ބޭސްފަރުވާއާއި ގުޅިގެން ދައުލަތުން ރައްޔިތުންނަށް ދޭ އެހީގެ ހުރިހާ ހިދުމަތެއް 'ވިރަ' ގެ ނަމުގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭން ފަށައިފިއެވެ.

އާސަންދައިން ބުނީ، "ވިރަ" ސެންޓަރުގެ ކައުންޓަރުތައް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ހުންނާނެ ކަމަށެވެ. މިއާއެކު އާސަންދަ ކުންފުނިން ފޯރުކޮށްދެމުންދާ އާސަންދަ އަދި މެރަނާ ސްކީމްގެ ހިދުމަތްތަކާއި އެންސްޕާގެ ދަށުން ފޯރުކޮށްދެމުންދާ މެޑިކަލް ވެލްފެއާ ހިދުމަތްތައް އެއްތަނަކުން ލިބިގަތުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެފައިވާ ކަމަށް އާސަންދައިން ބުނެއެވެ.

މި ބަދަލާއެކު ކުރިން އާސަންދަ އަދި މެޑިކަލް ވެލްފެއާއަށް އެދި ވަކިވަކިން ފޯމު ހުށަހެޅުމުގެ ބަދަލުގައި، އެހީ ބޭނުންވާ ފަރާތުން ހުށަހަޅަން ޖެހޭނީ އެންމެ ފޯމެއް ކަމަށާއި އަދި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތުގެ ހާލަތު ބަދަލުނުވާހާ ހިނދަކު އިތުރު ފޯމެއް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ، ކުރިން ދެ އިދާރާއަކުން ހޯދަން ޖެހޭގޮތަށް އޮތް މި ހިދުމަތްތައް އެއް ތަނަކުން ލިބުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއި ފަސޭހައެއް ކަމަށެވެ. އަދި އެތައްފަހަރަކު ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި އެއްފަހަރު ލިޔެކިޔުން ހުށަހަޅާގޮތަށް ހަމަޖެހިގެން ދިއުމަކީވެސް ހިދުމަތް ހޯދުމުގައި ތަކުލީފު ކުޑަވެ، ހިދުމަތް ލިބުން އަވަސް ވެގެންދާނެ ބަދަލެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ބޭސްފަރުވާއާ ގުޅިގެން ދަޢުލަތުން ދެމުންގެންދާ އެހީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ފޯރުކޮށް، ވީހާވެސް ހަމަހަމަގޮތެއްގައި ދިނުމަށްޓަކައި، ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ހުރިހާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގައި 'ވިރަ' ކައުންޓަރުތައް ގާއިމުކުރާނެ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ، 'ވިރަ' ކައުންޓަރުތަކުގެ އިތުރުން 'ވިރަ' މައުލޫމާތު މަރުކަޒުގެ ނަމުގައި މުޅިން އާ ކަސްޓަމާ އެކްސްޕީރިއެންސް ސެންޓަރެއްވެސް މިއަދު ވަނީ ހުޅުވާފައެވެ. މި މަރުކަޒު ހުޅުއްވައިދެއްވީ މިއަދު ހެނދުނު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ.

ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކާއި އެ ހިދުމަތްތައް ލިބިގަންނާނެ ގޮތުގެ ފުރިހަމަ މައުލޫމާތު މި މަރުކަޒުން ލިބިގެންދާނެ ކަމަށާއި އަދި އެ ހިދުމަތްތައް ހޯދުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި މަރުކަޒުން އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް އާސަންދައިން ބުނެއެވެ.

މިގޮތުން ބަލިމީހާއަށް ބޭނުންވާ ފަރުވާ ކުރިއަށް ގެންދިޔުމުގައި އެންމެ ފަސޭހަވާނެ ގޮތާއި، ފަރުވާކުރުމުގައި ދައުލަތުގެ ފަރާތުން ލިބެން ހުރި އެހީތައް މި ސެންޓަރުން އޮޅުންފިލުވައިދޭނެ ކަމަށް އާސަންދައިން ބުނެއެވެ. އަދި ބޭނުންވާ އެހީ ހޯދުމުގެ މަގު ތަނަވަސްކޮށްދީ ކުރިއަށްދާންވީ ގޮތުގެ އިރުޝާދާއި އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

"ވިރަ" ކައުންޓަރުތަކުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 ޖެހުމާއި ހަމައަށް ހިދުމަތް ލިބޭނެކަމަށް އާސަންދައިން ބުނެއެވެ.