ހޮޅުދޫ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ގެއްލުނު ލ. މާވަށަށް އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ޝަރީފުގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަން ނިންމައިފިއެވެ.
ލ. މާވަށު ކައުންސިލުން މިއަދު ބުނީ މުޝްފުގްގެ މައްޗަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައި ކަމަށެވެ. މި ކަށު ނަމާދުގައި އަންހެނުންނަށް ވެސް ބައިވެރިވެވޭނެ ކަމަށާއި ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މިދިޔަ ބުދަ ދުވަހު ހިރިލަންދޫ އިން ފުރައިގެން މާލެ ދަނިކޮށް ތ. ކަނޑޫދޫ ކައިރިން ހޮޅުދޫ ބޯޓުގައި ރޯވި ހާދިސާގައި ގެއްލުނު މުޝްފިގު ހޯދުމަށް ބޮޑު ސަރަހައްދެއްވަނީ ބަލާފައެވެ.
މުޝްފިގު ގެއްލުނުތާ ހަފުތާއެއް ފަހުން އާއިލާއިން ބޭނުންވެގެން ކަށު ނަމާދު ބާއްވާއިރު، އެމްއެންޑީއެފުން އަދިވެސް މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާލާފައެއް ނުވެއެވެ.