައި ވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

މީގެ އިތުރުން މި އާއިލާތަކަށް އެހެން ތަނެއް ކުއްޔަށް ހިފުމަށް ދެ މަހުގެ އެޑްވާންސް ފައިސާއާއި އެއް މަހުގެ ކުލި ޖަމާކޮށްދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

ނިރުފެހިގޭގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން ނުވަ މީހަކަށް، އެ މީހުންގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވުމަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމާއި ނަފުސާނީ އެހީތެރިކަން ވެސް ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ ހާދިސާގައި ގެއްލުންވި ގޭގޭގެ ޑެމޭޖު އެސެސްމެންޓު ހަދައި ނިމިފައިވާ ކަމަށާއި ގެއްލުންތައް އަގުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން މިހާރު ވަގުތީ ބޯހިޔަވަހިކަމުގައި އެއްވެސް ފަރާތެއް ނެތް ކަމަށެވެ.

އެ ހާދިސާގައި 10 މީހަކު މަރުވެފައި ވާއިރު އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނެކެވެ. އަދި އެ އެންމެންގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ފޮނުވާ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

އެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން ކްރިޓިކަލް ހާލަތުގައި އޮތް ބިދޭސީ ފިރިހެނަކަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިން ނަމަވެސް އެ މީހާގެ ހާލު ރަނގަޅުވެ މިހާރު އޭނާ ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ ތަހުގީގު ކުރަމުންދާއިރު ނިރުފެހިގެ ސާފު ކުރަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ މީހެއްގެ ފައިތިލަ އެއް ފެނިފައެވެ.