ފަތުރުވެރި ކަމަށް 50 އަހަރު ފުރުން މިއަހަރު ފާހަގަ ކުރަމުން އަންނަ އިރު ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށްށާއި ތަރައްގީ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށް ރާއްޖެއަށް ގިނަ ފަތުރުވެރިން ގެނައުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބޭރުގެ މާކެޓްތަކުގެ ސަމާލުކަން ހޯދުމަށް ގިނަ ހޭދައެއް ކޮށް އިސްތިހާރު ކުރުމާއި އެތައް މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން އިތުރު މަސައްކަތްތަކެއް ފަށާފައި ވަނީ 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑު ކަމުގެ ސަބަބުން ދިމާވި އިގްތިސޯދީ ގޮން ޖެހުންތަކުން އަރައިގަތުމަށެވެ.

އެ ގޮތުން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށް މި އަހަރު ތެރޭ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. މިއަހަރު ނިމުމަށް ބާކީ 46 ދުވަސް އޮތް އިރު މައުސޫމް އުންމީދު ކުރެއްވި އަދަދާ ގާތް ކުރަން ދެން ބާކީ ބޭނުން ވަނީ 182،000 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެއާ ހަމައަށް ރާއްޖެއަށް ވަނީ 1،417،518 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ފަތުރުވެރިންގެ އަދަދަށް ބަލާއިރު 30 ޕަސެންޓްގެ ކުރި އެރުމެކެވެ. މިއަދަދާ އެކު މިދިޔަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު މި ވަނީ މުގުރާލާފައެވެ. މިދިޔަ އަހަރުތެރޭ ރާއްޖެއަށް ވަނީ ޖުމްލަ 1،321،937 ފަތުރުވެރިން އައިސްފައެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން / ފޮޓޯ: ވެލާނާ އެއާޕޯޓް
"މިއަހަރު 1.6 ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރެވިފައި ހުރީ. އެއަށް ވުރެ ގިނަ ވާނެ ކަމަށް މިބަލަނީ، އެގޮތުން ކުރިއަށް އޮތް ޑިސެމްބަރު މަހު ރަނގަޅު ނަންބަރުތަކެއް އަންނާނެ ކަމަށް އުންމީދުކޮށްގެން މި ހުރީ."
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މި ކާމިޔާބީ ހާމަކުރައްވައި 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ޓާގެޓް ކުރި އަދަދު ހާސިލް ކުރުމާ ގާތަށް ދިއުމަކީ ލިބޭ އުފަލެއް ކަަމަށާއި އަދި ކުރިއަށް އޮތް ޑިސެމްބަރު މަހު ފަތުރުވެރިން އަންނަ އަދަދުތައް އިތުރުވެގެން ދާނެ ކަމަށެވެ. މި އަހަރުތެރޭ އިރުމަތީ ޔޫރަޕްގައި ހިންގަން ފެށި ހަމަނުޖެހުންތައް، ރަޝިޔާ ޔޫކްރެއިންގެ ހަމަނުޖެހުމަށް ހައްލެއް ލިބި، ތެޔޮ އަގު ހެޔޮވެ، އަދި ދަތުރުފަތުރުގެ އަގު ހެޔޮ ވެއްޖިއްޔާ މިއަށް ވުރެ ފަތުރުވެރިކަން މާ ބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ހާއްސަކޮށް ޗައިނާ މާކެޓުން ފަތުރުވެރިން ނާންނަ ދުވަސްވަރެއްގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނަންބަރުތައް މައްޗަށް ދިއުމަކީ ރާއްޖެއާ ދޭތެރޭ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ ހެއްކެއް ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެެ. ހަމައެއާއެކު ރާއްޖެއަށް ވިދިވިދިގެން ތިން އަހަރު "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ލިބިގެން ދިއުމަކީ ވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް ގޯލްޑަން އިޔާ ގާލާ ޑިނާ 2022 / ފޮޓޯ: ރައީސް އޮފީސް

