ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތަކަކީ ޔާމީނާއި ޔޫސުފްގެ ނައީމްގެ ދިފާއުގައި ދީފައިވާ ހެކިބަސްތައް ދޮގުކުރުމަށް ހުށަހަޅާފައިވާ ހެކިތަކެކެވެ. އެ ހެކިތަކުގެ ތެރޭގައި ހިމެނެނީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އޭރު ސިފައިންގޭގައި ވަޒީފާ އަދާކުރަމުން ދިޔައިރުގެ ހާޒިރީ ރެކޯޑުތަކާއި، ކުރީ ސަރުކާރުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޔައުމިއްޔާއެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އާ ހެކިތަކެއް ހުށަހެޅުމަށް އެދިފައެވެ. ނަމަވެސް އެ ހެކި ހުށަނޭޅޭނެ ކަމަށް ދިފާއުން އެ ދުވަހު ބުނެފައިވެއެވެ.
މިހާރު ކުރިއަށްދާ އަޑުއެހުމުގައި އެކަމާ މެދު ގޮތެއް ނިންމަވަމުން، މައްސަލަ ބައްލަވާ އިސްގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، ދައުލަތުން ހުށަހެޅި އާ ހެކިތައް ޖިނާއީ އިޖުރާއަތުގެ 135 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ ހެކިތަކެއް ކަމަށް ނިންމެވީ ކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ ޝަރީއަތް ކުރިއަށް ދަނިކޮށް އާ ހެކިތަކެއް ލިބިއްޖެ ނަމަ، ކޯޓަށާއި ދިފާއަށް އަންގަން ޖެހޭނެ ކަމަށެވެ.
އާރަށުގެ މައްސަލައިގައި ޔާމީނަށް ރިޝްވަތު ދިން ކަމުގެ ދައުވާ ޔޫސުފް ނައީމަށް ކުރެއެވެ. ދެ ބޭފުޅުންގެ މައްސަލަ ކުރިއަށް ގެންދަނީ އެއްކޮށެވެ.
އާ ހެކިތައް ބަލައިގަތުމަށް އިސްގާޒީ ޝަކީލް ނިންމެވުމުން، ޔޫސުފް ނައީމްގެ ފަރާތުން އެދިވަޑައިގަތީ އެ ނިންމުން މުރާޖައާކޮށް، އެކަމާ މެދު ވާހަކަ ދައްކާނެ ފުރުސަތު ދިނުމަށް ފަހު ގޮތެއް ނިންމުމަށެވެ.
ނަމަވެސް، މިއަދު ގޮތެއް ނިންމަވާނެ ކަމަށް އިސްގާޒީ ކުރިން ވިދާޅުވެފައިވާތީ، އެ ފުރުސަތެއް ނުދެއްވައެވެ.
ޔާމީންގެ ދިފާއުގައި ކުރިން ހެކިބަސް ދެއްވީ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ނަރީޝެވެ. ޒުހޫރާއި ސައީދު ހެކިބަސް ދެއްވީ، އާރަށުގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގެ ޔައުމިއްޔާ ސައްހަނޫންކަން ސާބިތުކުރުމަށެވެ. ނަރީޝް ހެކިބަސް ދިނީ ޔާމީނަށް ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތްކަން ސާބިތުކުރުމަށެވެ.