ތ. ވިލުފުށީ ފަޅުގައި އޮތް ތެޔޮއުފުލާ 2 ދޯންޏެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 2 މީހަކު ފިހިއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ވިލުފުށީ ރައްޔިތަކު ބުނީ، ފިހިފައިވަނީ އެތަނުން އެއް ދޯންޏެއްގެ ވެރިފަރާތާއި ދޯނީގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށެވެ.
އަލިފާން ރޯވާން ދިމާވި ސަބަބު އަދި އެނގިފައި ނުވާ އިރު، އެ ހާދިސާގައި އެ ދެމީހުން ފިހުނީ ދޯނީގައި ތިއްބާކަމެއް ނުވަތަ ހާދިސާ ހިނގި ވަގުތު ދޯނި ކައިރީގައި ހަރާކްތެރިވުމުން ކަމެއް އަދި މުޅިން ސާފެއް ނުވެއެވެ.
އަދި އެ ދެމީހުން ފިހުނު މިންވަރު 'ދަ ޕްރެސް' އަށް ޔަގީން ކުރެވޭ ގޮތެއް ނުވެއެވެ.
މި ހާދިސާ އާ ގުޅިގެން އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔާ ކޮމްޕޯނަންޓްގެ ސިފައިން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ މީގެ ގަޑިއެއްހާ އިރު ކުރިންނެވެ. ފުރަތަމަ ރޯވީ އެއް ދޯނީގައެވެ. ދެވަނަ ދޯނީގައި ރޯވީ ފުރަތަމަ ދޯނީގައި ރޯވެ އަނދަމުން ދިޔަ އަލިފާންގަނޑުގެ އަސަރު ކޮށްގެން ކަމަށް ބެލެވެއެވެ.
މިހާދިސާ ހިނގި އިރު ވިލުފުށީ ފަޅުގައި 3 ދޯންޏެއް އޮތް މަންޒަރު އާންމުވެފައި ވާ ވީޑިއޯ ފްޓޭޖްތަކުން ފެނެއެވެ.