ކޮވިޑްގެ ދަތި ދުވަސްވަރު ރާއްޖޭގެ އިގްތިސޯދަށް އައި ލޮލޫމުގައި ވެސް މިއަދު ޓޫރިޒަމަށް މިހާ ބިޑު ތަރައްގީއެއް އައުމަކީ އުފާ ކުރައްވާ ކަމެއްގެ ގޮތުގައި މައުސޫމް ސިފަކުރެއްވިއެވެ. އަދި މިއަދު ޓުރިޒަމް މިހާ ހިސާބަށް ދިއުމުގެ ފަހަތުގައި އެ ދުވަސްވަރު ކޮވިޑްގެ ހާލަތަާއި ޓޫރިޒަމް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ ހުންނަވައިގެން ކުރެއްވި ހިކްމަތްތެރި މަސައްކަތްތަކަކީ ފާހަގަކޮށްލަން ޖެހޭ ކަމެއްގެ ގޮތުގައި މައުސޫމް ވިދާޅުވިއެވެ. މީގެ އިތުރުން މުޅި ގައުމު އެއބައިވެ އެކަތިގަނޑެއްގެ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ކުރި މަސައްކަތަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށް މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް އައި ބައެއް މަޝްހޫރު ފަތުރުވެރިން ދިން މެސެޖްތަކަކީ ވެސް ރާއްޖެއަށް ގިނަ ފަތުރުވެރިންގެ ސަމާލުކަން ހުްޓުގެން ދިޔަ ކަމެއް ކަމަށާއި އެއީވެސް ފަތުރުވެރިކަމަށް އައި ކުރިއެރުމުގެ ފަހަތުގައި އިތް ކަމެއްގެ ގޮތުގައި މައުސޫމް ސިފަކުރެއްވިއެވެ. ރާއްޖޭގެ ޓޫރިޒަމް މިހާ ހިސާބަށް ގެނައުމަށް އެމްއެމްޕީއާރްސީއާއި ވިޒިޓް މޯލްޑިވްސް އާއި އަދި ފަތުރުވެރިކަމުގައި މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކާ ގުޅިގެން ރާއްޖެ މާކެޓް ކުރުމަށް ކުރި މަސައްކަތްތަކަކީ ވެސް ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް މައުސޫމް ވިދާޅުވިއެވެ.

ދުނިޔޭގައި ފާހަގަކޮށްލެވޭ ޓޫރިސްޓް މަންޒިލްތައް ކަމަށްވާ ދުބާއިީ އާއި އިންޑޮނީޝިއާ ފަދަ ގައުމުތައް ހިމެނޭހެން 18 ގައުމަކާ ވާދަކޮށް، މިއަހަރު ވެސް ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ރާއްޖެއިން ކާމިޔާބު ކޮށްފައިވާއިރު އިތުރު އެކި ދާއިރާތަކުން ވެސް ރާއްޖެއަށް ވަނީ އެވޯޑް ލިބިފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު، އިއްޔެއާ ހަމައަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ، 1.4 ބިލިއަނަށް އަރާ އިރު، މުޅި އަހަަރަށް ބަލާ އިރު އެންމެ ގިނަ ފަތުރުވެރިން އައި މަހަކީ މިދިޔަ މާޗް މަހާއި އޮކްޓޯބަރު މަހެވެ. މާޗް މަހު 1.50 ލައްކަ ފަތުރުވެރިން އައިސްފައިވާ އިރު އޮކްޓޯބަރު މަހު ވަނީ 1.53 ލައްކަ ފަތުރުވެރިން އައިސްފައެވެ. އޮކްޓޯބަރު މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު އެއީ 8 ޕަސެންޓްގެ ކުރި އެރުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފާހަގަ ކުރުމަށް ގިން ކެމްޕެއިން ތަކެއް ކުރަމުންނެވެ. ކޮވިޑް އައުމުގެ ކުރިއަށް ބަލާއިރު 2019 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1.7 މިލިއަންއެވެ. ޑިސެމްބަރު މަހު ފަތުރުވެރިން އަންނަ އަދަދު އިތުރުވެއްޖެ ނަމަ ކޮވިޑްގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އޮތް ހަމއަށް ވަށިް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.