ޔޫކްރައިންގެ އިރުމަތީ ބިތުގެ ސަރަހައްދެއްގައި އަމާން ދިން ރަޝިއާގެ ސިފައިންތަކެއް ޔޫކްރައިން އިން މަޑިޖަހާ މަރާލި ކަމުގެ ތުހުމަތުތަކާ އެކު މަޝްރަހު ހޫނުވެއްޖެއެވެ.

މި ހާދިސާ އާ ގުޅިގެން ޔޫކްރައިން އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވާ އިރު، އަމާންދިން ސިފައިން އެއް ތަނަކަށް އެއްކޮށްފައި ތިބި ތަން ފެންނަ ވީޑިއޯއެއްގައި އެމީހުން ހަރަކާތްތެރިވާ މަންޒަރާއި ބަޑިޖަހާ މަންޒަރު ފެނެއެވެ. އަދި މަރުވެގެން ވެއްޓިފައި ތިބޭ މީހުން ވެސް ފެނެއެވެ.

އެމީހުން ތިބި ތަން ތިރިންނާއި މަތިން ޑްރޯން އިން ނަގާފައިވާ ފްޓޭޖްތައް އާންމު ވެފައި ވާ އިރު، ރަޝިއާއިން ބުނެފައި ވަނީ މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

މިހާދިސާ އަކީ، މިމަހުގެ 12 ވަނަ ދުވަހު ލުހާންސްގެ މަކިޔިވްކާ ސަރަހައްދުގައި ހިނގާފައިވާ ހާދިސާއެކެވެ. ޔޫކްރައިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ފާމްރާޑެއްގައި ޔުނިފޯމްގައި ތިބި ސިފައިން މަރުވެފައި ތިބި މައްޒަރާއެކު މިއީ ޔޫކްރައިން އިން ހިންގި ޖަރީމާއެއް ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް އާންމު ތަހުގީގު ކުރަމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ. އެ ވީޑިއޯ ދައްކާފައި ވަނީ ޔޫކްރައިންގެ ޑިފެންސް މިނިސްޓްރީން އެމީހުން މަކިޔިކްކާގައި ހިންގާ އަސްކަރީ އޮޕަރޭޝަނަކާ ގުޅޭ ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައިވެސް ފެންނަނީ މި ތަން ކަމަށް ހަބަރުތައް ބުނެއެވެ.

ރަޝިއާ ސިފައިން އަމާންދީ ބިންމަތީގައި އޮށީވެ ތިބޭ އިރު އެކަކު ކޮޅަށް / ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓެއް

މިހާދިސާއާ ގުޅިގެން ރަޝިއާއިން އިތުރަށް ބުނީ، އެ ޖަރީމާ ހިންގާފައި ވަނީ ޔޫކްރައިންގެ 80 ވަނަ އެއާބޯން އެސޯލްޓް ބްރިގޭޑުން ކަމަށެވެ.

މި ތަނުގައި ހިންގާ އަސްކަރީ އޮޕަރޭޝަނާ ގުޅޭ އިތުރު ވީޑިއޯއެއް މިމަހުގެ 17 ވަނަ ދުވަހު އާންމު ވި އިރު އެ ވީޑިއޯ ނަގާފައި ވަނީ އެތާ ހުރި މީހެއް ކަމަށާއި އެ ވީޑިއޯގައި ޔޫކްރައިން ބަހުން މީހަކު ވާއްކާ އަޑު އިވޭ އިރު، އޭނާ ބުނަނީ ފިލާ އޮތް މީހަކު އޮތިއްޔާ ނުކުތުމަށެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން، ޔުނިފޯމްގައި ތިބި މީހުން ސަފަކަށް ވާ ގޮތަށް ބޯވަތަށް ޖަހައިގެން ބިންމަތީގައި އޮށޯވެ ތިބެއެވެ. އަދި އެންމެން ބޭރަށް ނުކުމެއްޖެތޯ އަހާއަޑު އިޥޭ އިރު، ކަޅުކުލައިގެ ޔުނިފޯމްގައި ހުންނަ މީހަކު އިމާރާތެއްގެ ކަރިން ނުކުންނަމުން ބަޑިޖަހާތަން ވެސް ފެނެއެވެ.

ރަޝިއާއިން ބުނީ، މިއީ ގަސްތުގައި ޔޫކްރައިން އިން ހިންގާފައި ވާ ޖަރީމާއެއް ކަމަށާއި، މަރާލާފައި ވަނީ ސިފައިންގެ ބޮލަށް ބަޑިޖަހާ ކަމަށެވެ.

ރަޝިއާ ސިފައިން އަމާންދީ ބިންމަތީގައި އޮށީވެ ތިއްބާ ބަޑިޖަހާ މަރާލާފައި / ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓެއް

ހަނގުރާމަތަކުގައި އަމާންދީ ދެއަތް ބޯމައްޗަށް ލައިގެން އޮށޯވެ އޮއްވާ މަރާލުމަކީ ހަނގުރާމައިގެ ޖަޒީމާއެކެވެ.

ޔޫކްރައިންގެ މި އަމަލާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވާ އިރު، ރަޝިއާއިންވެސް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކޮށް ޔޫކްރައިން އާއި ހުޅަނގުން ވަނީ ރަޝިއާއަށް ފާޑުކިޔާފައެވެ.

ރަޝިއާ އާއި ޔޫކްރައިން ހަނބުރާމައަށް 9 މަސް ވެފައި ވާއިރު، ހުސްވި ހަފްތާގައި އދ ގެ މިޝަން އަކުން ހާމަ ކުރި ރިޕޮޓެއް ބުނާގޮތުން، ދެފަރާތުންވެސް ހަނގުރާމައިގެ ޖަރީމާ ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ އަސީރުންނަށް ލާއިންސާނީ އަނިޔާ ދިނުންފަދަ ކަންކަން ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.